Roadha Mihaaru
އީސީ އަށް ފުއާދު އައްޔަން ކުރަން މަޖިލިހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ފުއާދު އައްޔަން ކުރަން މަޖިލިހުން ފާސްކޮށްފި

13 ނޮވެމްބަރ 2019

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.

މަޖިލިހުގެ ޖަލްސާގައި ފުއާދު އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ. ފުއާދުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސަކަށް މިހާރު ހުންނެވި އަމްޖަދު މުސްތަފާގެ ނަމާއި ހއ. ކެލާ އަނބުގަސްދޮށުގޭ މަރިޔަމް ހަނީފާ ހާލިދުގެ ނަން މިނިވަން މުއައްސަސާ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވެ އެވެ. އެކަމަކު، ފުއާދުގެ ނަން އެންމެ ފުރަތަމަ އަހައި އެ ނަން ފާސްވުމާ ގުޅިގެން އަމްޖަދާއި ހަނީފާގެ ނަމަށް މަޖިލިހުގައި ވޯޓަކަށް ނުދެ އެވެ.

އީސީގެ މެމްބަރު ކަމުގެ މަގާމަށް ފުއާދު އައްޔަން ކުރަން ރުހުން ދީފައި ވަނީ އެ ކޮމިޝަނުގައި ހުންނެވި އަމްޖަދުގެ ދައުރު މި މަހުގެ 24 ވަނަ ދުވަހު ހަމަވާތީ އެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް މީގެ 11 އަހަރު ކުރިން އުފެއްދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން 10 ބޭފުޅަކު މަގާމަށް ކުރިމަތިލެއްވި އެވެ.

އީސީ އަށް އައްޔަން ކުރަން މަޖިލިހުން ރުހުން ލިބުނު ފުއާދަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އިރު، އެ ކޮމިޝަންގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. މިދިޔަ މަޖިލިސް އިންތިހާބުގައި ފުއާދު ވަނީ މައްޗަންގޮޅި ދެކުނު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅާ ފުއާދު ތައުފީގުގެ މައްޗަށް 2014 ވަނަ އަހަރު ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ފުއާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ. އެކަމަކު، ފުއާދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒެއް ނުކުރެ އެވެ.