Roadha Mihaaru
ގާސިމްގެ މަރު: ތަހުގީގާ މެދު އާއިލާގެ ހިތްހަމަނުޖެހުން

ގާސިމްގެ މަރު: ތަހުގީގާ މެދު އާއިލާއިން ހިތްހަމައެއް ނުޖެހޭ!

15 ޑިސެމްބަރ 2019

ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި، ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ ތަހުގީގު ކުރިއަށް ދާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި، ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ ތަހުގީގު ކުރިއަށް ދާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި އާންމުކޮށް މީހުން ގޮސް ނޫޅޭ ގޯޅިއެއްގެ ތެރޭގައި ގާސިމް މަރާލީ، މި މަހު 4 ވަނަ ދުވަހުގެ ރެ އެވެ. ގާސިމްގެ ހަށިގަނޑު ފެނުނީ، އޭނާގެ ކާރަށް ވުރެ ތަންކޮޅެއް ދުރުގައި އޮއްވަ އެވެ. އެކަމަކު ކާރު ތެރޭގައި ވެސް ލޭ ހުރުމުން ބެލެވެނީ ހަމަލާ ދިނީ ކާރުގައި ކަމަށެވެ.

އެ މަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި މިހާތަނަށް ބުނެފައި ވަނީ ހަމަލާ ދޭން ބޭނުންކުރި ހަތިޔާރާއި ކުށުގެ ވެށިން ޑީއެންއޭ އާއި އިނގިލީގެ ނިޝާން ވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކުރި ކަމަކަށް، ފުލުހުން ބުނެފައެއް ނުވެ އެވެ.

ގާސިމްގެ އާއިލާގެ ފަރާތުން ވާހަކަ ދައްކަމުން ދޮށީދަރިފުޅު މުހައްމަދު ޔާމީން، "މިހާރު" އަށް ބުނީ އާއިލާއާ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އާއިލާއިން ހިތްހަމަނުޖެހޭ ކަމަށް އޭނާ ބުންޏެވެ.

"[ތަހުގީގާ މެދު] ހިތްހަމައެއް ނުޖެހޭ. އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭ،" ގާސިމްގެ ފަސް ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ބުންޏެވެ.

އޭނާ ބުނީ ތަހުގީގާ ބެހޭ ގޮތުން އާއިލާއަށް ވެސް ދޭން ޖެހޭ މައުލޫމާތުތަކެއް ހުންނާނެ ކަމަށެވެ.

Gasim maraalah beynukuri hathiyaaru hoadhaifi

Gasim maraalah beynukuri hathiyaaru hoadhaifi

The most trusted news source in the Maldives

Mihaaru

ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރު ހޯދުން--

ޔާމީން ބުނިގޮތުގައި ގާސިމްގެ ކާރާއި އޭނާ ދިރިއުޅުނު ކޮޓަރި އަދިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ވަރިވުމަށް ފަހު އޭނާ އުޅެމުން އައީ ކޮޓަރިއެއްގައި އެކަންޏެވެ.

އެހެން މީހަކަށް ދޭން އުޅުނު ހަމަލާއެއް؟

ޔާމީނަށް އެންމެ ފަހުން އޭނާގެ ބައްޕައާ ދިމާވީ މަރުގެ ހިތާމަވެރި ހަބަރު ލިބުނު ރޭ އިރުއޮއްސުނު ވަގުތު އެއާޕޯޓުންނެވެ. އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތް ކުރާ ޔާމީން ބުނި ގޮތުގައި އެއްވެސް މީހަކާ މައްސަލައެއް ޖެހިގެން އުޅޭ ކަމަކަށް، ބައްޕަ ބުނެފައެއް ނުވެ އެވެ.

އެ ދުވަހު ސޯސަން މަގުގައި ހިނގި އެކްސިޑެންޓެއްގައި އުފެދުނު ދެބަސްވުމެއްގައި ޒުވާނަކު ގާސިމަށް މަރުގެ އިންޒާރު ދިންކަމުގެ އަޑުތަކެއް، އޭނާގެ މަރާ ގުޅިގެން އެރި އެވެ. އެކަމަކު ޔާމީން ބުނީ އެ އެކްސިޑެންޓް ހިނގި މީހާއާ ފުލުހުން ސުވާލުކޮށްފައިވާ ކަމަށާއި މަރުގައި އޭނާގެ ބައިވެރިވުމެއް ނެތްކަން ޔަގީން ކޮށްފައިވާ ކަމަށެވެ.

އެކަމަކު ފުލުހުން މިހާތަނަށް އެފަދަ މައުލޫމާތެއް މީޑިއާއާ ހިއްސާކޮށްފައެއް ނުވެ އެވެ.

އޭނާގެ ބައްޕަ އެއްވެސް މީހަކާ ފައިސާގެ މައްސަލައެއް ނުޖެހޭނެކަން ވެސް ޔާމީނަށް ޔަގީނެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ބުނީ، ގާސިމް ފައިސާ ބަހައްޓަން ދެނީ އޭނާގެ އަތަށް ކަމަށް ވާތީ ކަމަށެވެ.

ޔާމީން ބުނި ގޮތުގައި ކުރިން ތިން ޓެކްސީ ގެންގުޅެފައި އޭގެ ތެރެއިން ދެ ކާރު ވިއްކާލާފައި ވާތީ އެހެން މީހެއްގެ އަތުން ފައިސާ ނަގަން ޖެހޭ ސަބަބެއް ވެސް ނޯންނާނެ އެވެ.

"ޔަގީން ފައިސާގެ ކަމެއް ނޫން. ފައިސާގެ ކަންކަން ޝެއާކުރަނީ އަޅުގަނޑާ. ފައިސާ އެބަ ހުރި،" ޔާމީން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބައްޕައަށް އެފަދަ ހަމަލާއެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެހެންވެ އޭނާ ބޮޑަށް ލަފާކުރަނީ އެއީ އެހެން މީހަކަށް ދޭން އުޅުނު ހަމަލާއެއް ކަމަށެވެ.

ހުޅުމާލޭ އުތުރުކޮޅުން ރީތިގަސް މަގާ ގުޅިފައި އޮންނަ ގޯޅިގަނޑަކުން ގާސިމްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އެރޭ 9:07 ހާއިރު އެވެ. އެއީ ރޭގަނޑު ވަރަށް އަނދިރި އަދި އާންމުކޮށް މީހުން ގޮސް އުޅޭ ހިސާބެއް ވެސް ނޫނެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ގާސިމަށް ހަމަލާ ދިން ހަތިޔާރު ފެނުނީ އޭނާގެ ހަށިގަނޑު އޮތް ތަނާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކެއްގެ ތެރެއިން ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ގާސިމްގެ ޓެކްސީ ދުއްވި މަގުތައް ސީސީޓީވީ ފުޓޭޖުން މިހާރު ވަނީ ހޯދިފަ އެވެ. މިހާތަނަށް ލިބިފައިވާ ހެކީގެ މައްޗަށް ބިނާކޮށް، ތުހުމަތުކުރެވޭ މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ގާސިމްގެ އެކުވެރިން ބުނެފައިވާ ގޮތުގައި އޭނާ މަރާލި ރޭ ޓެކްސީކުރަން އެންމެ ފަހުން ނުކުތީ އިޝާ ނަމާދަށް ފަހު މާލޭގެ ހޮޓަލެއްގައި އެކުވެރިންނާ އެކު އިނދެފަ އެވެ.