Roadha Mihaaru
އިންޒާރަށް ބެލުމެއް ނެތި ސުޕަ ލީގު އިއުލާންކޮށްފި

އިންޒާރަށް ބެލުމެއް ނެތި ސުޕަ ލީގު އިއުލާންކޮށްފި

19 އެޕްރީލް 2021

ލަންޑަން (19 އޭޕްރީލް) - ފީފާ އާއި ޔޫއެފާ އިން ފުލުފުލުގައި ދެމުން ދިޔަ، އިންޒާރުތަކަށް ބެލުމެއް ނެތި، ޔޫރަޕުގެ ބާރުގަދަ ކުލަބުތަކުން ޔޫރަޕިއަން ސުޕަ ލީގުގެ ނަމުގައި އާ މުބާރާތެއް އިއުލާން ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (19 އޭޕްރީލް) - ފީފާ އާއި ޔޫއެފާ އިން ފުލުފުލުގައި ދެމުން ދިޔަ، އިންޒާރުތަކަށް ބެލުމެއް ނެތި، ޔޫރަޕުގެ ބާރުގަދަ ކުލަބުތަކުން ޔޫރަޕިއަން ސުޕަ ލީގުގެ ނަމުގައި އާ މުބާރާތެއް އިއުލާން ކޮށްފި އެވެ.

އޮގަސްޓް މަހު މަސައްކަތް ފަށައި، ޔޫރަޕިއަން ސުޕަ ލީގުގެ ޗެއާމަން ކަމަށް ހަމަޖެއްސީ، ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އޭނާގެ ނައިބަކީ، ޔުވެންޓަސްގެ ޗެއާމަން އަންޑްރެއާ އަގްނޭލީ އެވެ.

ހަ ބިލިއަން ޑޮލަރުގެ އަގުބޮޑު މުބާރާތް އިއުލާން ކުރުމަކީ، ޔޫއެފާ ޗެމްޕިއަންސް ލީގަށް ކުރިމަތިވާނެ ބޮޑު ގެއްލުމެކެވެ. މާކެޓިން އާއި ސްޕޮންސާޝިޕްގައި އެ މުބާރަތަށް ބޮޑު ހީނަަރު ކަމެއް އަންނާނެ އެވެ. ފީފާ އާއި ޔޫއެފާ އިން ވަނީ، ޔޫރަޕިއަން ސުޕަ ލީގުގައި ވާދަކުރާ ކުލަބުތަކުގެ ކުޅުންތެރިން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އެ ކުލަބުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ވެސް ޔޫއެފާ އިން އޮތީ ތައްޔާރަށެވެ.

ސުޕަ ލީގުގެ ފައުންޑަރުންގެ ގޮތުގައި 12 ކުލަބެއް ހަރަކާތްތެރިވެ އެވެ. އެއީ ޕްރިމިއާ ލީގުގެ ގަދަ ހަ ކުލަބާއި، ލަލީގާ އަދި ސެރީ އާ އިން ކޮންމެ ލީގަކުން އެންމެ ވަރުގަދަ ތިން ކުލަބެވެ. އެ ކުލަބު ތަކަކީ، އޭސީ މިލާން، އާސެނަލް، އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ ޗެލްސީ، އިންޓަ މިލާން، ޔުވެންޓަސް، ލިވަޕޫލް، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޓޮޓެންހަމް އެވެ.

"ފުޓްބޯޅަ އަށް ހައްގުވާ މަގާމަށް މި ކުޅިވަރު ގެންދިއުމަށް އަހަރެމެން އެހީތެރިވާނަން،" ޕެރޭޒް ވިދާޅުވި އެވެ. "ހަތަރު ބިލިއަނަނަށް ވުރެ ގިނަ ސަޕޯޓަރުން ހިއްސާވާ ހަމަ އެކަނި ކުޅިވަރަކީ ފުޓްބޯޅަ. އެ ސަޕޯޓަރުންގެ އުންމީދުތަކާ އެއްވަރަށް ބޮޑެތި ކުލަބުތަކުން މަސައްކަތް ކުރަން ޖެހޭނެ."

ވައިސް ޗެއާމަން އަގްނޭލީ، ވިދާޅުވީ ސުޕަ ލީގުގެ ފައުންޑިން 12 ކުލަބުން ޔޫރަޕުގެ 99 ތަށި ހިއްސާ ކުރާ ކަމަށާއި އެ ކުލަބުތަކުން މަސައްކަތް ފެށީ ފުޓްބޯޅަ އަށް ދެމެހެއްޓެނިވި ދުރު ރާސްތާ ޕްލޭނަކަށް ކަމަށެވެ.

ސުޕަ ލީގުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފިރިހެނުންގެ މުބާރާތް ފެށުމަށް ފަހު އަންހެނުންގެ މުބާރާތެއް ވެސް އިއުލާން ކުރާނެ ކަމަށެވެ. ފިރިހެނުންގެ މުބާރާތް ފަށަން ހަމަޖައްސާފައި ވަނީ 2023-2024 ގަ އެވެ. އިތުރު ތިން ކުލަބެއް ފައުންޑިން މެންބަރުގެ ގޮތުގައި ބައިވެރި ވާނެ އެވެ. ޖުމުލަ 15 ފައުންޑިން މެންބަރުންނާ އެކު މުބާރާތުގެ ދާއިމީ މެންބަރުންގެ ގޮތުގައި އެ ކުލަބުތައް ދެމި ތިބޭނެ އެވެ.

ޔޫރަޕިއަން ސުޕަ ލީގު ކޮންސެޕްޓަކީ އެމެރިކާގެ ބާސްކެޓްބޯޅަ ލީގު "އެންބީއޭ" އަދި އެމެރިކަން ފުޓްބޯލް "އެންއެފްއެލް" ގެ މޮޑެލް އެވެ. ޔޫރަޕިއަން ސުޕަ ލީގަށް ފަންޑު ކުރަނީ ވެސް އެމެރިކާގެ ބޭންކެއް ކަމަށްވާ، ޖޭޕީ މޯގަން އިންވެސްޓްމެންޓް ބޭންކުންނެވެ.

"ފުޓްބޯޅައިގައި އޮތް ކުޅިވަރުގެ ރޫހު ގެއްލޭ ގޮތަށް ބާއްވަން އުޅޭ މި މުބާރާތުގައި ވާދަކުރާ ކޮންމެ ކުލަބަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" ޔޫއެފާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. "މިކަމުގައި ބައިވެރިވާ ކުލަބުތަކަށް އެހެން މުބާރާތްތަކުގައި ވާދަނުކުރެވޭ ގޮތަށް އަހަރެމެން ފިޔަވަޅު އަޅާނަން. އެއީ ޑޮމެސްޓިކް މުބާރާތަކަސް ޔޫރަޕުގެ މުބާރާތެއްގައި ވެސް ވާދަނުކުރެވޭނެ އަދި އެ ކުލަބުތަކުގެ ކުޅުންތެރިންނަށް ގައުމީ ޓީމުގައި އެއްވެސް މުބާރާތެއް ނުކުޅެވޭ ގޮތަށް އަދަބު ދޭނަން. މި ކަމުގައި ފީފާ ވެސް އަހަރެމެންނާ އެކު އެބައޮތް."