Roadha Mihaaru
އިންޓަ އާއި ބާސެލޯނާ އިން އޮބާމަޔަން އަށް ފާރަލަނީ

އިންޓަ އާއި ބާސެލޯނާ އިން އޮބާމަޔަން އަށް ފާރަލަނީ

01 ޖެނުއަރީ 2020

ލަންޑަން (ޖެނުއަރީ 1) - އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އަށް ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަ މިލާނުން ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 1) - އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އަށް ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަ މިލާނުން ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގެބޮން އަށް އުފަން އުމުރުން 30 އަހަރުގެ އޮބާމަޔަން މި ވަގުތު އާސެނަލްގެ ކޮންޓްރެކްޓްގައި ހުރީ 2021 ވަނަ އަހަރާ ހަމައަށެވެ. އާސެނަލުން އޮބާމަޔަން އަށް އާ ކޮންޓްރެކްޓެއް ދޭން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އާސެނަލްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި އާޓެޓާ ވެސް ވަނީ އޮބާމަޔަން ފަދަ މުހިއްމު ކުޅުންތެރިން ޓީމުގައި މަޑުކުރުވަން ޖެހޭ ކަމަށް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ވިސްނުން ހުރީ މި ސީޒަނަށް ފަހު އޮބާމަޔަން އަށް ބިޑްކުރުމަށެވެ. އަދި މި ޑީލުގެ ތެރެއިން އިންޓަ އިން އެ ޓީމުގެ ބައެއް ކުޅުންތެރިން ވެސް އާސެނަލަށް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށްވެ އެވެ. އިންޓަ އިން ދޫކޮށްލަން ވިސްނަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އިޓަލީގެ ފޯވާޑް މަޓެއޯ ޕޮލިޓާނޯ އާއި އުރުގުއޭގެ އެޓޭކިން މިޑްފީލްޑަރު މަޓިއަސް ވެސީނޯ ހިމެނެ އެވެ. އިންޓަ އިން އަންނަނީ ޗެލްސީގެ ފޯވާޑް އޮލިވިއޭ ޖިރޫޑަށް ވެސް ފާރަލަމުންނެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކެވެ. އެ ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފެންވަރު ރަނގަޅު އިތުރު ފޯވާޑެއް ހޯދަން އެ ޓީމުން އަންނަނީ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާގެ އެއް ވަނަ ޓާގެޓަކީ އޮބާމަޔަން އެވެ. އަދި އޮބާމަޔަން ހޯދަން 50 މިލިއަން ޔޫރޯގެ ބިޑެއް ކުރަން ބާސެލޯނާ އިން އޮތީ ތައްޔާރަށް ކަމަށް ސްޕެއިނުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރެ އެވެ.

މީގެ ދެ އަހަރު ކުރިން ބޮރޫޝިއާ ޑޯޓްމްންޑް ދޫކޮށް 63 މިލިއަން ޔޫރޯ އަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެ ޓީމަށް ގިނަ ގޯލުތަކެއް ޖަހައިދީފަ އެވެ. އާސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވި ފަހުން ކުޅުނު ދެ މެޗުގައި ވެސް އޮބާމަޔަން ވަނީ ގޯލު ޖަހައިފަ އެވެ. މިރޭ އާސެނަލް ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. މެޗު ފަށާނީ މިރޭ 1 ޖަހާއިރު އެވެ.