Roadha Mihaaru
އަކޫ އާއި ހަމްޕު އަދި ފޭދޫ އިއްބެ ޒުވާން ޓީމަށް!

އަކޫ އާއި ހަމްޕު އަދި ފޭދޫ އިއްބެ ޒުވާން ޓީމަށް!

24 ނޮވެމްބަރ 2019

ނޭޕާލުގައި މި ހަފުތާގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ދޮށީ އުމުރުގެ ތިން ކުޅުންތެރިންގެ ގޮތުގައި ގައުމީ ސީނިއާ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހިމަނައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ނޭޕާލުގައި މި ހަފުތާގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ދޮށީ އުމުރުގެ ތިން ކުޅުންތެރިންގެ ގޮތުގައި ގައުމީ ސީނިއާ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހިމަނައިފި އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާނީ ކޮންމެ ގައުމެއްގެ ވެސް 23 އަހަރުން ދަށުގެ ޓީމެވެ. އެކަމަކު އެއަށް ވުރެ ދޮށީ ތިން ކުޅުންތެރިން ހިމެނުގެ ފުރުސަތު އޮންނާނެ އެވެ. ރާއްޖޭގެ ސީނިއާ ޓީމުގައި ވެސް ޒުވާން ކުޅުންތެރިން ގިނަ އަދަދަކަށް ތިބުމާ އެކު މި މުބާރާތަށްދާ ޓީމަށް ތަޖުރިބާގެ މައްސަލަ އެހާ ބޮޑެއް ނުވާނެ އެވެ. މި އަހަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ އޭޝިއަން ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ކުޅެފަ އެވެ. އަދި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އެ އުމުރުފުރާގެ އޭޝިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ވެސް ކުޅުނެވެ.

ޒުވާން ކުޅުންތެރިންނާ އެކު ސީނިއާ ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ކުޅުނުއިރު، ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކުގައި ވެސް ވަނީ ކުޅެފަ އެވެ.

އަކޫ އާއި ފޭދޫ އިއްބެ އަދި ހަމްޕު އަކީ ގައުމީ ކޯޗު ޕީޓަ ސެގާޓްގެ ޕްލޭނުގައި މުހިއްމު ކުޅުންތެރިންނެވެ. މި ތިން ކުޅުންތެރިން ވަނީ ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެޗެ.

މި މުބާރާތުގައި ކުޅޭ އުމުރު ކެޓަގަރީގެ ތެރެއިން ވެސް ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންނަށް ކުޅެވޭނެ އެވެ. އެ ކުޅުންތެރިންނަކީ ހުސެއިން ޝިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އިބްރާހިމް އައިސަމް، ނާއިޒު ހަސަން (ދާދު)، ހަސަން ނަޒީމް (ޗޯޓު)، މުހައްމަދު ޖައިލަމް (އޮގީ)، އަބްދުﷲ ޔާމީން (ޔާން) އަދި ހުސެއިން ޝަރީފް (ހުސެން) އެވެ.

މި ކުޅުންތެރިންގެ އިތުރުން ޒުވާން ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ވެސް މި މުބާރާތުގައި ކުޅެވޭ އުމުރު ކެޓަގަރީ ތެރެއަށް ފެތެ އެވެ. އެކަމަކު ދާދި ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އަތުން 3-1 އިން ރާއްޖެ މޮޅުވި މެޗުގައި ލަނޑު ޖެހި ސަމުއްޓެގެ ފައިގެ ކުޑަހުޅަށް އަނިޔާވެ އޭނާ އަށް ގޭމްސްގައި ނުކުޅެވޭނެ ކަމުގެ ބިރު ހީވި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ސަމުއްޓެ އަށް އަދި މުބާރާތުގައި ކުޅެވުމުގެ ފުރުސަތު އެއްކޮށް ނުގެއްލެ އެވެ.

ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ ކެނަލްސް އަށް ކުޅެމުން އަންނަ ޒުވާން ގައުމީ ޓީމުތަކަށް ކުރިން ކުޅުނު ރާއްޖޭގެ އިސްމާއިލް ޒާން އާމިރު ވެސް އަންނީ ޕްރެކްޓިސްތަކުގައި ބައިވެރިވަމުންނެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި ގިނަ މެޗުތަކެއް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިން ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އަކޫ ބޯޅަ ހިފައިގެން. -- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ސައުތު އޭޝިއަން ގޭމްސްގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އަކޫ ބޯޅަ ހިފައިގެން. -- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ސީނިއާ ތިން ކުޅުންތެރިންގެ ސްލޮޓްގައި 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭން ކުޅުނީ އަލީ ފާސިރު (ސެންޓޭ) އާއި އިސްމާއިލް އީސަ (މެސީ) އަދި އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އެ ފަހަރު ރާއްޖޭން ކުޅުނީ އީސަގެ ކެޕްޓަންކަމުގަ އެވެ. އެ ފަހަރު ރާއްޖެ ތިން ވަނަ ހޮވި މެޗުން ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން 5-4 އިން ބަލިވެ، ދިޔައީ ހަތަރު ވަނަ އަށެވެ. އެ ފަހަރު ނޭޕާލުން ރަން މެޑަލް ހޯދި އިރު ރިހި ލިބުނީ އިންޑިއާ އަށެވެ.

ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެ އަށް އެންމެ ފަހުން މެޑެއްޔެއް ލިބުނީ 2010 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ފަހަރެވެ. ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށް ރާއްޖެ އަށް ލިބުނީ ލޯ މެޑެއްޔެކެވެ.

ކުރިން ސައުތު އޭޝިއަން ފެޑެރޭޝަން ގޭމްސް (ސާފް ގޭމްސް) ގެ ނަމުގައި ބޭއްވި މި މުބާރާތަކީ ދިވެހިންގެ މެދުގައި ފޯރިގަދަ އަދި ފުޓްބޯޅައިން ރާއްޖެ އަށް އެންމެ ފުރަތަމަ މެޑަލްތައް ހޯދައިދިން މުބާރާތެވެ. އެގޮތުން ނޭޕާލުގައި 1984 ވަނަ އަހަރު ބޭއްވި އެއް ވަނަ ސާފް ގޭމްސް އިން ރާއްޖެ ވަނީ ބޫޓާން 1-0 އިން ބަލިކޮށް ފުރަތަމަ ފަހަރަށް ލޯ މެޑެއްޔެއް ހޯދައިފަ އެވެ. އޭގެ ފަހުން ފުރަތަމަ ރިހި މެޑަލް ހޯދީ ސްރީ ލަންކާގައި 1991 ވަނަ އަހަރު ބޭއްވި ގޭމްސް އިންނެވެ. ލަންކާ ބަލިކޮށް ފައިނަލަށް ގޮސް ޕާކިސްތާން އަތުން 2-0 އިން ބަލިވީ ނަމަވެސް އެ ފަހަރު ރިހި މެޑަލް ލިބުމަކީ ފުޓްބޯޅައިން ރަން މެޑެއްޔެއް ހޯދުމުގެ ހުވަފެނުގެ ފެށުމެވެ.

ނިސްބަތުން ޒުވާން ޓީމަކާ އެކު ނުކުމެ ރާއްޖޭން ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕްގެ ތަށި އުފުލާލައިފަ އެވެ. ސައުތު އޭޝިއަން ގޭމްސް އަށް ރާއްޖޭން ފުޓްބޯޅައިގައި ކަނޑައަޅާފައިވާ ޓާގެޓަކީ ރަން މެޑަލެވެ.

ކުރިން ފަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ރާއްޖޭން ވާދަކުރަން ޖެހިފައިވަނީ ސްރީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. އެ ފަހަރު ރާއްޖޭން ވަނީ ލަންކާ އަތުން 3-1 އިން މޮޅުވެފަ އެވެ. އެކަމަކު އިންޑިއާ އަތުން 3-2 އިން ވަނީ ބަލިވެފަ އެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 2 ވަނަ ދުވަހު ވާދަކުރާނީ އިންޑިއާއާ އެވެ. ލަންކާއާ ދެކޮޅަށް ކުޅޭނީ 4 ވަނަ ދުވަހު އެވެ. ރާއްޖެ ވަނީ މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕުގެ ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށްފަ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖް މެޗުން އިންޑިއާ މޮޅުވީ 2-0 އިންނެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އާއި ލަންކާ 0-0 އިން އެއްވަރުވީ އެވެ.