Roadha Mihaaru
އިތުބާރު ހޯދައި އިންސާފު ކަށަވަރުކޮށްދޭނަން: ޝަމީމް

އިތުބާރު ހޯދައި އަދުލު އިންސާފު ކަށަވަރު ކޮށްދޭނަން: ޝަމީމް

31 ޑިސެމްބަރ 2019

ރައްޔިތުންގެ އިތުބާރު ހޯދައި އަދުލު އިންސާފު ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ އިތުބާރު ހޯދައި އަދުލު އިންސާފު ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ، ރޭޕްގެ ޝިކާރައަކަށްވި ރ. މަޑުއްވަރީގެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާގެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިންނަށް ދައުވާ ކުރިކަން ހާމަކޮށް، ޕީޖީން ކުރި ޓްވީޓާ އެކު، ޝަމީމް ވިދާޅުވީ އިތުބާރު ހޯދައި އަމާންކަމާއި ރައްކާތެރިކަމާއި އަދުލު އިންސާފު ކަށަވަރު ކޮށްދޭނެ ކަމަށެވެ.

ޕީޖީން ކުރި ޓްވީޓުގައި ބުނީ އެ އަންހެން ކުއްޖާގެ މައިންބަފައިންގެ މައްޗަށް މިއަދު ދައުވާ ކޮށްފައިވާ ކަމަށެވެ. އޭނާގެ މަންމަގެ މައްޗަށް ހަތަރު ދައުވާ އަދި ބައްޕަގެ މައްޗަށް ދައުވާއެއް ކޮށްފައިވާއިރު، އެ ކުޑަ ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތު ރައްދުވާ އިސްމާއިލް ހައްމާދުގެ މައްޗަށް ވެސް ވަނީ މިދިޔަ ހަފުތާގައި ދައުވާ އުފުލައިފަ އެވެ.

މި މަހުގެ 8 ވަނަ ދުވަހު ޕީޖީއަކަށް އައްޔަން ކުރެއްވި ޝަމީމް، މީގެ ކުރިން ވިދާޅުވީ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަން ދެއްވާ އެއް ކަމަކީ އެކި ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދެއްގައި ބައިތިއްބާފައިވާ މީހުންނަށް އިންސާފު ހޯއްދަވައި ދެއްވުން ކަމަށް ވިދާޅުވި އެވެ.

ތަފާތު އެކި މައްސަލަތަކުގައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ އަދަދު 256 އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.

ޝަމީމްގެ ވިސްނުމަކީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް މަދުކުރަން ޕްލީ ބާގެއިނިން ނިޒާމެއް ގާއިމް ކުރުމެވެ. ރައްޔިތުންގެ މަޖިލިސް އަންނަ އަހަރަށް ހުޅުވުމުން، އެކަމުގެ މަސައްކަތްތައް ފަށައި، އެ ނިޒާމުގެ ތެރެއިން ޝަރީއަތާ ހަމައަށް ދިއުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދިއުމަކީ އުއްމީދެއް ކަމަށް އާ ޕީޖީ ޝަމީމް ވިދާޅުވެފައި ވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިއިރު، އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ބޭފުޅުންނާ ދެކޮޅަށް އުފުލި ދައުވާތަކާ އެކު ޕީޖީ އޮފީހުގެ ނަން ވަނީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ.