Roadha Mihaaru
ކައުންސިލަރުންގެ މުސާރަ ބޮޑުކުރާތީ ޝަކުވާ ބޮޑުވެއްޖެ!

ކައުންސިލަރުންގެ މުސާރަ ބޮޑުކުރާތީ ޝަކުވާ ބޮޑުވެއްޖެ!

16 ޖެނުއަރީ 2020

ރައްޔިތުންގެ ޚިދުމަތުގައި، ސަރުކާރުގައި މުޅި އުމުރު ހޭދަކުރާ މުވައްޒަފުންނަށް ބޭއިންސާފަކަށްވާ ގޮތަށް ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމުމުން ޝަކުވާ ބޮޑުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ ޚިދުމަތުގައި، ސަރުކާރުގައި މުޅި އުމުރު ހޭދަކުރާ މުވައްޒަފުންނަށް ބޭއިންސާފަކަށްވާ ގޮތަށް ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމުމުން ޝަކުވާ ބޮޑުވެއްޖެ އެވެ.

ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ ފަދަ މުހިއްމު ޚިދުމަތްތެރިންނާ މެދު ވިސްނުމެއް ނެތި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމުގެ ހިތްހަމަނުޖެހުން ދަނީ ފާޅުކުރަމުންނެވެ.

މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް، އެ ބޭފުޅުންނަށް އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ރައްޔިތުންގެ މަޖިލިހަށް އޮތީ ހުށަހަޅައިފަ އެވެ. މި ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ކައުންސިލް އިންތިޚާބަށް ބޮޑު ތިލަދުންމަތީގައި އެމްޑީޕީން ކުރަމުން އަންނަ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އިއުލާން ކުރައްވައިފަ އެވެ.

ސިވިލް ސާވަންޓުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންގެ އަސާސީ މުސާރައަކީ 5،000ރ. އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެ އަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށް އެކަންޏެވެ. މާސްޓާސް ނިންމާފައި ތިބި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުންނަށް މަހަކު 12،000ރ. ނުޖެހެ އެވެ.

މިއީ، ހުރިހާ ސަރުކާރެއްގައި ވެސް ސިިވިލް ސާވަންޓުން ކުރާ ޝަކުވާއެކެވެ.

ކައުންސިލަރުންގެ މުސާރަ އަށް ގެންނަ ބަދަލާ މެދު ނުރުހުންވި އެކަކު ޓުވިޓާގައި ލިއެފައިވާ ގޮތުގައި ކައުންސިލަރުންގެ މުސާރަ ފަޓާސްބަރިއެއް ހެން ބޮޑުވިިއިރު އެހެން ބަޔަކަށް ހަމަ އުޖޫރަ ދޭން ޖެހުމުން އަބަދުވެސް އިވޭނީ އޮނިގަނޑު މުރާޖައާ ކުރަމުންދާ ކަމަށް ބުނާ އަޑެވެ. ނުވަތަ ދައުލަތުގައި ފައިސާ ނެތް ކަމަށް ބުނެ އެ ޝަކުވާ އޮއްބާލާ ގޮތާ މެދު އޭނާ ހުރީ ހިތްހަމަނުޖެހިފަ އެވެ.

މުސާރައާ މެދު ހިތްހަމަނުޖެހިގެން ކުރި ޓުވީޓެއް

ކައުންސިލަރުންގެ މުސާރައިގެ ތަފްސީލް:

މޭޔަރު 40000ރ. އަދި ޑެޕިއުޓީ މޭޔަޔަރަށް 35،000ރ.

ސިޓީ ކައުންސިލްގެ މެމްބަރަކަށް 30،000ރ.

އަތޮޅު ކައުންސިލްގެ ރައީސަކަށް 28،000ރ.

ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ. އަދި ނައިބު ރައީސަށް 15،000ރ.

ކައުންސިލް މެމްބަރަކަށް 12،000ރ.

މަރުކަޒީ ސަރުކާރު ނުވަތަ މާލެ އަށް ޖަމާކޮށްފައި އޮތް ބާރުތައް އަތޮޅުތަކަށް ދޫކޮށްލަން ލާމަރުކަޒީ ގާނޫނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި އާބާދީ 3،000 އަށް ވުރެން މަތި ނަމަ ފަސް ކައުންސިލަރުން އަދި އެއަށް ވުރެން މަތީގެ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވާނެ އެވެ. މި އިންތިޚާބުގައި ޖުމްލަ 980 ކައުންސިލަރުން އިންތިޚާބު ކުރާނެ އެވެ.

ކައުންސިލަރުންގެ އަދަދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަދުކޮށް، މުސާރަ ވެސް ކުޑަކުރި އެވެ. އޭގެ ސަބަބެއް ކަމަށް އޭރު ބެލީ، ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަ ކުޑަކުރުން ކަމަށެވެ.

