ކޮވިޑް-19 ފެތުރުން ބާރުވެ، ބަލީގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެ އެނދުތައް ފުރެމުންދާއިރު، ދެން ވެސް ހާލާތު އިތުރަށް ގޯސްވިޔަ ނުދޭން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ލޮކްޑައުނަކަށް ދިއުން ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
23 އޯގަސްޓް 2020
ކޮވިޑް-19 ފެތުރުން ބާރުވެ، ބަލީގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެ އެނދުތައް ފުރެމުންދާއިރު، ދެން ވެސް ހާލާތު އިތުރަށް ގޯސްވިޔަ ނުދޭން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ލޮކްޑައުނަކަށް ދިއުން ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
"ރާއްޖެ ޓީވީ"ގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ކުރިން މާލެ ލޮކްޑައުންއަކަށް ދިއުމަށް ފަހު ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއް ދިން އިރު ވެސް ޕޮޒިޓިވް ކޭސްތައް އިތުރުވާނެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އެނގޭ ކަމަށެވެ. އެކަމަކު ސިއްހީ ތަޖުރިބާކާރުން ތިއްބެވީ ފިޔަވަޅުތަކަކަށް ގިނަ ބަޔަކު ބޯލަނބާނެ ކަމުގެ އުއްމީދެއްގައި ކަމަށް ވިޔަސް، ހީކުރި ވަރަށް ވުރެން ވެސް ހާލަތު މިހާރު ގޯސްވެފައިވާ ކަމަށް، އޭނާ ވިދާޅުވި އެވެ.
ޑރ. ޝީނާ ސިފަކުރެއްވި ގޮތުން ނަމަ، އެކަށީގެންވާ ފިޔަވަޅު އަވަސް މިނެއްގައި ނާޅާފައިފި ނަމަ ސިއްހީ ދާއިރާ އަށް ނުތަކާ މިންވަރަށް ބަލީގެ ހާލަތު ގޯސްވެދާނެ އެވެ. މާލެ ސަރަހައްދުގައި ކޮވިޑަށް ޚާއްސަކުރި އެނދުތަކުގެ 62 ޕަސެންޓް ފުރުމުގެ އިތުރުން ހަފުތާއެއްގެ ތެރޭގައި އެ ބަލީގައި ހަތަރު މީހަކު މަރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ސީދާ ލޮކްޑައުނަކަށް ހިނގައްޖިއްޔާ ބަލި ކޮންޓްރޯލްކުރަން ފަސޭހަވާނެ. ޑްރާސްޓިކަލީ ރެޑިއުސްވާނެ. އަޅުގަނޑުމެން އެންމެންނަށް ވެސް އެކަން ފެނުނު،" ޑރ. ޝީނާ ވިދާޅުވި އެވެ.
އެކަމަކު އާއްމު ދިރިއުޅުމުގެ ހާލަތަށް ބަލައި މާލެ ސަރަހައްދަށް އެންމެ ރަނގަޅު ފިޔަވަޅުތަކަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ފުލް ލޮކްޑައުނަކަށް ނުދިޔަސް މިހާރުގެ ހާލަތުން، އެޗްޕީއޭގެ ފިޔަވަޅުތައް އަލުން ބަލައި ހަރުކަށި ކުރަން ޖެހިފައިވާ ކަމަށް ވެސް ޑރ. ޝީނާ ގަބޫލުކުރައްވަ އެވެ.
ނޫން ނަމަ، އޭނާ ވިދާޅުވި ގޮތުގައި، ނިޒާމަށް ނުތަކާ މިންވަރަށް ގޮސް، މިހާރަށް ވުރެން ގިނަ މީހުން މަރުވުން އެކަށީގެންވެ އެވެ.
އޭނާ ވިދާޅުވީ އާއްމުންގެ ތެރޭގައި މިވަރަށް ބަލި ފެތުރުމުގެ ކުރިން އަޅަން ފެށި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. ދެ މަހުގެ ލޮކްޑައުނަކަށް ފަހު މަޑުމަޑުން ލުއިތައް ދެމުން ގޮސް ދޫކޮށްލިއިރު ސިއްހީ ދާއިރާގައި ވަސީލަތްތައް ހަމަކޮށް، ތައްޔާރުވެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ އެނދާއި ފަރުވާ ދޭނެ މެޝިންތަކާއި ޓެސްޓް ކިޓްތައް ފަދަ ސާމާނު ހޯދުމަކީ މާލެ އާއި އަތޮޅުތަކުގައި ވެސް ރަނގަޅަށް ކުރެވުނު ކަމެއް ކަން ފާހަގަކުރެއްވި އެވެ.
