Roadha Mihaaru
ބީއެމްއެލަށް އާ ޗީފް ރިސްކް އޮފިސަރަކާއި ޑައިރެކްޓަރެއް

ބީއެމްއެލުން ޗީފް ރިސްކް އޮފިސަރަކާއި އިސްލާމިކް ބޭންކިން އަށް ޑައިރެކްޓަރެއް އައްޔަން ކޮށްފި

12 ޖެނުއަރީ 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް ރިސްކް އޮފިސަރުގެ މަގާމަށާއި އިސްލާމިކް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް ރިސްކް އޮފިސަރުގެ މަގާމަށާއި އިސްލާމިކް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސައިފި އެވެ.

ބީއެމްއެލުން ޗީފް ރިސްކް އޮފިސަރުގެ މަގާމަށް އައްޔަންކުރީ ބޭންކިން އާއި ރިސްކް މެނޭޖްމަންތުގެ ދާއިރާ އިން 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ގެރީ ލޯޓަން އެވެ. އޭނާ އެންމެ ފަހުން ހުންނެވީ ލަންޑަނުގެ އިންވެސްޓެކް ބޭންކްގެ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ޔޫކޭ އާއި ސައުތު އެފްރިކާގެ އިންވެސްޓެކް ބޭންކުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އިސްލާމިކް ބޭންކިން ޑައިރެކްޓަރަކަށް ހަމަޖެއްސީ މެލޭޝިއާގެ ސޫރީ ހާނިމް މުހައްމަދެވެ.

ބީއެމްއެލުން ބުނީ ސޫރީ ވަނީ އިސްލާމިކް ބޭންކިން ދާއިރާގައި މިހާތަނަށް 19 އަހަރު މަސައްކަތް ކުރައްވާފައި ކަމަށެވެ. މެލޭޝިއާގެ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސްގެ ސީއީއޯ އާއި އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ ބައިނަލްއަގުވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އެ ބޭންކުން އަޅާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ވެސް އިތުރަށް ފުޅާކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި ގެރީ އާއި ސޫރީގެ ސަބަބުން އެކަންކަން އިތުރަށް ފުރިހަމަވާނެ ކަމަށް ވެސް ޓިމް ވިދާޅުވި އެވެ.

"ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދެން. މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް މިވަނީ އެޅިފައި،" އޭނާ ވިދާޅުވި އެވެ.

"ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާ އެކު އަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ. މިއަހަރު ތެރޭ އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް. އަޅުގަނޑުގެ އުއްމީދަކީ ސޫރީގެ ބައިނަލްއަގްވާމީ ތަޖުރިބާއާ އެކު ކުރިއަރަމުންދާ އިސްލާމިކް ބޭންކިން ހިދުމަތް އިތުރު ހަރުފަތަކަށް ދިއުން."