Roadha Mihaaru
ރިޕޯޓުގައި ޝާންގެ ނަން އެންމެ ފަހުން ހިމަނައިފި

މަޖިލީހުގެ ދިރާސާ ރިޕޯޓުގައި ޝާންގެ ނަން އެންމެ ފަހުން ހިމަނައިފި

22 ނޮވެމްބަރ 2019

ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނެގި ސަބް ކޮމިޓީން ފުރަތަމަ ތައްޔާރުކުރި ރިޕޯޓުގައި، އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި އަލީ ޝާން (ސަޓޯ) ގެ ނަން އުނިކޮށްފައި އޮތުމުން އައި ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން އެންމެ ފަހުން އޭނާގެ ނަން ފައިނަލް ރިޕޯޓުގައި ހިމަނައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނެގި ސަބް ކޮމިޓީން ފުރަތަމަ ތައްޔާރުކުރި ރިޕޯޓުގައި، އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި އަލީ ޝާން (ސަޓޯ) ގެ ނަން އުނިކޮށްފައި އޮތުމުން އައި ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން އެންމެ ފަހުން އޭނާގެ ނަން ފައިނަލް ރިޕޯޓުގައި ހިމަނައިފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން، އަފްރާޝީމްގެ މަރުގެ މައްސަލަ ބެލުމަށް ފަހު، އެމަނިކުފާނަށް ފޮނުވި ރިޕޯޓުގައި ހ. ހިކޯސްޓް ސަޓޯގެ ނަން ހިމަނާފައި އޮތެވެ. އެކަމަކު، އެ ރިޕޯޓް ދިރާސާ ކުރުމަށްޓަކައި ނެގި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީގެ ރިޕޯޓުން އޭނާގެ ނަން އުނިކޮށްފައި އޮތުމުން އެތައް ބަޔަކު ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ފާޑުކިޔެވެ.

ނަމަވެސް، ރޭ ބޭއްވި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ސަބް ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް ވިދާޅުވީ، ޖިނާއީ އަމަލު ހިންގި އެންމެންނަށް ވެސް ޖުމްލަ ގޮތެއްގައި ފިޔަވަޅު އަޅަން ފުރަތަމަ ރިޕޯޓްގައި އޮތުމުން ސަޓޯ އިސްތިސްނާ ނުވާނެ ކަމަށެވެ.

ރިޕޯޓް ދިރާސާކުރަން އެކުލަވައިލި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހަސަން ލަތީފްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅަށެވެ. އެކަމަކު، ސަބް ކޮމިޓީގެ ރިޕޯޓުތައް އުސޫލެއްގެ ގޮތުން ވޯޓަށް އަހައި ފާސްކުރާކަށް ނުޖެހެ އެވެ. ސަބް ކޮމިޓީގެ ނިންމުންތައް މައި ކޮމިޓީ އަށް ހުށަހެޅުމުން އެ ފާސްކުރާނީ މައި ކޮމިޓީންނެވެ.

ހަސަން ލަތީފް ރޭ ވިދާޅުވީ، ސަބް ކޮމިޓީގެ ރިޕޯޓްގައި ބައެއް ނަންތައް ނެތްކަން، ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަ ކޮށްފައިވާ ކަމަށެވެ. ޚާއްސަކޮށް، ސަޓޯގެ ނަން ސަބް ކޮމިޓީގެ ރިޕޯޓުގައި ނެތުމުން ވަރަށް ގިނަ މީހުން މައްސަލަ ޖެއްސި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހަސަން ލަތީފް ވިދާޅުވި ގޮތުގައި، ސަބް ކޮމިޓީއާ ހަވާލުކޮށްފައި އޮތް މެންޑޭޓްގެ ތެރޭގައި ހިމެނެނީ ހަތް ކަމެކެވެ. އެ ހަތް ކަމުގެ ތެރޭގައި، އަފްރާޝީމްގެ ގަޔަށް ވަޅި ޖެހި ނުވަތަ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ނަންތައް ތަފުސީލުކޮށް ލިސްޓު ކުރުން ނުހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ކަނޑައެޅިގެން ޖިނާއީ ކުށެއް ހިންގާފައި އޮތް ކަމަށް ފާހަގަކޮށްފައި އޮތް ފަރާތެއް ކަމަށް ވަންޏާ އަޅުގަނޑުމެންގެ ރިކޮމެންޑޭޝަން ގައި ބުނެފައި އޮންނާނީ އެ ފަރާތަކާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅު ލަސްނުކޮށްް އެޅުމަށް. އެހެންވީމާ އޭގެ ތެރޭގައި އަސްލު [ސަޓޯ] ހިމެނޭނެ،" ހަސަން ވިދާޅުވި އެވެ.