ލޮކްޑައުންއާ ހެދި ދިމާވި އިޖުތިމާއީ އަދި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ވިސްނައި ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުން ލުއިކޮށްލި ގޮތް، ޑރ. ޝީނާ ދެކެވަޑައިގަންނަވާ ގޮތުގައި، ގޯހެއް ނޫނެވެ.
"އެޗްޕީއޭ އަށް ވެސް އެނގޭ ހުޅުވާލި އިރު ވެސް ކޭސްތައް އިތުރުވާނެކަން. އެކަމަކު އުއްމީދެއް އޮތީ ގައިޑްލައިންތައް ފޮލޯކުރާނެއޭ. އެހެންވީމަ މި ބަލި ކޮންޓްރޯލް ލެވެލްއެއްގައި ގެންގުޅެވޭނެއޭ،" ޑރ. ޝީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުއްމީދުކުރި ވަރަށް ވުރެން ބާރަށް ބަލި ފެތުރެމުންދަނީ މާލޭގައި ދިރިއުޅުމުގެ އުނދަގޫ ހާލަތާއި ތޮއްޖެހުން ވެސް ބޮޑު ކަމުންނެވެ. މިހާރު ފެތުރޭ މިންވަރުން ވެސް ދެން ވެދާނެ ގޮތެއްގެ ލަފާކުރުންތަކެއް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އެޗްޕީއޭގެ ވެބްސައިޓުގައި ވެސް އެބަހުރި އެލާޓް ލެވެލްތަކެއް ވެސް ލާފައި ވަކި ވަރަކަށް ވުރެން މައްޗަށް ދާ ކަމަށް ވަންޏާ ރެސްޓްރިކްޝަންސް ނަގަން ޖެހޭނެ ކަމަށް. އެ އެލާޓް ލެވެލްތަކަށް ބަލަމުން އިންޑިކޭޓާސްތަކެއް މޮނިޓަކުރަމުން މި ދަނީ ބަލި ފެތުރޭ ނިސްބަތާއި އަހަރެމެންގެ ރާއްޖޭގެ ސިއްހީ ނިޒާމުގެ ކެޕޭސިޓީ ހުރި ވަރާއި ކިހާ ވަރަކަށްތޯ ފުރެމުންދަނީ އާއި އެ އަދަދަށް ކޭޓަކުރެވޭނެތޯ. އަޅުގަނޑު ހަނދާން ވަނީ މިދިޔަ ހަފުތާގެ އިންޑިކޭޓާސްތައް ބެލިއިރު ލޮކްޑައުނަށް އަރަން އެންމެ ޕޮއިންޓެއް އިނީ،" ޑރ. ޝީނާ ވިދާޅުވި އެވެ.
"އަޅާ ފިޔަވަޅު އެޅުމުގެ އެތައް ދުވަހެއް ފަހުން އަސަރު މި ފެންނަނީ. އެހެންވީމަ މިހާރު ކޭސްތައް އިތުރުވާ ނިސްބަތަށް ބަލަންޏާ، ނަމްބަރުން ބުނާ ނަމަ ހުޅުމާލެ ފެސިލިޓީގެ 200 އެނދުން މިހާރު އެ ދަނީ 150 އަށް ވުރެން ގިނަ އެނދު ބޭނުން ކުރެވެމުން."
