Roadha Mihaaru
ޖަޔަލަލިތާ ހާލު ރަނގަޅު، ސްޓޭޓް ހިންގަނީ ހޮސްޕިޓަލުން

ޖަޔަލަލިތާގެ ހާލު ރަނގަޅު، ސަރުކާރު ހިންގަވަނީ ހޮސްޕިޓަލުގައި އޮންނަވައިގެން: ޕާޓީ

02 އޮކްޓޯބަރ 2016

ޗެންނާއީ (އޮކްޓޯބަރު 2) - ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުގެ ސިއްހީ ހާލު މިހާރު ރަނގަޅު ކަމަށާއި އެކަމަނާ ގެންދަވަނީ ހޮސްޕިޓަލުގައި އޮންނަވައިގެން ވެސް ސަރުކާރު ހިންގަވަމުން ކަމަށް ޕާޓީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޗެންނާއީ (އޮކްޓޯބަރު 2) - ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުގެ ސިއްހީ ހާލު މިހާރު ރަނގަޅު ކަމަށާއި އެކަމަނާ ގެންދަވަނީ ހޮސްޕިޓަލުގައި އޮންނަވައިގެން ވެސް ސަރުކާރު ހިންގަވަމުން ކަމަށް ޕާޓީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އޭއައިއޭޑީއެމްކޭ ޕާޓީގެ ތަރުޖަމާން ސީއާރު ސަރަސްވަތީ ރާއޯ ވިދާޅުވީ ޓަމިލް ނާޑޫގެ ގަވަރުނަރު ވިދަޔަސަގަރު ރާއޯ ވެސް ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލަށް ވަޑައިގެން އެކަމަނާގެ ހާލު އިއްޔެ ބައްލަވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖަޔަލަލިތާ ގެންދަވަނީ ހޮސްޕިޓަލުގައި ކޮންމެ ދުވަހަކު ވެސް ވަޒީރުންނާއި ސަރުކާރުގެ އެހެން އޮފިޝަލުންނާ ބައްދަލުކުރައްވާ ސަރުކާރު ހިންގަވަންވީ ގޮތުގެ ލަފާ ދެއްވަމުން ކަމަށެވެ.

"ޖަޔަލަލިތާ ގެންދަވަނީ 24 ގަޑިއިރުގެ ތެރޭން 22 ގަޑިއިރު ސަރުކާރަށާއި ޕާޓީ އަށް ޚިދުމަތް ކުރައްވަމުން. އެހެންވެ އެކަމަނާ އަށް ވެސް ރެސްޓެއް ދޭން ބޭނުންވާތީ ހޮސްޕިޓަލުން އަދި ދޫނުކޮށް އޮތީ،" ތަރުޖަމާން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ 68 އަހަރުގެ ޖަޔަލަލިތާގެ ސިއްހީ ހާލު ގޯސް ކަމަށާއި އެކަމަނާ އަށް ސްޓޭޓް ނުހިންގެވޭ ކަމަށް ބުނަމުންނެވެ. އޭއައިއޭޑީއެމްކޭ ބުނީ ޖަޔަލަލިތާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ މީހުންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.

ޖަޔަލަލިތާ އަށް ފަރުވާ ދެމުން ދަނީ އިނގިރޭސި ވިލާތުން ޚާއްސަ ޑޮކްޓަރުން ގެނެސްގެންނެވެ. އެޕޯލޯ ހޮސްޕިޓަލުން ބުނީ ޖަޔަލަލިތާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް ޖަޔަލަލިތާގެ ބައްޔާ ބެހޭ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.