Roadha Mihaaru
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން މަޖިލިހުން ފާސްކޮށްފި

18 ނޮވެމްބަރ 2019

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ދެ ބޭފުޅުން މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

އެގޮތަށް ފާސްވުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ އުފާ ފާޅުކޮށް އަތްތިލަ ބަޑި ޖަހައިފަ އެވެ.

އެކަމާ ގުޅިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކާމިޔާބީގައި ހިތްތިރި ކުރަން ޖެހޭނެ ކަމަށެވެ.

ސ. ހިތަދު އަށް އުފަން ޑީޑީ، އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. އެމަނިކުފާނު މަތީ ތައުލީމު ހާސިލުކުރެއްވީ މިސްރުގެ ގާހިރާގެ އަލް އަޒްހަރު ޔުނިވަސިޓީންނެވެ. ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ރޮނގުން ފަސްޓް ކްލާސް އޮނަގެ ދަރަޖައިން ޕީއެޗްޑީ ހާސިލް ކުރެއްވި އުއްތަމަ ފަނޑިޔާރަށް 1996 ވަނަ އަހަރު ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ލިބިވަޑައިގެން ރާއްޖެ އާއި މިސްރުގައި ލީގަލް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ.-- ނިޝާން އަލީ /މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ.-- ނިޝާން އަލީ /މިހާރު

އެމަނިކުފާނު ވަނީ 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ޖޫން 27 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ. މީގެ އިތުރުން، ފުރުއްވާފައިވާ ގާނޫނީ މަގާމުތަކުގެ ތެރޭގައި 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ކައުސެލް ޖެނެރަލްކަމާއި 2008 އިން 2009 އަކަށް އެޓަނީ ޖެނެރަލްގެ ނައިބުގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.

ލ. މާވަށަށް އުފަން ފަނޑިޔާރު އާދަމް މުހައްމަދު 1995 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީންނެވެ. އާދަމް މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ އޮގަސްޓް 10، 2010 ގަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާދަމް މުހައްމަދު މީގެ ކުރިން އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ކަމާއި އެ ކޮމިޝަންގެ މެމްބަރު ކަމާއި ހައި ކޯޓުގެ ފަނޑިޔާރު ކަމާއި އެ ކޯޓުގެ ފަނޑިޔާރުގެ އެހީތެރިޔާގެ މަގާމާއި ހައި ކޯޓުގެ ރަޖިސްޓްރާކަން ހިމެނެ އެވެ. މީގެ އިތުރުން 1995 އިން 1997 ވަނަ އަހަރާ ހަމައަށް ޝަރީއާ އެންޑް ލޯގެ ލެކްޗަރު ކަން ވެސް އޭނާ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް 15 ތުހުމަތެއް ޖޭއެސްސީ އިން ކުރި އެވެ. އެމަނިކުފާނަށް ކުރެއްވި އެންމެ ބޮޑު އެއް ތުހުމަތަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން އަމަލު ކުރެއްވުމާއި މަޖިލީހާއި ޖެއެސްސީ އަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް އެ މުއައްސަސާތަކަށް ހުރަސްއެޅުމެވެ.

އެ ތުހުމަތުތަކަށް ޖަވާބު ދާރީވުމުގެ ބަދަލުގައި އެމަނިކުފާން ވިދާޅުވީ ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭ އަސާސެއް ނެތް ކަމަށެވެ.

މިއީ އުއްތަމަ ފަނޑިޔާރެއްގެ މަގާމު ގެއްލުނު ތިން ވަނަ ފަހަރެވެ. އުއްތަމަ ފަނޑިޔާރަކަށް ކުރިން ހުންނެވި އަހުމަދު ފާއިޒް ހަސަންގެ މަގާމު ގެއްލުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކޮށް، އޭރު ތިއްބެވި ހަތް ބޭފުޅުންގެ ތެރެއިން މަގާމުން ވަކިކުރާނެ ދެ ފަނޑިޔާރަކު ކަނޑައަޅަން ޖޭއެސްސީއާ ހަވާލުކޮށް އެ ކޮމިޝަނުން އޭނާ ވަކިކުރަން މަޖިލީހަށް ހުށަހެޅުމުންނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މަގާމު ގެއްލުނީ ޖިނާއީ ކުށެއް ސާބިތުވުމުންނެވެ.

ފަނޑިޔާރުންގެ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިސްތިއުނާފުގެ މަރުހަލާ ނިމުމާ އެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާނެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ. އަދި އެ މައްސަލަ ބެލި މަޖިލިހުގެ ޖުޑިިޝަރީ ކޮމިޓީން ނިންމާފައި ވަނީ ޖޭއެސްސީން ނިންމި ގޮތް ރަނގަޅު ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ރިޔާސަތު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ރިޔާސަތު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވާ ކަމަށެވެ. ދެ ބޭފުޅުންނާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގެ ބާވަތުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ޖޭއެސްސީން ބުންޏެވެ.

ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.

މި އަހަރުގެ ކުރީކޮޅު 19 ވަނަ މަޖިލިސް ފެށުނު ފަހުން މިހާތަނަށް ހަތަރު ބޭފުޅަކު ފަނޑިޔާރު ކަމުން ވަކި ކުރަން މަޖިލިހުން ފާސް ކުރި އެވެ. ސުލޫކީ މައްސަލައެއް ޖޭއެސްސީ އަށް ސާބިތުވުމާ ގުޅިގެން މަޖިލިހުން ވަކި ކުރީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) އާއި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދެ އެވެ.