ބަލި ޖެހޭ މީހުންނާއި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ނަމަ ސިއްހީ ނިޒާމަށް އޮބިއޮންނާނީ ކިހިނެއްތޯ ޑރ. ޝީނާ ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވީ ސިއްހީ ނިޒާމަށް އޮބި އޮންނަ ވަރަށް ކޮންޓްރޯލްކުރަން މިއީ އަނެއްކާވެސް ތަންކޮޅެއް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވީ ވަގުތު ކަމަށެވެ. އަދި ރޭގަނޑު 8 އިން ފެށިގެން ވެހިކަލް މަނާކުރަން ނިންމި ނިންމުމުން އާންމުންގެ ހަރަކާތްތައް މަދުވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
އަޅުގަނޑު ޕަބްލިކް ހެލްތު މީހެއްގެ ހައިސިއްޔަތުން ބުނާ ނަމަ މިއީ އަލުން ލޮކްޑައުނަކަށް ދާން ވީ ވަގުތު. -- ޝީނާ
"އެކަމަކު ސޯޝަލް އިކޮނޮމިކް ސިޓުއޭޝަންއާ ހެދި ކިހިނެއްތޯ މީތި ބެލެންސްކުރާނީ؟ އަދިވެސް މެނޭޖްކުރެވޭނެހޭ އަޅުގަނޑުމެންނަށް، ލޮކްޑައުނަކަށް ނުގޮސް،" އޭނާ ވިދާޅުވި އެވެ.
އެންމެ ރަނގަޅަށް ބަލި ކޮންޓްރޯލް ކުރި ގައުމުތަކުގައި އަލުން ފެތުރެން ފެށުމުން ލޮކްޑައުނަަކަށް ދިޔަކަން ޑރ. ޝީނާ ފާހަގަކުރެއްވި އެވެ. އޭގެތެރޭގައި އޮސްޓްރޭލިއާ އާއި ނިއު ޒިލޭންޑާއި ޖަރުމަން ފަދަ ގައުމުތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ކޮވިޑުގައި އެހެން ގައުމުތަކުގައި ގިނަ ބަޔަކު މަރުވިއިރު ރާއްޖެ އިން އެ ނިސްބަތުން މީހުން މަރުނުވަނީ ކީއްވެތޯ އާންމުން ސުވާލު އުފައްދާތީ އެކަމަށް ވެސް ޑރ. ޝީނާ ޖަވާބު ދެއްވި އެވެ.
"އެހެން ތަންތަނުގައި މީހުން މަރުވެގެން މިދިޔައީ ސިއްހީ ނިޒާމް ބާޑަން [ބުރަ ބޮޑު] ވެގެން ގޮސް، ކޭސްތައް އަންނަލެއް ބާރުކަމުން އެ މީހުންނަށް ކޭޓަ ނުކުރެވިގެން ގޮސް. އެ މީހުންގެ އެނދެއް، ޑޮކްޓަރުންނާއި ނަރުހުން ނެތީ. [މިހާރު] ރާއްޖޭގައި އެނދުގެ ވާހަކަ މިދައްކަނީ 60 ޕަސެންޓް އެނދު ފުރުނީމަ،" ޑރ. ޝީނާ ވިދާޅުވި އެވެ.
ދެން އޭނާ ކުޑަ ތަފުސީލެއް ދެއްވީ، މި ހާލަތުގައި ނަރުހުންނާއި ޑޮކްޓަރުން މަދުވުމުން ކުރިމަތިވާ މައްސަލަތަކުންނެވެ.
"ޕަބްލިކްލީ ނުދައްކާ ޑޮކްޓަރުންނާއި ނަރުހުން މަދު ވާހަކައެއް. އާއްމު ހާލަތުގައި، ކޮންމެ ފަސް އެނދަކަށް އެއް ނަރުސް ލައިގެން މި އުޅެނީ. އެކަމަކު މިހާރު 30 އެނދަށް 1 ނަރުސް ލައިގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އޭނާ ވިދާޅުވީ ޑޮކްޓަރުންގެ ދަތިކަން ވެސް އެބައޮތް ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުން ވިދާޅުވީ ހުޅުމާލެ ފެސިލިޓީގައި ޑޮކްޓަރުން ބަލި މީހުންގެ ގާތަށް ޒިޔާރަތްކުރުމުގެ ރައުންޑެއް ނަގަން މިހާރު 10 ގަޑިއިރު ހޭދަވާ ހޭދަވުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރުން މަދުވަނީ ކޮވިޑް ނޫން ބަލިތަކަށް ވެސް ޑޮކްޓަރުން ހުސްވާން ޖެހުމުންނެވެ.
"ރާއްޖޭގެ ސިއްހީ ނިޒާމް މިއޮތީ ބާޑަން ވެފައި. ކޭޓާއެއް ނުކުރެވެއޭ. މެނޭޖްކުރަނީ ކޮންމެވެސް ގޮތަކަށް. މި ރޭޓުގައި ދަންޏާ ސްކޫލެއްގައި އެނދުތަކެއް ޖަަހައިގެން ބޭތިއްބިޔަސް ކާކުހޭ އެ މީހުންނަށް ފަރުވާދެނީ؟ ފަރުވާ ނުދެވިއްޖިއްޔާ މީހުން މަރުވާ އަދަދު ގިނަވާނެއޭ،" ކޮވިޑް ފެތުރޭލެއް މަތިކަމުން ސިއްހީ އެހީތެރިންނަށް އޮތް ގޮންޖެހުންތަކާ މެދު ޑރ. ޝީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލި ކޮންޓްރޯލް ނުވެގެން އުޅެނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އާއްމުންނާއި މުއައްސަސާތަކުން ވެސް އެކަށީގެންވާ ގޮތެއްގައި އަމަލުނުކުރާތީ އެވެ. މާލޭގައި، ފުރިހަމަ އަށް ތަބާވާން ވެސް އުނދަގޫތަކެއް ހުރި ކަން ގަބޫލުކުރައްވާ ކަަމަށާއި ލަފާކުރުންތައް ހައްދަވަނީ އެކަމަށް ވެސް ބައްލަވާފައި ކަަމަށް ވިދާޅުވި އެވެ.
ޑރ. ޝީނާ ވިދާޅުވި ގޮތުގައި ބަލި ފެތުރޭ މިންވަރަށް ބަލާއިރު އެޗްޕީއޭގައި އޮޕަރޭޝަނަލް ކެޕޭސިޓީއެއް ނެތެވެ. ކުރިން ނެޝަނަލް އިމަޖެންސީ ސެންޓަރު (އެންއީއޯސީ) ހިންގީ ކަމާ ބެހޭ ގިނަ އިދާރާތަކެއް ގުޅިގެން ކަން ފާހަގަކުރައްވައި ވިދާޅުވީ އެ އެންމެން ގުޅިގެން ކުރަމުން އައި މަސައްކަތް އެޗްޕީއޭ އިން އެކަނި ކުރަން ޖެހުމުން ދަތިތަކެއް ހުންނާނެ ކަމަށެވެ.
އެޗްޕީއޭ އިން ފޯނު ނުނަގައިގެން ކުރާ ޝަކުވާ އަޑު އިވިވަޑައިގަންނަވާ ކަމަށާއި އެކަމަކު ކުރިން އެ ކޯލްތަކަށް ގިނައިން އެޓެންޑްވަމުން އައީ ވޮލަންޓިއަރުންތަކެއްގެ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ ވޮލަންޓިއަރުން އެނބުރި އެމީހުންގެ ރަސްމީ މަސައްކަތަށް ދިއުމާ އެކު ހުރިހާ ކަމެއް އެޗްޕީއޭ އިން ކުރަން ޖެހުމުން ފޯނަށް ވެސް އެޓެންޑް ނުވެވުމުގެ އިތުރުން ކޮންޓެކްޓް ޓްރޭސިން ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކަމަށް ވިދާޅުވި އެވެ.
"ޕެންޑެމިކެއްގައި ވަރަށް ގިނަ އިދާރާތަކުގެ އެއްބާރުލުން ބޭނުންވާނެ. އެޗްޕީއޭއާ އެކު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ އިތުރުން ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ވެސް ބޭނުންވާނެ،" ޑރ. ޝީނާ ވިދާޅުވި އެވެ.
ރާއްޖެ އިން މިދިޔަ މާޗް 7 ގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް އެ ބަލި ވަނީ 6،660 މީހަކަށް ޖެހިފަ އެވެ. ބަލީގައި ވަނީ 26 މީހުން މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭން 4،113 މީހުން ރަނގަޅުވި އިރު އެކްޓިވް ކޭސްގެ އަދަދަކީ 2،521 އެވެ.
ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟
ހާލަތު ބިރުވެރި: ހޮސްޕިޓަލްތައް ފުރި ފަރުވާނުދެވިދާނެ!
މި މަހު ފަހުކޮޅު ކޭސްތައް މަދުވާން ފަށާނެ: ޝީނާ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް
ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: މައުމޫން
ކޮވިޑް-19: އައިޖީއެމްއެޗުގެ ކްލަސްޓާ ބޮޑުވަނީ
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"