Roadha Mihaaru
އަންހެނުންނަށް ގޮނޑިތައް ޚާއްސަކުރުމުން ސުޕްރީމް ކޯޓަށް

އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަ ކުރުމުން ސުޕްރީމް ކޯޓަށް

31 ޑިސެމްބަރ 2019

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަނުކުރެވޭތީ އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަނުކުރެވޭތީ އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކޮށްފައި ވާތީ، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 380 އަށް ވުރެ ގިނަ އަންހެނުން އިންތިޚާބު ކުރަން ޖެހެ އެވެ. އެހެންވެ، އަންހެނަކު އިިންތިޚާބު ކުރަންޖެހޭ ދާއިރާތަކަށް ފިރިހެނުންނަށް ވާދައެއް ނުކުރެވެ އެވެ.

އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ، މި ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. އޭނާ ކުރި ޓްވީޓެއްގައި ވަނީ އައްޑޫގައި މޫސަ ނިސްބަތްވާ ދާއިރާ އަށް ފިރިހެނަކަށް ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ބާތިލް ގާނޫނެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެ ގާނޫނާއި ކޮމިޝަންގެ ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މޫސާ އަންވަރު ކުރި ޓްވީޓް

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ހައްގު ކަމަށްވާ މިނިވަންކަމާ އެކު މަންދޫބުން އިހްތިޔާރު ކުރުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު މުތުލަގު ގޮތަކަށް ހިފެހެއްޓުމަކީ ޖޯކެއް ކަމަށް ވެސް މޫސަގެ ޓްވީޓްގައިވެ އެވެ. އަދި ރަށު ކައުންސިލްތަކުގެ ދާއިރާތަކަށް ފިރިހެނުންނަށް ވާދަކުރުމުގެ ފުރުސަތު އޮންނައިރު، ސިޓީ ކައުންސިލްތަކުގެ ވަކި ދާއިރާތަކަކަށް ފިރިހެނުންނަށް ވާދަނުކުރެވޭ ގޮތް ހެދުމަކީ ތަފާތު ކުރުމެއް ކަމަށް ވެސް މޫސަ ބުންޏެވެ.

މީގެ އިތުރުން، މިހާރު ވެސް އޭނާ ނިސްބަތް ދާއިރާގައި ފިރިހެނުންނާ ވާދަކޮށްގެން ހޮވިފައި ހުރީ އަންހެން މެމްބަރެއް ކަމަށް ކަމަށް ވެސް ޓްވީޓްގައިވެ އެވެ. އަދި ފިރިހެނުންގެ ހައްގު ނުގެއްލޭނެ ގޮތަކަށް ވެސް 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރެވިދާނެ ކަމަށް މޫސަ ބުންޏެވެ.

މޫސާ އަންވަރު ކުރި ޓްވީޓް

ކައުންސިލްތަކުގެ ވަކި އަދަދެއް އަންހެނުންނަށް ޚާއްސަ ކުރަން ލާޒިމްކުރި ބައި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން މޫސަ ނިންމިއިރު، މީގެ ކުރިން ވެސް ދުސްތޫރީ ބައެއް މައްސަލަތައް އޭނާ އެ ކޯޓަށް ހުށަހަޅައި، އޭގެ ތެރެއިން ބައެއް މައްސަލަތައް ކާމިޔާބު ކުރި އެވެ.