Roadha Mihaaru
އަނެއްކާ ވެސް އެއާޕޯޓުގެ ރެކޯޑެއް

އަނެއްކާ ވެސް އެއާޕޯޓުގެ ރެކޯޑެއް

07 ޖެނުއަރީ 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ބޯޓު ޖެއްސި އަދި ފުރުމުގެ އާ ރެކޯޑެއް އާދީއްތަދުވަހު ގާއިމުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ބޯޓު ޖެއްސި އަދި ފުރުމުގެ އާ ރެކޯޑެއް އާދީއްތަދުވަހު ގާއިމުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އާންމުކޮށްފައިވާ ގޮތުގައި މިިދިޔަ އާދިއްތަ ދުވަހު، އެ އެއާޕޯޓުން ފުރި އަދި ޖެއްސި އަދަދު 252 އަށް އަރަ އެވެ. އެންމެ ފަހުން ރެކޯޑު ހެދި ދުވަސް ކަމަށްވާ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްގެ އަދަދު އުޅެނީ 239 ގަ އެވެ.

މިދިޔަ އާދިއްތަ ދުވަހަކީ ސީޕްލޭންގެ ދަތުރުތަކުގެ ވެސް ރެކޯޑު އަދަދެކެވެ. އެގޮތުން ސީ ޕްލޭންގެ 559 މޫވްމަންޓް ރެކޯޑް ކުރެވިފައިވެ އެވެ. ސީ ޕްލޭން ދަތުރުތަކާ އެކު މިދިޔަ އާދިއްތަ ދުވަހުގެ ޕްލައިޓް މޫވްމެންޓްތަކުގެ އަދަދު 811 އަށް އަރަ އެވެ. މިއީ މިއަހަރުގެ ފުރަތަމަ ރެކޯޑު ނަމަވެސް މިިދިޔަ އަހަރު ވެސް އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްގެ ރެކޯޑް ތިން ފަހަރަށް ބަދަލުވި އެވެ. ކޮންމެ އަހަރެއްގެ ވެސް ޕީކް ސީޒަންގައި އެއާޕޯޓުގެ ރަންވޭ މޫވްމެންޓް އިތުރުވެގެންދެ އެވެ.

އެމްއޭސީއެލުން ވަނީ މި ދުވަސްވަރު ދަތުރުކުރާ ފަރާތްތަކުން ވީހާ ވެސް އަވަހަކަށް ޗެކިން ކޮށް ނިންމުމަށް އަވަހަށް އެއާޕޯޓަށް ދާން އިލްތިމާސްކޮށްފަ އެވެ. އެމްއޭސީއެލުން ބުނީ އެއާޕޯޓު މެނޭޖު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި، އެންމެ ބިޒީ ދަނޑިވަޅުތަކުގައި ވެސް އެކަންކަމަށް އޮންނަ އިސްކަން ބޮޑު ކަމަށެވެ.

އާދިއްތަ ދުވަހަކީ، އެންމެ ގިނަ އަދަދަކަށް އެއާޕޯޓުގެ މަސައްކަތްތައް ހިނގާ ދުވަހެވެ. އެގޮތުން ހަފްތާގެ އެހެން ދުވަސްތަކާ އަޅާ ބަލާއިރު ފްލައިޓް ޖައްސައި، ފްލައިޓް ފުރާ ވަރު ވަރަށް ބޮޑަށް އިތުރުވެ އެވެ.