Roadha Mihaaru
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި

ޔާމީން ލޯންޑަކުރެއްވި ހުރިހާ ފައިސާއެއް ދައުލަތަށް ނެގުމުގެ އަމުރަކަށް ކޯޓަށް ހުށަހަޅައިފި

26 ޑިސެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަކުރެއްވުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުންކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަކުރެއްވުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުންކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ކުރީ އެމަނިކުފާނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތުކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ.

އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު، އޭގެ ބަދަލުގައި އެހެން ގޮތަކުން ހޯއްދެވި 1 މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އެމްއައިބީގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އޭގެ އަސްލު އޮޅުވާލެއްވި ކަމަށް ދައުވާގައިވެ އެވެ.

އެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.

ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އެމަނިކުފާނުގެ އެކައުންޓުގައި ހުރި އެ މައްސަލައާ ގުޅުން އޮތް ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދުނީ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކޮށްފައި ވާތީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

ޕީޖީ އޮފީހުން ކުރި ޓްވީޓް

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން މީހަކު ކުރި ކުށެއްގެ ސަބަބުން އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާ ކަން ސާބިތުވެއްޖެ ނަމަ އަދި އެ މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނަގަން ގާނޫނަކުން ކަނޑައަޅާފައިވާ ނަމަ، އެ މުދަލެއް ނުވަތަ އެ ފައިސާއެއް ދައުލަތަށް ނަގަން ކޯޓުން އަމުރު ކުރަން ޖެހޭނެ އެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ބުނާ ގޮތުން މަނީ ލޯންޑަރިންގެ އަމަލު ހިންގަން ބޭނުންކުރި ފައިސާ ނުވަތަ މުދާ ދައުލަތަށް ނަގަން އަމުރު ކުރަން ޖެހޭނެ އެވެ.

ޔާމީންގެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.