Roadha Mihaaru
ޕީޖީ ހުށަހަޅުއްވަނީ އެކީއެކައްޗަކަށް މައްސަލަ ނިންމަން

ޕީޖީގެ ހުށަހެޅުއްވުމަކީ ތިން ދުވަހުން ހުކުމާ ހަމައަށް ދިއުން

12 ފެބުރުއަރީ 2020

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ތަހުގީގާއި ދައުވާ އުފުލުން އަވަސްކުރުމާ އެކު، ޝަރީއަތް ފަށާ ހިސާބުން އެކީއެކައްޗަކަށް ގެންގޮސް ދެތިން ދުވަހުގެ ތެރޭގައި ހުކުމާ ހަމައަށް ދާން މަސައްކަތް ކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ހުށަހަޅުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ތަހުގީގާއި ދައުވާ އުފުލުން އަވަސްކުރުމާ އެކު، ޝަރީއަތް ފަށާ ހިސާބުން އެކީއެކައްޗަކަށް ގެންގޮސް ދެތިން ދުވަހުގެ ތެރޭގައި ހުކުމާ ހަމައަށް ދާން މަސައްކަތް ކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ހުށަހަޅުއްވައިފި އެވެ.

އުމުރުން ދެ އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި މައްސަލައާ އެކު ފެންމަތިވީ، ޖިންސީ ގޯނާގެ ކަންތައްތަކުގައި އިންސާފު ހޯދައި ދިނުމުގައި މުއައްސަސާތައް ނުކުޅެދިފައިވާ ކަމެވެ. ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ކޯޓުތަކުގައި ތާށިވެ އިންސާފު ނުލިބި އަހަރުތަކެއް ހޭދަވެފައިވާ މައްސަލަތަކެއް ވެސް އެބަހުއްޓެވެ.

މިފަދަ މައްސަލަތަކުގައި ހައްލު ހޯދަން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ އަށް އިސްކަން ދީގެން، އިދާރީ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ގާނޫނުތަކުން ލާޒިމްކުރާ މުއްދަތުތައް ދިނުމަށް ފަހު، ޝަރީއަތުގެ މަރުހަލާ ފަށައި، ކޮންމެ ދެ އަޑުއެހުމެއް ދެމެދުގައި 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ހޭދަ ނުވާނޭހެން އަޑުއެހުންތައް ދުރާލާ ތާވަލްކޮށް އަދި އެކަން ދެ ފަރާތަށް ވެސް އަންގަން ޖެހޭނެ ކަމަށް ސާކިއުލާގައިވެ އެވެ.

ކޯޓުތަކާ އެކު ޕީޖީ މަޝްވަރާ ކުރައްވަމުން އަންނަނީ އެފަދަ މުޖުތަަމައުގެ ސަލާމަތަށް ނުރައްކާ ބޮޑު މައްސަލަތައް އެއަށް ވުރެން ވެސް އަވަހަށް ނިންމުމަށެވެ.

ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީގޯނާކުރުން ފަދަ މައްސަލަތަކުގައި އެ އޮފީހުން ބޭނުން ވަނީ ހެނދުނު 8 ޖަހާއިރު ފަށާ ޝަރީއަތް ހަވީރު 4 ޖަހަން ދެން ގެންދަން ކަމަށެވެ. މައްސަލައިގައި ހިމެނޭ ހެކިންގެ ވެސް ހެކިބަސް އެ ދުވަހު ނަގައި ނުނިމެއްޖެ ނަމަ ދެ ވަނަ ދުވަހު ވެސް އެ މައްސަލަ ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ދެ ވަނަ ދުވަހު ވެސް މައްސަލަ ކުރިއަށް ގެންގޮސް ތިން ވަނަ ދުވަހު ހުކުމާ ހަމައަށް ދާންވީއޭ. ތިން ދުވަސް ތެރޭގައި ނުވަތަ ހަތަރު ވަރަކަށް ދުވަސް ތެރޭގައި މައްސަލަ ނިންމޭ ގޮތަށް ތައްޔާރުވެގެން ކުރިއަށް ދާން އަސްލު އަޅުގަނޑުމެން ބޭނުން ވަނީ. އެއީ އަސްލު ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރުކޮށްފައި އޮތް ގޮތަކީ ވެސް،" ޝަމީމް ވިދާޅުވި އެވެ.

"އެގޮތަށް މައްސަލަތައް ނިންމުން އަޅުގަނޑުމެންނަށް އަދި ކޯޓުތަކަށް ވެސް މާ ރަނގަޅުވާނެ. ހެކިންގެ ހެކިބަސް ލިބުން ވެސް މާ ފަސޭހަ. އަވަހަށް މައްސަލަ ނިމެން ވެސް ނިމޭނެ. އަދި ހަމަ ދިފާއީ ވަކީލުންނަށް ވެސް ރަނގަޅު. އެއްފަހަރުން މައްސަލަ ނިމެންޏާ ހުރިހާ އެންމެންނަށް ވެސް ރަނގަޅު."

މައްސަލަތައް މިހާރު ޝެޑިއުލްކުރަނީ އެއް ގަޑިއިރަށް ކަން ފާހަގަކުރައްވައި ވިދާޅުވީ އެއީ އެއްވެސް އެއްޗެއްގައި ލިއެފައި އޮންނަ އުސޫލެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ހިނގާށޭ އެ އުސޫލް ބަދަލުކޮށްފައި ޚާއްސަ ބޮޑެތި މައްސަލަތަކުގައި އެކީ އެކައްޗަކަށް ޝަރީއަތް ކުރިއަށް ގެންދަން،" --ޝަމީމް

އަވަހަށް މައްސަލަ ނިންމުމުގެ މި އުސޫލަށް ވަރަށް ގިނަ ކޯޓުތަކުން އަމަލުކުރަމުން އަންނަ ކަން ވެސް ޕީޖީ ފާހަގަކުރެއްވި އެވެ. އެ ނޫން ކޯޓުތަކުން ވެސް އެކަމުގައި ކުރިއަށްދާން މަޝްވަރާ ކުރަމުން އަންނަ ކަަމަށް ވިދާޅުވި އެވެ.

ހުރިހާ މުއައްސަސާތަކުން ގުޅިގެން އެގޮތަށް ކުރިއަށް ދެވިއްޖެ ނަމަ ޖިނާއީ އަދުލުގެ ނިޒާމާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރުބޮޑުވެ، އިންސާފު ގާއިމްވާނެ ކަމުގެ ޔަގީންކަން ބޮޑުވާނެ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

ޖިނާއީ ތަހުގީގުތައް ހިނގަނީ ރަނގަޅަށްތޯ ބެލުމަކީ ޕްރޮސިކިއުޓަ ޖެނެރަލްއާ މަތިކޮށްފައި އޮންނަ ޒިންމާއެއް ކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އިދާރާތަކުން ޖިނާއީ ތަހުގީގުތައް ހިންގާ އުސޫލްތައް އެ އޮފީހުން ހޯދަމުން އަންނަ ކަމަށެވެ. އެ އުސޫލްގައި ކަމެއް ރަނގަޅު ކުރަން ޖެހޭ ކަމަށް ފާހަގަވެއްޖެ ނަމަ އެކަން ވެސް އެ މުއައްސަސާއަކަށް އަންގާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން ހިމެެނެ އެވެ.