Roadha Mihaaru
ޗައިނާ ޒުވާނުންގެ އެންމެ މަގްބޫލް އެއް ތަނަށް ރާއްޖެ

ޗައިނާގެ ޒުވާނުންގެ މެދުގައި އެންމެ މަގްބޫލް އެއް މަންޒިލަކަށް ރާއްޖެ

27 ސެޕްޓެމްބަރ 2016

ޗައިނާއިން ބޭރަށް ދަތުރުކުރާ ޒުވާނުންގެ މެދުގައި އެންމެ މަގްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ޗައިނާއިން ބޭރަށް ދަތުރުކުރާ ޒުވާނުންގެ މެދުގައި އެންމެ މަގްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ރިސާޗް ފާމްގެ ތެރޭގައި ހިމެނޭ އެޖިލިޓީ ރިސާޗް އެންޑް ސްޓްރެޓަޖީ އިން އޭޝިޔާގައި ހެދި ސާވޭއަކުން ދައްކާ ގޮތުން އޭޝިޔާގެ ގައުމުތަކުގެ ޒުވާނުންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް އެންމެ މަގްބޫލް ތަންތަނަކީ ހޮން ކޮންގް، ސިންގަޕޫރު އަދި ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އެވެ. ނަމަވެސް ޗައިނާގެ ޒުވާނުންގެ މެދުގައި އެ ތަންތަނަަށް ވުރެ މަގުބޫލްވެފައި ވަނީ ރާއްޖެ، ފްރާންސްގެ ވެރިރަށް ޕެރިސް، އޮސްޓްރޭލިޔާގެ ސިޑްނީ އަދި ޖަޕާންގެ ޓައިޕޭ އެވެ.

ސިންގަޕޫރުގައި މި މަހުގެ 7-8 އަށް ބޭއްވި "މިލޭނިއަލް 2020" ސަމިޓްގައި އާންމުކުރި ސާވޭގެ ނަތީޖާގައި ބުނި ގޮތުގައި އޭޝިޔާ ގައުމުތަކުގެ މީހުން ބޮޑަށް ބަލަނީ ދާން ބޭނުންވާ ގައުމެއްގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. ސާވޭގައި ބައިވެރިވި 18 އަހަރާއި 34 އަހަރާ ދެމެދުގެ 900 މީހުންގެ ތެރެއިން 54 ޕަސެންޓް އެ ޖަވާބު ދީފައިވާ އިރު، 44 ޕަސެންޓް މީހުން ބަލަނީ އެ ގައުމެއްގެ ތާރީހާއި ސަގާފީ ކަންތައްތަކަށެވެ. އަދި 33 ޕަސެންޓް މީހުން ދިއުމަށް ހިޔާރުކުރަނީ އަގުގެ ގޮތުން އެކަށީގެންވާ ގައުމެކެވެ.

ޗައިނާއިން ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އެ ގައުމުގެ ސީޗުއާން ޕްރޮވިންސްގައި ބާއްވާ ޓޫރިޒަމް ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަންނަނީ ބައިވެރިވަމުންނެވެ. އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި ޗައިނާގައި އާންމުކޮށް އިޝްތިހާރު ނުކުރާ ޕްރޮވިންސެއްގައި ކުރަނީ ޗައިނާ މާކެޓް ރަނގަޅުކުރުމަށެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިން ކަމަށްވީ ނަމަވެސް ޗައިނާ މާކެޓް ވަނީ ދަށަށް ދާން ފަށައިފަ އެވެ. މިދިޔަ ޖުލައި މަހު ޗައިނާއިން އައީ 36،456 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.2 ޕަސެންޓް ދަށް އަދަދެކެވެ.