Roadha Mihaaru
ވޮލީ ލީގުގެ ފުރަތަމަ މެޗުން ގުޑީސް އަށް ބޮޑު މޮޅެއް

ވޮލީ ލީގުގެ ފުރަތަމަ މެޗުން ގުޑީސް އަށް ބޮޑު މޮޅެއް

26 ޑިސެމްބަރ 2019

އަހަރެއްގެ މެދުކެނޑުމަކަށް ފަހު ރޭ ފެށި ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުން ގުޑީސް ސްޕޯޓްސް ކްލަބުން ބޮޑު މޮޅެއް ހޯދައިފި އެވެ.

އަހަރެއްގެ މެދުކެނޑުމަކަށް ފަހު ރޭ ފެށި ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުން ގުޑީސް ސްޕޯޓްސް ކްލަބުން ބޮޑު މޮޅެއް ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ސްޕޯޓްސް ކްލަބް ހޯކްސްގެ މައްޗަށް ގުޑީސް އިން ކުރިހޯދީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. ގުޑީސް އިން ސެޓުތައް ގެންދިޔައީ 25-15، 25-10 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގުޑީސް އަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އަހުސަން އެވެ.

ގުޑީސް އަކީ މި ފަހަރުގެ ގައުމީ މުބާރާތަށް އެންމެ ރަނގަޅަށް ޓީމު އެކުލަވާލި ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. އަހުސަންގެ އިތުރުން ގައުމީ ޓީމުގެ އެހެން ކުޅުންތެރިން ވެސް ގުޑީސް ޓީމުގައި ހިމެނެ އެވެ. ގުޑީސްގެ ކެޕްޓަނަކީ ގައުމީ ޓީމުގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އެވެ. ދެން އެ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހަސަން ނިލާމް (ޕާޓޭ) އާއި ޖަވާމް އަލީ (ދަގަނޑޭ) އާއި އާދަމް ފައިރޫޒް އަދި ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސެއިން ހިމެނެ އެވެ. މީގެ އިތުރުން ނޭލާލުގެ ހުނަރުވެރި ކުޅުންތެރިޔާ މަން ބަހާދުރު ޝްރެސްތާ ވެސް ވަނީ އެ ޓީމަށް ގެނެސްފަ އެވެ.

ޝަފާޒް އިބްރާހިމްގެ ކޯޗުކަމުގައި ކުޅޭ ގުޑީސް އިން ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަހުސަން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު ނިލާމް ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފަސް ޓީމު މި ފަހަރުގެ މުބާރާތުގައި ކުޅޭއިރު ދެން އެންމެ ވަރުގަދަ ސްކޮޑަކާ އެކު މި މުބާރާތަށް ޓީމު ތައްޔާރުކުރީ ޕޮލިހުންނެވެ. ޕޮލިހުގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. އެ ޓީމު ކުޅޭނީ ސްޕޯޓްސް ކްލަބް ސިޓީއާ އެވެ. މާދަމާރޭ ކުޅޭ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނީ ގުޑީސްއާ އެވެ.

ސިފައިންނާ ވާދަކޮށް އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ގައުމީ ލީގުގެ ޝީލްޑް އުފުލާލި މޯލްޑިވިއަން އިންނެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ ކުޅޭނީ ހޯކްސްއާ އެވެ.