ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ދެކޮޅަށް އިޖުރާއަތްތައް ފުރިހަމަނުކޮށް ހިންގާ ޣައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ފިޔަވަޅު ނޭޅުމަށް ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ) އިން ގޮވާލައިފި އެވެ.
11 މެއި 2025
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ދެކޮޅަށް އިޖުރާއަތްތައް ފުރިހަމަނުކޮށް ހިންގާ ޣައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ފިޔަވަޅު ނޭޅުމަށް ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ) އިން ގޮވާލައިފި އެވެ.
ސީއެލްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޖުޑީޝަލް ސާވިސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ނުގެއްލޭނެ ގޮތަށް އަދި އެކަށީގެންވާ ހެކި ނެތް ނުވަތަ ހަމަނުޖެހޭ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅަން ކަމަށެވެ. އަދި ހަމަހަމަ އުސޫލުތަކާ ހިލާފަށް ފަނޑިޔާރުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމަށް ގޮވާލާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"ސީއެލްއޭ އިން ކޮމިޓީއަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ ފަނޑިޔާރުން ވަކިކުރުމަށް ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތަކަށް ސަމާލުކަން ދިނުމަށާއި، އަދި އިތުރަށް ޝަރުއީ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ ހަރުދަނާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެއަށް ތަބާވުމަށް،" ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން ސީއެލްއޭ އިން ބުނީ ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ވަރަށް ފުންކޮށް ދިރާސާކުރުމަށާއި، އެ ހުށަހެޅުމުގައި މައުޟޫއީ، އިޖުރާއީ އަދުލުވެރިކަން އަދި ހެއްކާބެހޭ ޝަރުތުތައް ފުރިހަމަނުވާ ނަމަ އެ ހުށަހެޅުން ބާތިލުކުރުމަށް ގޮވާލާ ކަމަށެވެ.
ސީއެލްއޭ އިން ބުނީ އެކަމުގައި މަޖިލީހުން އަމަލުކުރާ ގޮތް ގާތުން ބަލަމުންދާނެ ކަމަށެވެ.
އަދި ރާއްޖޭގައި ގާނޫނުގެ ވެރިކަން ކުރިއެރުވުމާއި ދިފާއުކުރުމަށްޓަކައި ރާއްޖޭގެ ބާ ކައުންސިލާއި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގާނޫނީ ޖަމްއިއްޔާތަކާއި، ކޮމަންވެލްތު ސެކްރެޓޭރިއެޓާއި އަދި އދ. ގެ ޝަރުއީ ދާއިރާގެ މިނިވަންކަމާބެހޭ ހާއްސަ ރެޕޯޓަރާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ވެސް ސީއެލްއޭ އިން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ.
ނަމަވެސް، އިއްޔެ ބޭއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ ފަނޑިޔާރު އަޒްމިރަލްދާ ކޮމިޓީއަށް ހާޒިރުނުކުރުމަށެވެ. ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމުގެ މައުޟޫއާ މެދު ގޮތެއް ނިންމުމުގެ ބާރެއް އެ ކޮމިޓީއަށް ނެތްއިރު، އަދި އިޖުރާއީ މައްސަލައެއް ވެސް ފާހަގަ ނުކުރެވޭ ކަމަށެވެ. ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އަމަލުކޮށްފައިވާ ގޮތް ވަރަށް ތަފްސީލްކޮށް އެ ކޮމިޓީން ހާމަކޮށްފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އަދި މީގެކުރިން ވެސް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކުގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަމަލުކޮށްފައިވަނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު، ގޮތެއް ކަނޑައަޅަން ތަޅުމަށް ފޮނުވުން ކަމަށާއި މިފަހަރު ވެސް އެގޮތަށް އަމަލު ކުރުމުގައި ގޯހެއް ނެތް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ވިދާޅުވީ އިޖުރާއީ ގިނަ މައްސަލަތަކެއް ހުރި ކަމަށް ފަނޑިޔާރުން ވިދާޅުވަމުން ގެންދަވާތީ، އެ ބޭފުޅުން ހާޒިރުކޮށް ކަންބޮޑުވުންތައް އަޑުއެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެ ބޭފުޅުން ހާޒިރުކޮށް ފުރުސަތު ދިނުމަށް ފަހު ވެސް ކޮމިޓީއަށް ބޭނުންވާ ނިންމުމެއް ނިންމިދާނެ ކަން އެ މެންބަރުން ފާހަގަކުރެއްވި އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޖޭއެސްސީއަށް ހުރަސް އެޅުން ހުއްޓުވައި ދޭން އެދިއްޖެ
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި