Roadha Mihaaru
މި އަހަރުގެ ކަލާސް އެވޯޑް ދުވުންތެރިޔާ ހިމްނާ އަށް

މި އަހަރުގެ ކަލާސް އެވޯޑް ދުވުންތެރިޔާ ހިމްނާ އަށް

20 ނޮވެމްބަރ 2019

ކުޅިވަރުގައި ފާހަަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ކަލާސް އެވޯޑް، ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން މި ފަހަރު ހޯދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޅިވަރުގައި ފާހަަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ކަލާސް އެވޯޑް، ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން މި ފަހަރު ހޯދައިފި އެވެ.

ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލް ގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، ހިމްނާ އަށް އެވޯޑު ހަވާލުކޮށްދެއްވީ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ކީޕަރު، ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

ހިމްނާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ގައުމީ އެތްލެޓިކްސް ގައި އުމުރުން 17 އަހަރުގައި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހޯދައިފަ އެވެ.

އައްޑޫ ހައި ސްކޫލްގައި ކިޔަވަމުން އަންނަ އެ ދަރިވަރުގެ އިތުރުން އެންމެ ގަދަ އެތްލީޓުންނަށް ދެން ހޮވީ ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހުމަދާއި ޓީޓީގެ ތަރި ރަފާ ނާޒިމެވެ.

ރަފާ ވަނީ މީގެ ކުރިން ކަލާސް އެވޯޑް ހާސިލްކޮށްފަ އެވެ.

ވޯލްޑް ޗެމްޕިއަންޝިޕް ގައި ވެސް ރާއްޖެ ތަމްސީލްކުރި ހިމްނާ ވަނީ މިދިޔަ ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އަންހެން އެތްލީޓުންގެ ތެރޭގައި ހިމެނިފަ އެވެ.

މިރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން މައުރޫފް ވިދާޅުވީ، ކުޅިވަރުގެ ތަރިން އުފެއްދުމަށްޓަކައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އެ ބައި ބައްޓަންވެގެން އަންނައިރު ކިޔެވުމަށް ވެސް ސަމާލުކަން ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

ކަލާސް އެވޯޑު ހޯދި ހިމްނާ އާއި އެންމެ ގަދަ އެތްލީޓުންގެ ތެރޭގައި ހިމެނުނު ނިބާލް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މައުރޫފާއެކު ފޮޓޯއަކަށް ހުއްޓިލައިގެން

އޭނާ ވިދާޅުވި ގޮތުގައި، މުޖުތަމައުގެ ތެރެއިން ރީތި އާދަތައް ނެތިގެންދާއިރު، އެއީ ކުޅިވަރުން ގެނެވޭނެ ކަންކަމެވެ. އެހެންވެ، އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ފަރާތްތަކުން އެ ކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ވައިޑީޕީގެ ވާހަކަދައްކާއިރު ސްކޫލުތަކުގައި މިހާރަށް ވުރެ ރަނގަޅަށް ފިޒިކަލް އެޑިއުކޭޝަން (ޕީއީ) މާއްދާ ކުރިއަށް ގެންދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފިޒިކަލް އެޑިއުކޭޝަނަކީ ވަރަށް މުހިއްމު މާއްދާއެއް. އޭގެއިން އެބަ ދަސްކޮށްދޭ ގިނަ ހުނަރުތަކެއް. ކުޅިވަރަށް ފަރިތަ ވެގެންދާއިރު، ފިޒިކަލް އެޑިއުކޭޝަނުން ދަސްކޮށްދޭޭ ހުނަރުތައް ވަރަށް ފަންޑަމެންޓަލް ބޭސިކް ޓެކްނިކްސްތަކެއް ދަސްކޮށްދޭ، ގިނަ ކުޅިވަރުތަކުގައި ބޭނުން ކުރެވޭ،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސްކޫލުތަކުގައި ވަރަށް ވާދަވެރިކަމާ އެކު، ކުޅިވަރު ކުޅެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ކުޅިވަރު ތައާރަފްވެގެން އަންނަ އުމުރު ކަމުގައިވާ 4-10 އަހަރާ ދޭތެރޭ އެންމެ ރަނގަޅީ މަޖާ، އުފާވެރި ރޫހެއްގައި ވީހާ ވެސް ގިނަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އެހެންވެ ވާދަވެރި ރޫހެއްގައި ކުޅުމަށް ވުރެ، ގިނަ ކުޅިވަރުތައް ކުޅެން ފުރުސަތު ދިނުމަށް ސްކޫލުގައި ހުޅުވައިލުމަށް އޭނާ އެދިވަޑައިގަތެވެ.

ތަފާތު 14 ކުޅިވަރަކުން 224 ދަރިވަރުން ވަނީ މިރޭ ކަލާސް އެވޯޑް ހޯދައިފަ އެވެ. މީގެ ކުރިން ކަލާސް އެވޯޑު ދިނީ 13 ކެޓަގަރީއަކުންނެވެ. މި އަހަރު އަލަށް ތައާރަފްކުރީ ބައިސްކަލް ދުއްވުމެވެ.