Roadha Mihaaru
ގުރާފެހި ކުލައިގެ ކުއްތާއެއް

ގުރާފެހި ކުލައިގެ ކުއްތާއެއް

18 ޖެނުއަރީ 2020

ކުއްތާތަކުގެ އާންމު ކުލަތަކަކީ ކަޅާއި ހުދާއި ޗޮކްލެޓް ކަހަލަ ކުލަތައް ކަމަށް ވިޔަސް އެމެރިކާގައި މި ވަނީ މުޅިން ތަފާތު ކުލައެއްގެ ކުއްތާއެއް ވިހައިފަ އެވެ. މި ކުއްތާގެ ގައިގައި ހުރީ އާންމުކޮށް ކިޔާގޮތުން ނަމަ ގުރާފެހި ނުވަތަ ލައިމް ގްރީން ކުލަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުއްތާތަކުގެ އާންމު ކުލަތަކަކީ ކަޅާއި ހުދާއި ޗޮކްލެޓް ކަހަލަ ކުލަތައް ކަމަށް ވިޔަސް އެމެރިކާގައި މި ވަނީ މުޅިން ތަފާތު ކުލައެއްގެ ކުއްތާއެއް ވިހައިފަ އެވެ. މި ކުއްތާގެ ގައިގައި ހުރީ އާންމުކޮށް ކިޔާގޮތުން ނަމަ ގުރާފެހި ނުވަތަ ލައިމް ގްރީން ކުލަ އެވެ.

އުތުރު ކެރޮލައިނާގެ މީހަކު ޖިޕްސީގެ ނަން ދީގެން ގެންގުޅޭ ޖާމަން ޝެފާޑް ކުއްތާ ބުރާސްފަތި ދުވަހު ވިހޭ އަށް ކުއްތާގެ ތެރެއިން އެކަތީގެ މުޅި ގައިގައި ހުރީ ގުރާފެހިކުލަ އެވެ. މިކަން އާދަޔާހިލާފު ކަމަކަށް ވެގެން ކުއްތާގެ ވެރިމީހާ ޝަނާ ސްޓޭމީ އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ވަރަށް ގިނަ މީޑިއާތަކުގެ ސުރުހީ އަށް ވެސް މި ވާހަކަ އަރާފައިވެ އެވެ.

ޑަބްލިއުއެލްއޯއެސް އަށް ޝަނާ ކިޔައިދިން ގޮތުގައި މާ ތަފާތު ކުލައެއްގެ ކުއްތާ އަކީ ޖިޕްސީ ވިހޭ އަށް ކުއްތާގެ ތެރެއިން ހަތަރު އަށް ވަނަ ވިހޭ އެއްޗެވެ.

"އަސްލު ވަރަށް އާދަޔާހިލާފު ކަމަކަށް މިކަންވީ. ދުވަހަކު ވެސް ނުދެކެން ލައިމް ގްރީން ކުލައިގެ ކުއްތާއެއް،" އޭނާ ބުންޏެވެ.

އެހެންވެ ޝަނާ އާއި އާއިލާ އިން ވެސް ބޭނުންވީ ކުލައާ ގުޅުވައިފައި އެ ކުއްތާއެއް ނަމެއްދޭށެވެ. އޭގެ ތެރެގައި ހިމެނުނީ ތިން ނަމެކެވެ. އެއީ ޕިސްޓާޗިއޯ އާއި ގްރެމްލިންގެ އިތުރުން ހަލްކެވެ.

"ދެން އަހަރެންގެ ހޮވުމަކަށްވީ ކުލައާ ގުޅުވާފައި ހަލްކް ކިޔަން،" ޝަނާ ބުންޏެވެ.

ބްރިޓިސް ވެޓެރިނަރީ އެސޯސިއޭޝަން (ބީވީއޭ) ގެ ރައީސް ޑެނިއެލާ ޑޮޒް ސަންޓޯސް ވިދާޅުވި ގޮތުގައި ގުރާފެހި ކުލަ ކުއްތާގެ ގައިގައި މާ ތަފާތު ކުލައެއްގައި ހުންނަން މެދުވެރީ މަންމަ ކުއްތާގެ ބަނޑުތެރޭގައި އޮއްވައި އޭގެ ބޮޑުކަމުދާތަކެތީގެ ޕިގްމަންޓްތަކެއްގެ އަސަރުކޮށްގެން ކަމަށެވެ. މިއަށް ކިޔައި އުޅެނީ މެކޯނިއަމެވެ.

"އެހެންވީމާ މިގޮތަށް ދިމާވާ ހާލަތުގައި އުފަންވާ އިރު ކުއްތާގެ ގައިގައި އާދަޔާހިލާފު ކުލައެއް ހުއްޓަސް ދުވަސްވާރަކަށް އެ ކުލަ ދާނީ ފަނޑުވަމުން،" ޑެނިއެލާ ވިދާޅުވި އެވެ.