Roadha Mihaaru
މުއުތަސިމާއި ސުއޫދު އައްޔަންކުރުން ކޮމިޓީ އަށް

މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށް ހައިލަމް ވަކިކުރުމުގެ މައްސަލަ ކޮމިޓީ އަށް

02 ޑިސެމްބަރ 2019

އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އައްޔަން ކުރުމުގެ މައްސަލަ އާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އައްޔަން ކުރުމުގެ މައްސަލަ އާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފުރަތަމަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް އެދިވަޑައިގަތީ އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަން ކުރެއްވުމަށެވެ. އެކަމަކު ރައޫފާ ގުޅޭ ޝަކުވާތަކެއް ޖޭއެސްސީ އަށް ހުށަހަޅާފައި ވާތީ ރައޫފްގެ ނަމާ މެދު ޖޭއެސްސީން ވަކި ގޮތަކަށް ލަފައެއް ނުދެއްވަ އެވެ. އަދި ރައީސް، ރައޫފްގެ ނަން މަޖިލީހަކަށް ވެސް ނުފޮނުއްވަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އޭގެ ތެރެއިން ފަނޑިޔާރު ޣަނީ ވެސް ވަކިކުރަން މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ހައިލަމްގެ މައްސަލަ ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ޖޭއެސްސީން ހައިލަމް ސަސްޕެންޑްކުރީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ވައިބަ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގަ އެވެ. އެ ކުރެހުމުން ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަންހިންގުވާ މަންޒަރެވެ. ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހައިލަމް ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

ހައިލަމް ވިދާޅުވެފައިވާ ގޮތުގައި ޔާމީނަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ފެށުމާ އެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފޫޒު ފޯރުވަން، ސަރުކާރުގެ އެކި ލެވެލްތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި އެވެ. އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކަކާ އެކު ޖޭއެސްސީން މައްސަލަ ބަލަން ފެށީ އެ ކަށަވަރުކަން ނުލިބިގެން ކަމުގެ ތުހުމަތު ވެސް ވަނީ ކުރައްވައިފަ އެވެ.

މައްސަލަ ބެލުމަށް ހައިލަމް، ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން އޭނާ ޖޭއެސްސީ އަށް ވެސް ހާޒިރުވެ ވަޑައެއް ނުގަންނަވަ އެވެ.