ކައުންސިލަރުންގެ މުސާރަ އަށް ގެންނަ ބަދަލާ މެދު ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ބުނެފައިވާ ގޮތުގައި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މަގާމުގެ މަސްއޫލިއްޔަތާ އެކަށީގެން ނުވާ މިންވަރަކަށެވެ. އެއީ، އެހެން ދާއިރާތަކުގައި ތިބި ޚިދުމަތްތެރިންނާ މެދު ވެވޭ ބޭއިންސާފެއްގެ ގޮތުގައި އޭނާ ދެކެ އެވެ.

އެހެން މީހަކު ބުނެފައިވާ ގޮތުގައި ކައުންސިލަރުންގެ މުސާރަ އަށް ވުރެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މުހިއްމެވެ.

"ވީހާވެސް އަވަހަކަށް މިނިމަމް ވޭޖް ކަނޑައަޅައި މަސައްކަތު މީހާގެ ހައްގު މިންވަރު ކަނޑައަޅަން ސަރުކާރަށް ގޮވާލަން،" ފޭސްބުކްގައި އޭނާ ލިއެފައިވެ އެވެ.

މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކުރި ޓުވީޓެއްގައި ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޓެކްނިކަލް ގިންތިތަކުގެ ތެރެއިން 34 ގިންތިއެއްގެ މުވައްޒަފުން ވަޒީފާ އަދާކުރަނީ ވަޒީފާގެ އޮނިގަނޑެއް ނެތި ކަަމަށެވެ. ގިނަ މުވައްޒަފުންގެ އަސާސީ މުސާރައަކީ 5،610ރ. ކަމަށާއި މީގެ ތެރޭގައި ޕްރޮމޯޝަން ނުލިބި 12 އަހަރު ވެފައިވާ މުވައްޒަފުން ތިބި ކަމަށް ވެސް ބުނެފައިވެ އެވެ.

"އަސާސީ މުސާރަ ކުޑަވުމަކީ ރިޓަޔަމެންޓް ޕެންޝަން ބެނެފިޓްސް އަށް އަސަރުކުރުވާ އަދި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ސޯޝަލް ސެކިއުރިޓީ އަށް އަސަރުކުރުވާ ކަމެކެވެ،" އެމްއެޗްޕީޔޫގެ ޓުވީޓުގައިވެ އެވެ.

"ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ރައްކާތެރި މަސައްކަތުގެ މާހައުލެއް ވެސް ގާއިމްނުކޮށްދެވި އަސާސީ ރައިޓްސް ކަމުގައިވާ ވަޒީފާގެ އޮނިގަނޑު ނެތުމީ މި ފަރާތްތަކަށް ޒިންމާވާ އިދާރާތަކުން ޖަވާބުދާރީވާން ޖެހޭ ކަމެކެވެ."

އެމްއެޗްޕީޔޫގެ ޓުވީޓް.

އެކަން ކުށްވެރިކޮށް ޒިންމާއަދާކުރަން ސަރުކާރަށް ގޮވާލާފައިވެ އެވެ.

އެހެން މީހަކު ބުނެފައިވާ ގޮތުގައި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެކު ކައުންސިލަރުންގެ ޒިންމާ ބޮޑުވެއްޖެ އެވެ. ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާ ފުރިހަމަ އަށް އަދާކުރާ ކަމުގައިވާ ނަމަ ބޮޑު މުސާރައެއް ދިނަސް ރާއްޖޭގައި ކުރިން ވެސް ކަން ހިނގާފައި ވަނީ އެ އުސޫލުން ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހަމައެކަނި ގޮނޑި ހޫނުކޮށްލަން އިންނަ ކައުންސިލަރަކަށް މިވަރުގެ މުސާރައެއް ހައްގެއް ނޫން. ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފައިވާ އިރު އެހެން މުއައްސަސާތަކުގެ ވެސް މުސާރަ ބޮޑުކުރަން ޖެހޭ. މުދައްރިސުންނާއި އިދާރީ މުވައްޒަފުންގެ މުސާރަ އަށް ވެސް އެދެވޭ ބަދަލެއް ގެންނަން ޖެހޭ،" މީހަކު ކޮމެންޓްކޮށްފައިވެ އެވެ.

ކައުންސިލަރުންގެ މުސާރައާ މެދު ހިތްހަމަނުޖެހުނު ގިނަ ބަޔަކު ގޮވާލަމުން އަންނަނީ ވީހާވެސް އަވަހަކަށް މިނިމަމް ވޭޖް ކަނޑައަޅައި އަމަލުކުރަން ފެށުމަށެވެ.

ކުރީގެ ރައީސްޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ދަށްކޮށްފަ އެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ 11،500ރ. އަށެވެ.

މަޖިލީހުން މިގޮތަށް ކަނޑައެޅުމުގެ ކުރިން މޭޔަރުންނަށް 45،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާއިރު، ޑެޕިއުޓީ މޭޔަރުންގެ މުސާރަ އަކީ 35،000ރ. އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000ރ. ލިބިވަޑައިގަންނަވަ އެވެ.