Roadha Mihaaru
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ

އާރަށް މައްސަލައިގެ ފައިސާގެ ބައި އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނުނިންމާ

02 ފެބުރުއަރީ 2023

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރިކަން ސާބިތުވި ފައިސާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރިކަން ސާބިތުވި ފައިސާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރި ކަން ސާބިތުވާތީ އެ މަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އަދަބެއް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮތީ އިއްވައިފަ އެވެ.

ލޯންޑާކުރި ފައިސާ އާއި އެއާ އެއްކޮށް އިންވެސްޓްކުރި އިތުރު 2.4 މިލިއަން ޑޮލަރާއި އޭގެ ފައިދާ ދައުލަތަށް ނަގަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނަސް ހުކުމުގައި އެކަމާ މެދު ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. އެހެންވެ، އެ ބައި އިސްތިއުނާފު ކުރުމާ މެދު ދައުލަތުން ދަނީ މަޝްވަރާ ކުރަމުންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ ބައި އިސްތިއުނާފު ކުރުމާ މެދު އަދިވެސް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

އެ ހުކުމާ އެކު، ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް މިހާރު ވަނީ ގެއްލިފަ އެވެ. ނަމަވެސް އިސްތިއުނާފު މަރުހަލާއިން އެ މަނިކުފާނުގެ ޖަލު ހުކުމް ބާތިލްކޮށްފި ނަމަ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނެ އެވެ.

ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް އެ މައްސަލާގައި ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.