"އެހެން ނަމަވެސް މައި ކޮމިޓީން ނިންމެވީ އެހެން ހުރި ނަންނަން ވެސް އެއީ ހިމަނަން ޖެހޭނެ ނަންނަން ކަމަށް ވާތީ މިހާރު މައި ކޮމިޓީީން ފާސް ކުރެއްވި، ތިޔަ އެންމެ ބޭފުޅުން ވޯޓް ދެއްވައިގެން ފާސް ކުރެއްވި ރިޕޯޓްފައި އެ ނަން ވެސް [ސަޓޯގެ ނަން] ވެސް ވަނީ ހިމެނިފައި."

އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ފާސްކުރި ރިޕޯޓުގެ މައްސަލާގައި އެ ކޮމެޓީގެ ރޭ ބައްދަލުވުން ހޫނުވެ، އިދިކޮޅު މެމްބަރުންނާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާ ދެމެދު ވަރުގަދަ ޒުވާބުތަކެއް ހިނގި އެވެ.

ސަޓޯ އަކީ މި ސަރުކާރުގެ ބައެއް އިސްބޭފުޅުންގެ ގާތް އެކުވެރިއެކެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމުގައި މިދިޔަ އަހަރު ހިންގި ކެމްޕެއިން ގައި އަމަލީ ހޮތުން އޭނާ އުޅުނެވެ. އަދި ސަރުކާރުގެ ކުންފުނި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން ވަޒީފާ ވެސް ދިނެވެ. އެކަމަކު، ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ސަޓޯގެ ނަން ފާހަގަކޮށްފައި އޮތުމުން އައި ފިއްތުންތަކާ އެކު އޭނާ ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެ ހުކުމެއް އައީ ހ. ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ. އޭނާ މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ހުމާމާ އެކު ސަޓޯ ވެސް ހަމަލާގައި ބައިވެރިވި ކަމަށް ކުރި ދައުވާ ސާބިތު ނުވެ 2016 ވަނަ އަހަރު އޭނާ މިނިވަންވީ އެވެ. އެކަމަކު އެ މައްސަލަ އިސްތިއުނާފެއް ވެސް ނުކުރެ އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިން ވިދާޅުވެފައި ވަނީ ސަޓޯގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ބައިވެރިވިކަން ހާމަކުރެވޭ ވަރުގެ ހެކި ފުލުހުންގެ އަތުގައި އެބަހުރި ކަމަށެވެ.

ގޭންގު ކުށްތަކާ ގުޅިގެން ސަޓޯގެ ފައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓެގު ވެސް އެޅުވި އެވެ.

ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި ހުމާމާއި ސަޓޯ އާއި އޭރު އުމުރުން 18 ނުފުރޭ ކުއްޖަކު ވެސް ބައިވެރިވި އެވެ. އަދި މީގެ އިތުރުން އެހެން ބަޔަކު ވެސް ބައިވެރިވާ ކަމަށް ބެލެވޭ ކަމަށާއި އެކަމަކު އެ މީހުން ރާއްޖޭން ބޭރަށް ގޮސްފައި ވާތީ އެ މީހުންގެ މައްސަލަ ތަހުގީގެއް ނުކުރެވެ އެވެ.