Roadha Mihaaru
ޗައިނާ ޓޫރިސްޓުންނަށް ފަހި ގޮތްތަކެއް ހަމަޖައްސަންއެދެފި

ޗައިނާގެ ޓޫރިސްޓުންނަށް ފަހި ގޮތްތަކެއް ހަމަޖައްސަން އެދެފި

08 ޑިސެމްބަރ 2017

ރާއްޖެއަށް ޒިޔާރަތް ކުރާ ޗައިނާގެ ޓޫރިސްޓުންނަށް ފަހި ގޮތްތަކެއް ހޯދައި ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ގައުމުގެ ޕްރިމިއާ އޮފް ދި ސްޓޭޓް ކައުންސިލް ކީކްޔަންގް އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެއަށް ޒިޔާރަތް ކުރާ ޗައިނާގެ ޓޫރިސްޓުންނަށް ފަހި ގޮތްތަކެއް ހޯދައި ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ގައުމުގެ ޕްރިމިއާ އޮފް ދި ސްޓޭޓް ކައުންސިލް ކީކްޔަންގް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ރައީސް އަބްދުﷲ ޔާމީނާ އެކު ބޭއްވި ބައްދަލުވުމުގައި ލީ ވިދާޅުވީ މިދިޔަ ހަތް އަހަރު ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކަށް ޗައިނާ ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ބޭނުންވާ ކަމަށް ލީ ވިދާޅުވި އެވެ.

ޗައިނާ ޓޫރިސްޓުންނަށް ރާއްޖެއަކީ މަގުބޫލު މަންޒިލެއްކަން ފާހަގަކުރައްވަމުން ލީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ އިތުރުން ގައުމު އާރާސްތުކުރުމާއި ސިވިލް އޭވިއޭޝަންގެ ދާއިރާ އާއި އިގްތިސާދާއި ވިޔަފާރީގެ ދާއިރާ އާއި މެރިޓައިމް ރީސާޗާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

"ޗައިނާ އިން ބޭނުންވަނީ ރާއްޖެއަށް ބަދަލުތަކެއް އަންނަތަން ދެކެން،" ލީ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 45 އަހަރުވެގެން ދިޔައިރު މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ވާސިލްވެފައިވާ ކަމަށެވެ.

ރާއްޖެ އާއި ޗައިނާގެ އެކުވެރި ގުޅުމަކީ ކުޑަ ގައުމަކާއި ބޮޑު ގައުމެއް ގުޅިގެން އެއް ގައުމު އަނެއް ގައުމަށް އިހްތިރާމް ކުރުމާއެކު ބޮޑެތި ކަންތައްތަކެއް ހާސިލް ކުރުމަށް މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިިކުފާނު ވިދާޅުވި ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން 2014 ގައި ރާއްޖެ ވަޑައިގެން ސޮއިކުރެއްވި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރުގަދަވެއްޖެ އެވެ.

ރައީސް ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އައި ޗައިނާ ޓޫރިސްޓުން އިތުރުވެފައި ވާއިރު، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ޗައިނާ ޓޫރިސްޓުންގެ ހިއްސާ ބޮޑު ކަމަށެވެ.

ޗައިނާއާއެކު 12 އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރި އިރު، އެ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން، ހާއްސަކޮށް ވިޔަފާރީގެ ދާއިރާއިން އިތުރަށް ފުޅާވެގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން އާ ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. އެކަމަކު ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ދަނީ މަހުން މަހަށް ދަށްވަމުންނެވެ. މުޅި އަހަރު ދުވަހަށް ބަލާއިރު ޗައިނާ މާކެޓް ވަނީ 8.2 ޕަސެންޓް ދަށްވެފަ އެވެ.