ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކުރި ރިޕޯޓުގެ މައްސަލާގައި އިދިކޮޅު މެމްބަރުން ބޮޑު ތުހުމަތުތަކެއްކޮށް، މައްސަލަ ބޮޑުވުމުން އެ ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
21 ނޮވެމްބަރ 2019
ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކުރި ރިޕޯޓުގެ މައްސަލާގައި އިދިކޮޅު މެމްބަރުން ބޮޑު ތުހުމަތުތަކެއްކޮށް، މައްސަލަ ބޮޑުވުމުން އެ ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މުގައްރިރުކަން ކުރައްވާ ކޮމިޓީގެ ބައްދަލުވުން ތާވަލްކޮށްފައި އޮތީ މިރޭ 8:00 އަށެވެ. ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުންތައް އާއްމުކޮށް ލައިވްނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި، މި ބައްދަލުވުން ލައިވްކުރާނެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން މަރު ކޮމިޝަނުގެ ރިޕޯޓް ދިރާސާކޮށް، އާ ތުހުމަތުތަކަކާ އެކު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކުރި ރިޕޯޓަކީ "ބޮޑު ގޯހެއް" ކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ ވިދާޅުވެފަ އެވެ. ތިން މެމްބަރުންގެ އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ހެންވޭރު ހުޅަނގުދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލިސް
ހުސެއިން މުހައްމަދު ތުހުމަތު ކުރެއްވި ގޮތުގައި، ސަބް ކޮމިޓީގައި ރިޕޯޓް އެކުލަވާލެއްވީ ހަސަން ލަތީފް އެކަންޏެވެ. ސަބް ކޮމިޓީން ގޮތެއް ނުނިންމައި، ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ އަށް ހުށަހަޅައި ފާސްކުރުމަކީ މައްސަލައެއް ކަމަށާއި އޭނާ ވިދާޅުވި އެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރިޕޯޓް ފާސްކުރިއިރު ރިޔާސަތުގައި އިންނެވީ ހުސެއިން މުހައްމަދު ލަތީފެވެ. އޭރު އެ ރިޕޯޓް އޮތީ ސަބް ކޮމިޓީން ފާސްނުކޮށް ކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އިރު، އެ ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅަށެވެ.
މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކުރި ރިޕޯޓުގައި ޝައްކު ކުރެވޭ ގިނަ ކަންކަމާއި މައްސަލަތަކެއް އެބަހުރި ކަމަށެވެ. ފުރަތަމަ ކަމަކަށް، އޭނާ ފާހަގަކުރެއްވީ މަރު ކޮމިޝަންގެ ރިޕޯޓުގައި ތުހުމަތުކޮށްފައި ނެތް މީހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް ލިސްޓެއް އެކުލަވާލުމެވެ. އެއާއެކު، އަފްރާޝީމްގެ ގަޔަށް ވަޅި ހެރުމުގައި އަމަލީ ގޮތުން ބައިވެރިވި ހ. ހިކޯސްޓާ އަލީ ޝާން (ސަޓޯ)ގެ ނަމެއް ނެތެވެ. މި ސަރުކާރުގެ އިސް ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ސަޓޯއަކީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއަައިއެލް)ގެ މުވައްޒަފެކެވެ. ރިޕޯޓް އާއްމުވުމާ އެކު އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭގޮތުން ހިންގާފައިވާ އެކި ކަންކަމާއި މައުލޫމާތު އެކި މިންވަރަށް އެނގި ސިއްރުކުރި ފަރާތްތަކުގެ ލިސްޓުގައި، އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަން ހިމަނާފައި ވެ އެވެ. ކޮމިޝަނުން އޭނާއާ ސުވާލު ކުރީ ދައުލަތުގެ މީޑިއާ، ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމަށް އަފްރާޝީމަށް ފުރުސަތު ލިބިވަޑައިގަތް ގޮތާ ގުޅޭ ގޮތުންނެވެ.
ނަމަވެސް ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމުން ރިޔާސީ ކޮމިޝަނުން ވަނީ ޝަހީމް އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތު ކޮށްފަ އެވެ. އެކަމަކު އެ ތުހުމަތުތައް ޝަހީމް ދޮގުކުރައްވަ އެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓު ދިރާސާކުރުމަށް ފަހު، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ލަފާ ދޭން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ސަލަފް ވެސް ހިމެނޭ ގޮތަށް ޖިހާދީ ފިކުރުގެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމާއި އަފްރާޝީމް އަވަހާރަކޮށްލުމުގައި ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހޯދައި އެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކުރުން ހިމެނެ އެވެ.
މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ސިފަކުރައްވާ ގޮތުގައި މި ރިޕޯޓަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ހެދި އެއްޗެކެވެ.
241 ކޮމިޓީ ހޫނުވެ ބޮޑު ޒުވާބަކަށް
ބޮޑު ގޯހެއް ހަދައި ރިޕޯޓް ފާސްކުރި ކަމުގެ ތުހުމަތު!
އަފްރާޝީމްގެ މަރާ ގުޅިގެން މީހަކު ހައްޔަރުކުރެވޭކަށްނެތް
ރިޕޯޓުގައި ޝާންގެ ނަން އެންމެ ފަހުން ހިމަނައިފި
ޝަހީމަށް ކުރި ތުހުމަތުގެ ހަގީގަތަކީ ކޮބާ؟
ރިޕޯޓާ ގުޅިގެން އެހީތެރިކަމަށް އަދި ނޭދޭ: ޕޮލިސް
ސިޔާސީ ކަމެކޭ ބުނީ އޭރު ލިބުނު މައުލޫމާތުން: ރިޔާޒް
4 މިލިއަނާ ގުޅޭ ގޮތުން ޖާގެ އޯޑިއޯ ވީތަނެއް ނޭނގޭ!
ރިލްވާންގެ މައްސަލައިގެ ކޮމިޓީ ސިއްރުކޮށްފި
މަރުގެ ކޮމިޝަނަށް އަދީބު ހާޒިރުކޮށްފި