އެއީ ރާއްޖޭގެ ޓޫރިޒަމް ބިންގަލެވެ. މީގެ 44 އަހަރު ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ކ. ވިހަމަނާފުށީގައި ވަރަށް އާދައިގެ ގޮތަކަށް ހެދި އެ ރިސޯޓުން ރާއްޖެ އަށް ދައްކައިދިނީ، ގައުމުގެ މުޅި ތާރީޚުގައި ވެސް ފެނުނު އެންމެ މުއްސަނދި އިންޑަސްޓްރީގެ ފެށުމެވެ.
03 އޮކްޓޯބަރ 2016
އެއީ ރާއްޖޭގެ ޓޫރިޒަމް ބިންގަލެވެ. މީގެ 44 އަހަރު ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ކ. ވިހަމަނާފުށީގައި ވަރަށް އާދައިގެ ގޮތަކަށް ހެދި އެ ރިސޯޓުން ރާއްޖެ އަށް ދައްކައިދިނީ، ގައުމުގެ މުޅި ތާރީޚުގައި ވެސް ފެނުނު އެންމެ މުއްސަނދި އިންޑަސްޓްރީގެ ފެށުމެވެ.
އޮކްޓޯބަރު 3، 1972 ގައި "ކުރުނބާ ވިލެޖް"ގެ ނަމުގައި ވިހަމަނާފުށި، ޔޫރަޕްގެ ޓޫރިސްޓުންނަށް ހުޅުވާލީ ތެޅި ގަލުން ރާނައިގެން ދަނޑިފަނުން ހިޔާކޮށްގެން ހުރި ވަރަށް އާދައިގެ 30 ކޮޓަރި އެވެ. "ފަރަންޖީންނަށް" ކައްކާފައި ކާންދޭނެ ގޮތް އެނގޭ މީހަކު ވެސް އެ ރަށަކު އޭރު ނެތެވެ. އެއާކަންޑިޝަން އާއި ހޫނު އަދި ފިނި ފެން ލިބޭ ވަސީލަތްތަކަކީ ދިވެހިންނަށް އެނގޭ އެއްޗެއް ނޫނެވެ.
އެކަމަކު މާލެއިން ފުރައިގެން ދިހަވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮތް ކުރުނބާ ވިލެޖަކީ އޭރު ވެސް އަދި މިހާރު ވެސް ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބީ ރަމްޒުކޮށްދޭ ތާރީޚީ ރަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސްގެ ފުރަތަމަ ރިސޯޓާ އެކު އެ ކުންފުނި ވެސް ފެނުނީ ފުޅާވެ، ތަަރައްގީވަމުން ދިޔަ ތަނެވެ. މިއަދު އެއީ ރާއްޖޭގެ ޓޫރިޒަމަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައިވާ މުއްސަނދި ކުންފުންޏެކެވެ.
ކުރުނބާ މޯލްޑިވްސްގެ އެންމެ ކުރީގެ ދުވަސްވަރު ހަދާފައިވަ ކޮޓަރިތަކެއް
މިއަދު އެއީ ކުރުނބާ މޯލްޑިވްސްގެ ނަމުން ހިންގަމުން އަންނަ ދުނިޔޭގެ ފެންވަރުގެ ރިސޯޓެކެވެ. ރާއްޖޭގެ އަގުބޮޑު ޓޫރިޒަމްގެ މަތީ ފަންތީގައި ހިމެނޭ 180 ކޮޓަރި އެ ރިސޯޓްގައި އެބަ ހުއްޓެވެ. ރާއްޖެ ވަޑައިގެންނެވި ބޭރުގެ އެންމެ ގިނަ އިއްޒަތްތެރިން އަވަހާރަފުޅުލެއްޕެވީ އެ ރިސޯޓްގަ އެވެ.
ކުރުނބާ މޯލްޑިވްސްގެ ވެބްސައިޓްގައި، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވިދާޅުވެފައި ވަނީ ޓޫރިޒަމް ރާއްޖޭގައި ފެއްޓެވީ އެއްވެސް ވަސީލަތެއް ނެތި ކަމަށެވެ.
