Roadha Mihaaru
މަޑުއްވަރީގައި ހަރުކަށި ފިކުރު ހުއްޓުވަން ފިޔަވަޅު ނާޅާ

މަޑުއްވަރީގައި ހަރުކަށި ފިކުރު ހުއްޓުވަން އެޅި ފިޔަވަޅެއް ނެތް؟

24 ނޮވެމްބަރ 2019

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރި، ނުރައްކަލަކަށް ހުށަހެޅިފައި އޮތް ކަން އެނގުނީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހިނގި ހާދިސާއަކުން ނޫނެވެ؛ ކަނޑުމަތީގައި މީހަކު މަރާލުމުގެ ހުކުމް ނެރެ، ގަތުލު ކޮށްލަން އުޅުމުގެ މާ ކުރިން ވެސް އެ ރަށުގެ ހާލަތު ކަމާ ބެހޭ އިދާރާތަކަށް އެނގެ އެވެ. އެކަމަކު މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އެޅި ހެއްޔެވެ؟

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރި، ނުރައްކަލަކަށް ހުށަހެޅިފައި އޮތް ކަން އެނގުނީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހިނގި ހާދިސާއަކުން ނޫނެވެ؛ ކަނޑުމަތީގައި މީހަކު މަރާލުމުގެ ހުކުމް ނެރެ، ގަތުލު ކޮށްލަން އުޅުމުގެ މާ ކުރިން ވެސް އެ ރަށުގެ ހާލަތު ކަމާ ބެހޭ އިދާރާތަކަށް އެނގެ އެވެ. އެކަމަކު މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އެޅި ހެއްޔެވެ؟

ވަކިން ޖަމާއަތް ހަދައިގެން އެ ރަށުގައި ނަމާދުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ބޭރު ރަށްރަށުގެ މީހުން ގެނެސް އެ މީހުން ގަބޫލުކުރާ ދީނީ މިންގަނޑުތައް އުނގަންނައި ދިނުން ވެސް ފުޅާ ދައިރާއެއްގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީރިއާ ހަނގުރާމަ އަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަނެއް ބަޔަކު އެއާޕޯޓުން ހުއްޓުވާފައި ވެސް ވެ އެވެ.

އެ ފިކުރުގެ ތެރެއިން ކައިވެނީގެ ނަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އަމަލުތަކެއް ވެސް މިވަނީ ފެންމަތިވެފަ އެވެ. އައިސިސްގެ ނިޝާން ޖަހައިގެން ސެޓްފިކެޓްތައް ހަދައި، 18 އަހަރު ފުރިފައި ތިބޭ މީހުންނާ ވެސް ކޯޓުން ބޭރުގައި ސައްހަ ނޫން ކައިވެނިތައް ދަނީ ކުރަމުންނެވެ.

މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރި އާއްމުންނަށް ނުރައްކަލަކަށް ވުމުން، 2010 ގައި އިސްލާމިކް މިނިސްޓްރީގެ ޓީމެއް އެ ރަށަށް ދިޔަ އެވެ. ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރި މީހުންނަށް ނަސޭހަތް ދޭން އުޅުމުން ދެއްކީ ނުކިޔަމަންތެރިކަމެވެ؛ ގަދަވީ ވެސް އެ މީހުންގެ ކޮޅެވެ! މިނިސްޓްރީގެ ޓީމަށް ޖެހުނީ އެނބުރި އަންނާށެވެ.

ކަނޑުމަތީގައި މަރާލަން އުޅުނު މީހާ، ސިފައިންގެ އެހީތެރިކަމާ އެކު ކޯސްޓް ގާޑަށް އަރުވަނީ.---ފޮޓޯ: އެމްއެންޑީއެފް

ކަނޑުމަތީގައި މަރާލަން އުޅުނު މީހާ، ސިފައިންގެ އެހީތެރިކަމާ އެކު ކޯސްޓް ގާޑަށް އަރުވަނީ.---ފޮޓޯ: އެމްއެންޑީއެފް

އޭގެ ފަހުން، 2014 ގައި މަޑުއްވަރީން މީހަކު ގެއްލިގެން ވެސް މައްސަލަ ބޮޑުވި އެވެ. އިމިގްރޭޝަނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ލިޔެގެން ހޯދި މައުލޫމާތުތަކުން އާއިލާ އަށް ސާފުވީ އޭނާ ބޭރަށް ފުރި ކަމެވެ. އޭގެ ހަގީގަތް ބެލިއިރު، އެ އަތޮޅު މީދޫ ބަޔަކާ އެކު ސީރިއާ އަށް ހަނގުރާމަ އަށް ދިޔައީ އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. އާއިލާ އާއި ރަށުގެ ގިނަ ބަޔަކު ގަބޫލުކުރަނީ އެތަނުގައި އޭނާ މަރުވީ ކަމަށެވެ.

އޭނާގެ ފަހުން ވެސް މަޑުއްވަރީން ސީރިއާ އަށް ދާން ބަޔަކު ރޭވި އެވެ. އޭގެ ތެރެއިން އެކަކު އެއާޕޯޓުން ހިފެހެއްޓި އެވެ.

އެ ހަރަކާތްތައް މަޑުޖެހުމެއް ނެތި ހިނގަމުން އައިސް މިދިޔަ ބުރާސްފަތި ދުވަހު އެ އުޅުނީ ކަނޑުމަތީގައި މީހަކު ގަތުލުކޮށްލާށެވެ. އެއީ، އެ މީހުން ރޭވި ކަމަކަށް އޭނާ ބައިއަތު ނުހިފުމުން ކަމަށްވެ އެވެ.

މަޑުއްވަރީން "މިހާރު" އަށް ވާހަކަ ދެއްކެވި ސަރުކާރުގެ އިދާރާއެއްގެ އިސް ބޭފުޅަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ އެ ރަށުގައި ދީނީ ގޮތުން ހައްދުފަހަނާޅާފައިވާ ފިކުރުގެ ބިރުވެރިކަން އޮތް މިންވަރު ތަކުރާރުކޮށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅި ކަމަށެވެ. ކުރީގެ ސަރުކާރުތަކުން ފެށިގެން ވެސް އެކަން ސަމާލުކަމަށް ގެންނަމުން އައިސް މި އަހަރުގެ ތެރޭގައި ލިއުމުން ދެ ފަހަރަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފައި ވެސް މި ވާހަކަ ދެންނެވިފައި ވާނެ،" އޭނާ ވިދާޅުވި އެވެ.

"ސީރިއަސްކޮށް ބަލާނެ ކަމާއި ފިޔަވަޅު އަޅާނެ ކަމަށް ޖަވާބު ދެއްވާ."

މިހާތަނަށް އެކަށީގެންވާ ފިޔަވަޅު އެޅި ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރުގެ މީހުން ތަބާވެ ކުރިއަރުވަނީ، އިސްލާމްދީނުގައި މަޑުއްވަރީގެ އާއްމު ރައްޔިތުން ދެކޭ މިންގަނޑަށް ވުރެ މުޅިން އެހެން ކަހަލަ ފިކުރުތަކަކާއި ވިސްނުންތަކެކެވެ.

ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަނީ ވެސް އެހެންވެ އެވެ.

"ގާތްގަނޑަކަށް 26 އަށް ވުރެ ގިނަ މީހުން އެބަ އުޅޭ. އޭގެތެރޭގައި ރަށުން ބޭރުގެ މީހުން ވެސް އުޅޭ،" މަޑުއްވަރީގެ އިސް ބޭފުޅާ ވިދާޅުވި އެވެ.

ރ. މަޑުއްވަރީ ބަނދަރުމަތި: އެރަށުގައި ހަރުކަށި ފިކުރު ހުއްޓުވަން އެކަށީގެންވާ ފިޔަވަޅެއް ނާޅާ.

ރ. މަޑުއްވަރީ ބަނދަރުމަތި: އެރަށުގައި ހަރުކަށި ފިކުރު ހުއްޓުވަން އެކަށީގެންވާ ފިޔަވަޅެއް ނާޅާ.

އެ މީހުން ގަބޫލުކުރާ ގޮތުގައި، މަޑުއްވަރީގެ ބޮޑު މިސްކިތް އަޅާފައި ވަނީ ގަބުރު މަތީގަ އެވެ. އެހެންވެ އެ މިސްކިތަށް ނަމާދަށް އެރުން ހުއްދައެއް ނުވާނެ އެވެ. ކުޑަ މިސްކިތަށް ނަމާދަށް އަރަނީ، ޖަމާއަތުން މީހުން ފޭބުމުން ވަކިންނެވެ. އަތޮޅުގެ އެކި ރަށްރަށުގެ މީހުން ގެނެސް ނަސޭހަތް ދިނުން ފަދަ ކަންކަން ވެސް ކުރިއަށް ގެންދެ އެވެ.

ހަރުކަށި ފިކުރު ފަތުރާ މީހުންނާއި ރަށްރަށް ދެނެގަނެވިފައިވާ ކަން ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން 2017 ގައި ވަނީ ބުނެފަ އެވެ. އެކަމަކު އޭގެ ތެރޭގައި، މަޑުއްވަރީ ހިމެނޭ ކަން އެތަނުން އާއްމެއް ނުކުރެ އެވެ.

އޭރު ބުނެފައި ވަނީ، ބައެއް ރަށްރަށުގައި ދީނުގެ ނަމުގައި ހަރުކަށި މެސެޖްތަކާއި ނުބައި މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އެ ފިކުރު ކުރިއަރުވަނީ، ދީނުގެ ކަންކަމުގަ އާއި ހިލާފު އުފެދޭ ނުވަތަ ދެބަސްވެވޭ ކަންކަމުގައި ރުޅިވެރިކަމާއި ޖައްބާރުކަން އިސްކުރުމަށެވެ. އޭގެ ޝިކާރައަކަށް ޒުވާނުންވެ، ހަނގުރާމައަށް ދިއުމުގެ ވިސްނުމާއި ހިޔާލު ގެންގުޅޭ ކަން ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެ އެވެ.