Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

07 ޖެނުއަރީ 2021

ރާޖްކުމާރު ރާއޯ އާއި ބޫމީ ޕިޑްނޭކަރްގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ބަދާއީ ދޯ" ގެ ޝޫޓިން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާޖްކުމާރު ރާއޯ އާއި ބޫމީ ޕިޑްނޭކަރްގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ބަދާއީ ދޯ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ 2018 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ބަދާއީ ހޯ" ގެ ސީކްއެލްއެއްގެ ގޮތުގައި ހަދާ ފިލްމެކެވެ. އެކަމަކު މި ފަހަރު ފިލްމުގެ ކާސްޓާ އެކު ޑައިރެކްޓަރު ވެސް ވަނީ ބަދަލުވެފަ އެވެ. "ބަދާއީ ދޯ" ގެ ޑައިރެކްޓަރަކީ ހާޝްވަރުދަން ކުލްކަރްނީ އެވެ.

މި ފިލްމުގައި ރާޖް ކުޅޭ ފުލުހެއްގެ ކެރެކްޓާ އަށް އޭނާ ހަށިގަނޑު ވެސް ވަރަށް ވަރުގަދަކޮށްފައިވާ އިރު، މިއީ ތަންކޮޅެއް ތަފާތު ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. ބޫމީގެ ކެރެކްޓާ އަކީ ޕީޓީ ޓީޗަރެއްގެ ރޯލެވެ.

އަޔޫޝްމަން ކްރާނާ އާއި ސާނިއާ މަލްއުތުރާ އާއި ނީނާ ގުޕްތާ އާއި ގަޖްރާޖް ރާއޯ މުހިއްމު ރޯލުތައް ކުޅުނު "ބަދާއީ ހޯ" އަކީ ދުވަސްވީ މަޔަކު އަލުން ބަލިވެއިނުމުން ދިމާވާ ހާދިސާތަކެއް ކިޔައިދިން ފިލްމެކެވެ.

އޭގެ ޑައިރެކްޓަރަކީ އަޖޭ ދޭވްގަނާ އެކު "މައިދާން" ގެނެސްދޭން އުޅޭ އަމިތު ޝަރުމާ އެވެ.

"ތުރިބާންގާ" ގެ ޓްރެއިލާ ދައްކާލައިފި

މި މަހުގެ 15 ވަނަ ދުވަހު ނެޓްފްލިކްސް އިން ޕްރިމިއާކުރާ ކާޖޮލްގެ ފިލްމު "ތުރިބާންގާ" ގެ ޓްރެއިލާ ދައްކާލައިފި އެވެެ.

ބަތަލާ ރެނޫކާ ސަހާނޭ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ތިން ޖީލެއްގެ އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭނެ ވަރަށް އަސަރު ގަދަ ފެމިލީ ޑްރާމާއެކެވެ. "ތުރިބާންގާ" ގައި ކާޖޮލް އަކީ ތަންވީ އަޒްމީގެ ދަރިއެކެވެ. އަދި ކާޖޮލްގެ ދަރިޔަކީ މިތިލާ ޕާލްކަރެވެ. ފިލްމުގައި ކިޔައިދޭނީ މި ތިން މީހުންގެ މެދުގައި އޮންނަ ގުޅުމުގެ ވާހަކަ އެވެ.

ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވަގްނަ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "ތުރިބާންގާ" ގެ ކާސްޓްގައި ކުނާލް ރޯއި ކަޕޫރާއި މާނަވް ގޯހިލް ވެސް ހިމެނެ އެވެ.

ސައިފާއި ޑިމްޕަލްގެ ކުރިމަތިލުމެއް

ސިޔާސީ ދާއިރާ އިން ކުރިއަށް ދާން ސައިފް އަލީ ޚާނާއި ޑިމްޕަލް ކަޕާޑިއާ ކުރާ މަސައްކަތުގެ ތެރޭގައި ދެ މީހުންގެ މެދުގައި ހިނގާނެ ވަރުގަދަ ކޯޅުންތަކަށް ސުރުހީ އަޅައިދެމުން ވެބް ސީރީޒް "ތަންޑަވް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ޓައިގާ ޒިންދާ ހޭ" އާއި "ބާރަތު" އަދި "ސުލްތާން" ފަދަ ފިލްމުތައް ގެނެސްދިން އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި ސީރީޒަކީ މި މަހުގެ 15 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާނެ އެއްޗެކެވެ.

ޕޮލިޓިކަލް ތުރިލާއެއްގެ ގޮތުގައި ހަދާފައިވާ "ތަންޑަވް" ގައި ސައިފާއި ޑިމްޕަލް ފެނިގެން ދާނީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް އަންނަން މަސައްކަތްކުރާ ވަރުގަދަ ސިޔާސީ ދެ ލީޑަރުންގެ ގޮތުގަ އެވެ.

މީގެ ކާސްޓްގައި ޑީނޯ މޯރިއާ، މުހައްމަދު ޒީޝާން އައްޔޫބް، ގޯހަރް ޚާން، ސުނިލް ގްރޯވާ، ސާރާ ޖޭން ޑަޔަޒް އަދި ކްރިތިކާ ކަމްރާ ފަދަ ތަރިން ހިމެނެ އެވެ.

ޖާންވީ 39 ކްރޯޑްގެ އެޕާޓްމަންޓްތަކެއް

ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް މުމްބާއީ އިން 39 ކްރޯޑް ރުޕީސް (5.31 މިލިަން ޑޮލަރު) އަށް އެޕާޓްމަންޓަކެއް ގަނެފި އެވެ.

މީޑިއާތަކުން ބުނިގޮތުގައި އެކްޓަރު އަރުޖުން ކަޕޫރްގެ ކޮއްކޮ އެޕާޓްމަންޓްތައް ގަތީ މުމްބާއީގެ ޖުހޫގައި ހުންނަ އަރާޔާ ކިޔާ އިމާރާތަކުންނެވެ. އެތަނުން ޖާންވީ ގަތީ 14، 15 އަދި 16 ވަނަ ފަންގިފިލާގެ ފްލެޓްތަކެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ އަކީ 2018 ގެ "ދަޅަކް" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ޕްރިމިއާކުރި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އެވެ.

ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "ރޫހީ އަފްޒާނާ" އާއި "ތަޚުތު" އަދި "ބޮމްބޭ ގާލް" ހިމެނެ އެވެ.