ކުރުނބާ މޯލްޑިވްސްގައި ހަދާފައިވާ "ރޯޔަލް ކުރުނބާ ރެސިޑެންސް" ސުއިޓް: މި ރިސޯޓުގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވެރިން މަޑުކުރައްވާފައިވޭ. ފޮޓޯ: ކުރުނބާ މޯލްޑިވްސް
"ބޭންކެއް ވެސް ނެތް، އެއާޕޯޓެއް ވެސް ނެތް. ފޯނެއް ވެސް ނުހުރޭ. ހަމައެކަނި ވަރަށް އާދައިގެ ރެޑިއޯ ސެޓެއް ހުންނަނީ. ކޮލަމްބޯއާ ދެމެދު ވެސް ވާހަކަދައްކަނީ މޮސްކޯޑު ބޭނުންކޮށްގެން. ޔޫއެންޑީޕީގެ ތަޖުރިބާކާރަކު ވެސް ވިދާޅުވި ވަސީލަތެއް އަދި އިންފްރާސްޓްރަކްޗާއެއް ނެތީމަ ޓޫރިޒަމް ކާމިޔާބެއް ނުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ކުރުނބާ ވިލެޖް ހުޅުވީ އިޓަލީގެ ޓްރެވަލް އެޖެންޓެއް ކަމަށްވާ ޖޯޖް ކޯބިން އާއި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ކޮލަމްބޯގައި ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ. އަދި އެ ރިސޯޓު ހެދުމުގެ ކުރިން ފެބްރުއަރީ 1972 ގައި ކޯބިން ވަނީ އިޓަލީގެ ފޮޓޯގްރާފަރުންތަކަކާއި ނޫސްވެރިންތަކެއް ގެނެސްފަ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ ފެށުމެވެ. އެ މީހުން އޭރު މާލޭގައި ތިބީ މުހައްމަދު މަނިކާއި ޗަމްޕާ ހުސެން އަފީފްގެ ބެލުމުގެ ދަށުން މާލޭގެ ތިން ގެއެއްގަ އެވެ.
ކުރުނބާ މޯލްޑިވްސްގެ އެންމެ ކުރީ ދުވަސްވަރު ފަޅުތެރޭގައި އުޅަނދުތަކެއް އަޅާފައި: މަންޒަރު މުޅިން ބަދަލުވެއްޖެ
މުހައްމަދު މަނިކާއި މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު އަފީފް އަދި ނަސީމް ރާއްޖޭގައި ޓޫރިސްޓުންނަށް ތިބެވޭނެ ގޮތެއް ހަމަޖައްސަވައިފި ނަމަ އިތުރު ޓޫރިސްޓުން ރާއްޖެ ގެންނަވާނެ ކަމަށް ކޯބިން ވިދާޅުވި އެވެ.
އެ ހިސާބުން މުހައްމަދު މަނިކާއި އަފީފް ނިންމެވީ އޭރު ފަޅުރަށެއްގެ ގޮތުގައި އޮތް ވިހަމަނާފުށި ކުއްޔަށް ހިފާފައިވާ ފަރާތާ ވާހަކަދައްކައިގެން އެ ރަށް ހޯދާށެވެ. އެ ރަށް ރިސޯޓަކަށް ހެދީ ހުޅުލެއާ ކައިރިވުމުން ޓޫރިސްޓުން އުފުލަން ފަސޭހަވާނެތީ އެވެ.
އޭރު އަނގަމަތި ރިޔާ ނެގި ދޯންޏެއްގައި މަހަކު 60 ވަރަކަށް ޓޫރިސްޓުން އުފުލި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ފުޅާވެ، ރާއްޖެ އަށް ދަތުރުކުރާ ޓޫރިސްޓުން މިހާރު ގުނަނީ މިލިއަނުންނެވެ.
ކުރުނބާ މޯލްޑިވްސްގެ ރަން ޒަމާނަށް އަދިވެސް ބަނަކަމެއް ނާދެ އެވެ.
ޔުނިވާސަލް ރިސޯޓްސް "ވާސާ ހޮސްޕިޓަލިޓީ" އަށް
އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް
އެމްޔޫ މަނިކާ މެދު އެންމެންގެ ހިތުގައި އެއް ޝުއޫރެއް
ރާއްޖޭގެ ޓޫރިޒަމްގެ ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ
މިއަދަކީ އެމްޔޫ މަނިކުގެ މުހިންމު ދެ ތާރީހެއް!
ޔުނިވާސަލްގެ ޑރ. މަނިކު އަވަހާރަވެއްޖެ
އެކަކުގެ މުސާރަ ވެސް 380 ޑޮލަރަށް ވުރެ ދަށެއްނުވާނެ
ޔުނިވާސަލްގެ ރިސޯޓުތައް ތިން މަހަށް ބަންދުކުރަނީ
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުން މިފަހަރު 22 ކުދިން
ފާރުފުށި ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