Roadha Mihaaru
ކުއްތާއަކަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް

ކުއްތާއަކަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް

20 މެއި 2020

ނަފުސާނީ މައްސަލަތައް ކުރިމަތިވާ ދަރިވަރުންގެ ތެރަޕީގައި ބޭނުންކުރާ ކުއްތާއަކަށް އެމެރިކާގެ ކޮލެޖަކުން އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަފުސާނީ މައްސަލަތައް ކުރިމަތިވާ ދަރިވަރުންގެ ތެރަޕީގައި ބޭނުންކުރާ ކުއްތާއަކަށް އެމެރިކާގެ ކޮލެޖަކުން އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް ދީފި އެވެ.

ދަރިވަރުންގެ ގްރެޖްއޭޝަން ހަފުލާ އޮންލައިންކޮށް ހުކުރު ދުވަހު ބާއްވައި، ކުއްތާ އަށް ޑިގްރީގެ ސެޓްފިކެޓް ހަވާކުރީ އެމެރިކާގެ ވާޖިނިއާގެ ޓެކްސް ކޮލެޖް އޮފް ވެޓެރިނަރީ މެޑިސިންއިންނެވެ. މޫސް ނަމަކަށް ކިޔާ 8 އަހަރުގެ ކުއްތާ އެތަނުގެ ކުކް ކައުންސެލިން ސެންޓަރުގައި ހަރަކާތްތެރިވަމުން އަންނަނީ 2014 އިން ފެށިގެންވެ.

ކޮލެޖުން ބުނި ގޮތުގައި ނަފުސާނީ މައްސަލަތައް ދިމާވާ ދަރިވަރުން ރަނގަޅުކުރުމުގައި މޫސްގެ ހިއްސާ ވަރަށް ބޮޑެވެ. އަދި އެ ކުއްތާ އަކީ ވަރަށް އޮޅު، އެހާ ލޯބި އެންމެންނާ ވެސް ވަރަށް ރައްޓެހި ފެނުމުން ވެސް އުފާވެރިކަން ގެނުވައިދޭ އެއްޗެއް ކަމަށް ބުންޏެވެ.

މޫސްގެ ވެރިޔާ އަދި ކައުންސެލާ ޓްރެންޓް ޑޭވިސް ސީއެންއެން އަށް ކިޔައިދިން ގޮތުގައި އެ ކުއްތާ ވަނީ މިހާތަނަށް ކައުންސެލިންގެ 7،500 ސެޝަނުގައި ބައިވެރިވެފަ އެވެ. އަދި މޫސް ހިއްސާވެގެން ކުރިއަށް ގެންދާ ސެޝަންތަކުން ވަރަށް ރަނގަޅު ނަތީޖާތަކެއް އަބަދު ވެސް ނެރެވޭ ކަމަށް ބުންޏެވެ.

"މޫސްއާ އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލީމަ އެ ލިބޭ އުފާ އެނގޭނީ އެކަން ތަޖުރިބާކުރި ދަރިވަރުންނަށް. މިއީ ހަމަ އިންސާނަކަށް ވުރެ ވެސް ގާތް އަދި އިތުބާރު ކުރެވޭ ބައިވެރިއެއް. އެކުގައި ކުޅެ، ސަކަރާތް ޖަހައި ހަދާނެ،" ޑޭވިސް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި މޫސްއާ އެކު އިތުރު ތިން ކުއްތާއެއް ޓެކްސް ކޮލެޖް އޮފް ވެޓެރިނަރީ މެޑިސިންގައި ގެންގުޅެ އެވެ. އެކަމަކު އަބަދު ވެސް އެންމެންގެ ސަމާލުކަން ހޯދަނީ މޫސް އެވެ. އެގޮތުން މިދިޔަ އަހަރު މޫސް އަށް ވަނީ ވާޖީނިއާ ވެޓަރިނަރީ އެސޯސިއޭޝަންސް އެނިމަލް ހީރޯ އެވޯޑް ވެސް ލިބިފަ އެވެ.

އެތައް ބަޔަކަށް މޫސްގެ އެހީތެރިކަން ލިބެމުން އަންނަ އިރު، ޑޭވިސް ވަނީ އޭގެ އަމިއްލަ ހިތްދަތި ވާހަކައެއް ވެސް ހިއްސާކޮށްފަ އެވެ. އެއީ މިދިޔަ ފެބްރުއަރީ މަހު 8 ވަނަ އުފަން ދުވަސް ފާހަގަކުރިތާ ހަފުތާއެއް ފަހުން މޫސްގެ ކުޑަކަމުދާ ތަކެތިން ލޭގެ އަސަރު ފެނުމެވެ. އަދި އެކަމާ ގުޅިގެން ޓެސްޓްތަކެއް ހެދި އިރު މޫސް އަށް ވަނީ ޕްރޮސްޓޭޓް ކެންސަރު ޖެހިފަ އެވެ.

"އެހެންވެ މިހާރު ވެސް މޫސް އަންނަނީ ރޭޑިއޭޝަންގެ ފަރުވާ ނަގަމުން. އެކަމަކު އަބަދު ވެސް މޫސް ފެންނާނީ ވަރަށް އުފާވެރިކޮށް." ޑޭވިސް ބުންޏެވެ.

މޫސް އިންސާނިއްޔަތަށް ކުރާ ހިދުމަތުގެ އަގުވަޒަންކޮށް ދިން ޝަރަފާ އެކު މިހާރު އެއީ ޑރ. މޫސް އެވެ.