Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

19 ނޮވެމްބަރ 2019

އަންނަ މަހުގެ 27 ގައި ރިލީޒްކުރާ ފިލްމު "ގުޑް ނިއުޒް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 27 ގައި ރިލީޒްކުރާ ފިލްމު "ގުޑް ނިއުޒް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ އައިވީއެފް އެހީގައި ދަރިން ހޯދާ އާއިލާއެއްގެ ވާހަކަ ކިޔައިދޭ ކޮމެޑީ ޑްރާމާއެކެވެ. ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމުގެ ލީޑް ތަރިންނަކީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖްގެ އިތުރުން ކިއާރާ އަދުވާނީ އެވެ.

"ގުޑް ނިއުޒް" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ރާޖް މެހެތާގެ އަލަތު ފިލްމެވެ. އަދި ކަރީނާ އާއި އަކްޝޭގެ ޖޯޑު މި ފިލްމުގައި ހިމެނުމަކީ ފިލްމަށް ވަރަށް ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ސަބަބެވެ. ދެ ތަރިން ކުރިން ވެސް އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ.

"ގުޑް ނިއުޒް" އަކީ ދަރުމާ އިން މި އަހަރު ގެނެސްދޭ 4 ވަނަ ފިލްމެވެ.

އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދިން އަނެއް ތިން ފިލްމަކީ "ކޭސަރީ" އާއި "ކަލަންކް" ގެ އިތުރުން "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.

"ލާލް ސިންގް ޗައްޑާ" ގެ ފުރަތަމަ ޕޯސްޓަރު

އަންނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރާ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ދާދި ފަހުން ލީކްވެފައި ވަނިކޮށް، އާމިރު ފިލްމުގައި ފެންނާގެ ގޮތުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ ފިލްމުގައި އާމިރު ފެންނާނީ ފަގުޑި އަޅައިގެން ބޮޑު ތުނބުޅިއަކާ ވެސް އެކީގަ އެވެ.

ޓޮމް ހޭންކްސް 1994 ގައި ކުޅުނު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ "ލާލް ސިންގް ޗައްޑާ" ގެ ބަތަލާއަކީ ކަރީނާ ކަޕޫރެވެ.

ކާޖޮލްގެ ޕޯސްޓަރެއް

ވަރަށް ގިނަ ދުވަސްތަކެއް ފަހުން ފިރިމީހާ އަޖޭ ދޭވްގަންއާ އެކު ބަތަލާ ކާޖޮލް ފެނިގެންދާ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގައި ކާޖޮލް ފެންނާނެ ގޮތުގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި ފިލްމުގެ ޓްރެއިލާ މިއަދު ބެލުންތެރިންނަށް ދޫކޮށްލާ އިރު، ކާޖޮލް ފިލްމުގައި ފެނިގެންދާނީ ފިލްމުގެ ޓައިޓްލް ރޯލް ކުޅޭ އަޖޭހެ ތަނަޖީ މަލުސާރީގެ ކެރެކްޓާގެ އަންހެނުން ސާވިތުރީބާއީ މަލުސާރީގެ ރޯލުންނެވެ.

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ ކާސްޓުންގެ ތެރޭގައި ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 10 ގަ އެވެ.

އަމިތު "ޝަކުންތަލާ" ގެ މަސައްކަތް ނިންމާލައިފި

މިދިޔަ ސެޕްޓެމްބަރު މަހު ޝޫޓިން ފެށި އިންޑިއާގެ ކުރީގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ބައޮގްރަފިކަލް ޑްރާމާގެ ރޯލަކަށް ސޮއިކުރި އެކްޓަރު އަމިތު ސާދުގެ އޭގެ މަސައްކަތް ނިންމާލައިފި އެވެ.

ޓްވިޓާގައި ވެސް އޭނާ އެކަން ހިއްސާކޮށްފައިވެ އެވެ. ބަތަލާ ވިދިޔާ ބާލަން ޓައިޓްލް ރޯލް ކުޅޭ "ޝަކުންތަލާދޭވީ" ގައި އަމިތު ފެނިގެންދާނީ ޝަކުންތަލާގެ ދަރިފުޅު އަނޫޕަމާ ބެނަޖީގެ ފިރިމީހާގެ ރޯލުންނެވެ.

މި ފިލްމުގައި ޝަކުންތަކާގެ ފިރިމީހާގެ ރޯލު ކުޅެނީ ބެންގާލީ އެކްޓަރު ޖިއްޝޫ ސެންގުޕްތާ އެވެ.

އަނޫ މެނަން ޑައިރެކްޓްކުރާ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.