އުއްތަމަ ފަނޑިޔާރުކަމަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
07 ޑިސެމްބަރ 2019
އުއްތަމަ ފަނޑިޔާރުކަމަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައި އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ފާސްވީ 68 މެމްބަރުންގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން 64 މެމްބަރުން ވޯޓު ދެއްވި އިރު، އޭނާއާ އައްޔަން ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ. އެއީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދެވެ.
ވޯޓަށް އެހި ގަޑީގައި، މަނީ ލޯންޑްރިން މައްސަލައިގައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައްވައި އިދިކޮޅު ބައެއް މެމްބަރުން ގެންދެވީ މަޖިލިހުގައި އިހުތިޖާޖް ކުރައްވަމުންނެވެ. ނަމަވެސް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަލްސާ މެދުކަނޑާނުލައްވައި ކުރިއަށް ގެންދަވައިފަ އެވެ. އިދިކޮޅު މެމްބަރުން އަޑުގަދަ ކުރެއްވީ މަޖިލިހުގެ އިދާރީ މޭޒު ކައިރީގަ އެވެ.
ޑިސެމްބަރު، 2014 ގައި ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހަމަޖެއްސުމާ ގުޅިގެން ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ބޭފުޅަކު އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރު ކަމުން ވަކިކުރަން ޖެހުނެވެ. ވަކިކުރާނެ ފަނޑިޔާރުން ކަނޑައެޅުމުގައި ޖޭއެސްސީ އިން މަޖިލީހަށް ލަފާ ދިން އެއް ފަނޑިޔާރަކީ މުއުތަސިމް ވަކި ކުރުމަށެވެ. މަޖިލީހުން ވެސް ފާސްކުރީ ޖޭއެސްސީގެ ނިންމުމާ އެއްގޮތަށެވެ.
ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ފުރިހަމަ ކުރެއްވި މުއުތަސިމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށެވެ. އޭގެ ކުރިން އޭނާ ވަނީ ލޯ ކޮމިޝަންގެ މެމްބަރު ކަމާއި އެޗްއާރުސީއެމްގެ މެމްބަރު ކަމާއި ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެމްބަރު ކަމާއި ފޮރިން މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރު ކަން ވެސް ކުރައްވައިފަ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމާއި ލޯ ކޮމިޝަންގެ ޗެއާމަން ކަން ކުރެއްވި ސުއޫދު އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަސިޓީގައި ލޯ އިން ވަނީ މާސްޓާސް ހާސިލް ކުރައްވައިފަ އެވެ. އޭނާ ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ސުއޫދަށް ގައުމީ އިނާމު ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީކަމާއި ބާ އެސޯސިއޭޝަންގެ ރައީސްކަމާއި އެޗްއާރުސީއެމްގެ މެމްބަރުކަން ވެސް ކުރެއްވި ސުއޫދަކީ މިހާރުގެ އާ ގާނޫނުއަސާސީ ޑްރާފްޓް ކުރެއްވުމަށް ބުރަ މަސައްކަތެއް ކުރެއްވި، އަދި ހާއްސަ މަޖިލިހުގެ މެމްބަރު ކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމުގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފުރަތަމަ ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގަތީ އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަން ކުރެއްވުމަށެވެ. އެކަމަކު ރައޫފާ ގުޅޭ ޝަކުވާތަކެއް ޖޭއެސްސީ އަށް ހުށަހަޅާފައި ވާތީ ރައޫފްގެ ނަމާ މެދު ޖޭއެސްސީން ވަކި ގޮތަކަށް ލަފައެއް ނުދެއްވަ އެވެ. އަދި ރައީސް، ރައޫފްގެ ނަން މަޖިލީހަކަށް ވެސް ނުފޮނުއްވަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުލްޣަނީ މުހައްމަދު ވަނީ ދާދި ފަހުން މަޖިލިހުން ވަކިކޮށްފަ އެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުންނެވެ. މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން ޖޭއެސްސީން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޖޭއެސްސީއަށް ހުރަސް އެޅުން ހުއްޓުވައި ދޭން އެދިއްޖެ
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
ޝުޖޫނާއި އަޒްމިރަލްދާއާ މެދު ގޮތެއް ނިންމުން މާދަމާ
މި އެޅެނީ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ބިންގާ:ހިސާން
ފަނޑިޔާރު ޑީޑީ ވަކިކުރުމުގެ މައްސަލަ ކޮމިޓީ އަށް
ޝުޖޫނާއި އަޒްމިރަލްދާ އަށް ކޮމިޓީން ރުހުން ދީފި
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!