Roadha Mihaaru
"ތައުލީމަށް ދޫކުރި ލޯނުގެ 114 މިލިއަން ނުލިބޭ"

މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114 މިލިއަން ނުލިބި އެބަހުރި: އޮޑިޓް

09 ޑިސެމްބަރ 2019

މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ނުލިބި އެބަހުރި ކަމަށާއި އެހެންވެ، އެ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓާ ޖެނެރަލް ލަފާ ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ނުލިބި އެބަހުރި ކަމަށާއި އެހެންވެ، އެ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓާ ޖެނެރަލް ލަފާ ދެއްވައިފި އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، ނެރުއްވާފައިވާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެކިއެކި ސްކީމްތަކުން މަތީ ތައުލީމު ހޯދަން 1990 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 140 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 114 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް ލިބިފައިނުވާ ކަމަށް އެ މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ކަމަށާއި އެ ފައިސާ ހޯދަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނެތް ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި އޭގެ ހިސާބުތައް ބަލަހައްޓާފައި ނެތުމުން ލިބެންޖެހޭ ފައިސާ އާއި އަދި ފައިސާ ނުދައްކާ ހޭދަވި މުއްދަތު ފަދަ މުހިންމު މައުލޫމާތު ކަށަވަރު ނުކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެހެންވެ، އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ލަފާ ދެއްވީ ލިބެންޖެހޭ ފައިސާގެ ހިސާބު ބެލެހެއްޓުމަށާއި ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އަދި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ޝަރީއަތަށް ފޮނުވަން ވެސް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ކަންކަން މިނިސްޓްރީން ގަވާއިދުން މޮނިޓާ ކޮށްފައި ނެތް މައްސަލަ ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. ސަރުކާރާއި ބީއެމްއެލްއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ބީއެމްއެލް މެދުވެރިކޮށް މަތީ ތައުލީމަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައި ވާއިރު، އެ ލޯނުތައް އަނބުރާ ދައްކަން ފަށަންޖެހޭ މުއްދަތަށް ފަހު ގަވާއިދުން ފައިސާ ދައްކަމުން ނުދާ ލޯނުތަކުގެ ގޮތުގައި 43 މިލިއަނަށް ގިނަ ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް ހުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ބީއެމްއެލް އާއި ސަރުކާރާ ދެމެދު އެއްބަސްވުން އޮތްގޮތުން މަތީ ތައުލީމުގެ ލޯނުތައް ބެލެހެއްޓުމުގައި ބޭންކުގެ އަމިއްލަ ލޯނުތައް ބެލެހެއްޓުމުގެ އުސޫލުތައް ހިންގަން ޖެހޭ ގޮތަށް އޮތަސް، ފައިސާ ނުދައްކާ ފަރާތްތަކާ މެދު އެފަދައިން އަމަލު ކޮށް، ފިޔަވަޅު އަޅާފައެއް ނުވެ އެވެ. އަދި އެ މައްސަލަ 2017 ވަނަ އަހަރުގެ އޮޮޑިޓް ރިޕޯޓުގައި ވެސް ފާހަގަ ކުރި ކަމަށާއި އެކަމަކު އެކަމާ މެދު މިހާތަނަށް ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނެތް ކަމަށް އެ ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން ބޭންކް އޮފް ސިލޯން މެދުވެރިކޮށް މަތީ ތައުލީމަށް 85 ދަރިވަރަކަށް ދޫކުރި 7.1 މިލިއަން ރުފިޔާގެ ތެރެއިން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 64 ދަރިވަރެއްގެ ލޯނަށް 4.8 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި ސަރުކާރާއި އެ ބޭންކާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން އެކަމާ ބެހޭ ރިޕޯޓެއް ކޮންމެ މަހަކު އެ މިނިސްޓްރީ އަށް ފޮނުވަން ޖެހުނަސް، އެ ރިޕޯޓް ހޯދަން މިނިސްޓްރީން އެކަށީގެންވާ ގޮތެެއްގައި މަސައްކަތް ކޮށްފައި ނެތް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.