Roadha Mihaaru
ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލައިފި

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލައިފި

04 ޑިސެމްބަރ 2019

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މިރޭ މަރާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މިރޭ މަރާލައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދައިގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ކަރާއި އަތަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާ މީހަކު މިރޭ އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އެއީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ މަރުވީ ފަރުވާ ދެނިކޮށް 9:50 ހާއިރު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި މަރާލި ޑްރައިވަރަކީ އދ. މާމިގިއްޔަން އުފަން ގާސިމް ހަސަން ކިޔާ މީހެކެވެ. އޭނާގެ ރަޖިސްޓްރީ އޮންނަނީ މާލޭ ދަފުތަރުގައި ކަމަށްވެ އެވެ.

ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ވަޅި ހަރައި ޒަހަމްކޮށްލުމުން އެ މީހާ ވެއްޓިފައި އޮތް އިރު މަގުމަތީ އޮތީ ލޭ ގެ ކޯޜެއް ހެދިފަ އެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، މަރާލި މީހާ ޓެކްސީކުރި ވެހިކަލް ވެސް އެ ސަރަހައްދުގައި އޮތެވެ.

ފުލުހުން ބުނީ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުގައި، ޒަހަމްތަކަކާ އެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 9:07 ގައި ކަމަށެވެ. ރިޕޯޓް ލިބުމާ އެކު ފުލުހުން އެތަނަށް ގޮސް އެމްބިއުލާންސްގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ.

މި ހާދިސާ އަށް ފަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަނިޔާވެރި އަމަލު ހިންގި މީހުން ހޯދުމަށް ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުން މަސައްކަތް ފަށާފައިވާ ކަމަށާއި ހުޅުމާލެ އަށް ދަތުރުކުރާ ވެހިކަލްތައް ފާސްކުރަމުން ދާނެ އެވެ. އަދި މި އަމަލު ހިންގި ބަޔަކު ހޯދޭނެ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ ފުލުހުންނާ މައުލޫމާތު ހިއްސާކުރުމަށް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

އެ މީހާ ފެނުނު މަގަކީ ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ މަގެކެވެ. ފްލެޓްތަކެއް އިމާރާތްކުރާ އެ ސަރަހައްދުގައި މީހުން އުޅެނީ ވެސް ވަރަށް މަދުންނެވެ. އެ މަގުގެ އަނެއް ފަޅީގައި ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ހާފްވޭ ހައުސް ކައިރީގައި ސެޕްޓެމްބަރު 29، 2017 ގައި މީހަކަށް ހަމަލާދީ މަރާލި އެވެ. އެ ހަމަލާ ދިނީ ވެސް ރޭގަނޑު އެވެ.

މައްސަލަ ތަހުގީގުކުރަމުން އަންނާތީ މި ވަގުތަށް ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.