Roadha Mihaaru
އަނެއްކާވެސް ފިޔާގެ އަގު އުފުލިއްޖެ، ކިލޯއެއް 45އަށް

އަނެއްކާވެސް ފިޔާގެ އަގު އުފުލިއްޖެ، ކިލޯއެއް 45ރ. އަށް!

06 ޑިސެމްބަރ 2019

ބާޒާރުގައި އަނެއްކާ ވެސް ފިޔާގެ އަގު އުފުލިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބާޒާރުގައި އަނެއްކާ ވެސް ފިޔާގެ އަގު އުފުލިއްޖެ އެވެ.

މިއަދު ބާޒާރުގެ ގިނަ ފިހާރަތަކުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 45ރ. އަށެވެ. ބަސްތާއެއް ލިބެނީ 750-900އާ ދެމެދުގެ އަގެއްގަ އެވެ. މި އަގުގައި ބާޒާރުގައި ފިޔާ ވިއްކާތާ ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ.

ބައެއް ވިޔަފާރިވެރިން ބުނާގޮތުގައި ފިޔާގެ އަގު ހަމައަކަށް އެޅިތާ މަހެއްހާ ދުވަހުގެ ތެރޭގައި އަނެއްކާ ވެސް އަގު އުފުލުނީ އިންޑިއާއިން ފިޔާ ވިއްކާ އަގަށް އަނެއްކާ ވެސް ބަދަލުތައް ގެނައުމުގެ ސަބަބުން ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާއިން ފިޔާ އަގު ބޮޑުކޮށްފައިވާއިރު މި ހަފްތާ ތެރޭގައި އޭޝިއާގެ ގައުމުތަކުގައި ފިޔާގެ އަގު ހުރީ ކިލޯއެއް ހަތަރު ޑޮލަރު (61.68ރ) ގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

އިންޑިއާއިން ފިޔާގެ އަގު ބޮޑު ކުރީ އެ ގައުމަށް ކުރި ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ފިޔާ އުފެއްދުން މަދުވުމާ ގުޅިގެންނެވެ. އަދިވެސް އެ ގައުމުގައި ފިޔާގެ އަގު ކޮންޓްރޯލެއް ނުކުރެވެ އެވެ. އެންމެ ފަހުން އެ ގައުމުގެ ސަރުކާރުން ވަނީ ބޭރު ގައުމުތަކުން ފިޔާ އެތެރެ ކުރުމަށް ނިންމާފަ އެވެ.

ރާއްޖޭގެ ބާޒާރުގައި ފިޔާގެ ވިޔަފާރި ކުރަމުން އަންނަ މީހަކު ބުނީ އިންޑިއާއިން ގެންނަ ފިޔާގެ އަގު ބޮޑުވި ނަމަވެސް ރަތް ފިޔާ (ޗައިނާއިން އެތެރެ ކުރާ ފިޔާ) ގެ އަގަށް ބަދަލެއް ނާންނަ ކަމަށެވެ. ރަތް ފިޔާ ބަސްތާއެއް ބާޒަރުގައި އުޅެނީ 650ރ. އަށެވެ.

"އިންޑިއާއިން ގެންނަ ފިޔާ އެކަނި މި އަގުބޮޑުވީ. އޭގެ އަގު ދެން ކުޑަވާނީ އިންޑިއާއިން ގަންނަ އަގު ކުޑަ ވީމަ. އަދިވެސް ރަތް ފިޔާ ހަމަ ލިބޭނެ ހެޔޮ އަގުގައި." އޭނާ ބުންޏެވެ.

ބާޒާރުގައި ފިޔާގެ އަގު އުފުލިފައި ވާއިރު ބައެއް ތަންތަނު ވަނީ ފިޔާ ހުސްވެފަ އެވެ. ނަމަވެސް އާދީއްތަ ދުވަހާ ހަމަޔަށް ފިޔާ ލިބޭނެ ކަމަށް އެ ފިހާރަތަކުން ބުނެ އެވެ.

އެންމެ ފަހުން ފިޔާގެ އަގު ބޮޑުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަސްތެރޭގަ އެވެ. އޭރު ފިޔާ ބަސްތާއެއްގެ އަގު 1،200ރ އަށް ވެސް އެރި އެވެ. ނަމަވެސް 21 އޮކްޓޯބަރުން ފެށިގެން ކިލޯއެއްގެ އަގު 20ރ އަށް ވެއްޓުނެވެ.