Roadha Mihaaru
ޖިންސީ ގޯނާގެ މައްސަލާގައި އިދާރާތައް ހާޒިރުކުރަނީ

ޖިންސީ ގޯނާގެ މައްސަލާގައި އިދާރާތައް ހާޒިރު ކުރަނީ

17 ޖެނުއަރީ 2020

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދައުލަތުގެ ކަމާ ގުޅޭ ހުރިހާ އިދާރާއެއް މާދަމާ ރޭ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް ހާޒިރު ކުރަން މިރޭ ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދައުލަތުގެ ކަމާ ގުޅޭ ހުރިހާ އިދާރާއެއް މާދަމާ ރޭ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް ހާޒިރު ކުރަން މިރޭ ނިންމައިފި އެވެ.

ފަސް މެމްބަރުންނާ އެކު، އެ ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. މާދަމާ ރޭގެ ބައްދަލުވުމަށް ކޮމިޓީ އަށް ހާޒިރު ކުރާ އިދާރާތަކުގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ކްރިމިނަލް ކޯޓުގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ކަނޑުހުޅުދޫ ކައުންސިލާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މާދަމާ މެންދުރު ދޭއް ޖެހުމުގެ ކުރިން ލިޔުމުން ފޮނުވުމަށް ވެސް އެ އިދާރާތަކަށް އަންގަން ކޮމިޓީން މިރޭ ފާސްކުރި އެވެ.

ކަނޑުހުޅުދޫ ރަށު ކައުންސިލް މެމްބަރަކު މާލޭގައި ނެތް ނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުން ބޭއްވުމަށް ވަނީ ފާސްކޮށްފަ އެވެ.

އެ އިދާރާތައް ކޮމިޓީ އަށް ހާޒިރު ކުރަން ފާސްކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ބެލުން ލަސްކަން މެމްބަރުންނަށް ފާހަގަ ކުރެއްވޭތީ އެވެ. އެ ބައްދަލުވުން އޮންނާނީ މާދަމާ ރޭ ނުވައެއް ޖަހާއިރު އެވެ.

އުސޫލެއްގެ ގޮތުން ކޮމިޓީ އަށް ހާޒިރު ކުރެވެނީ ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގަ އެވެ.

އެކަމަކު، އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ކޮމިޓީ އަށް ހާޒިރު ވެވިދާނެތޯ ބެލުމަށް އެ އިދާރާތަކަށް ގުޅުއްވައި ހަމަޖައްސާފައިވާ ކަމަށެވެ.

ކޮމެޓީގެ މުގައްރިރު ޖީހާން: ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރަނގަޅަށް ނުބެލޭ ކަމަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮމެޓީގެ މުގައްރިރު ޖީހާން: ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރަނގަޅަށް ނުބެލޭ ކަމަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ޖީހާން ވިދާޅުވީ، ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި އެ ކުއްޖާގެ ކާފަ، ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ދައުވާ އުފުލާފައިވާތާ އެއް އަހަރު ވެފައިވާ ކަމަށެވެ. އެފަދަ މައްސަލަތައް ނުނިމި ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ އިތުރުން އެއީ މަސްތުވާތަކެތީގެ މައްސަލަތަކެއް ވެސް ހިމެނޭ އާއިލާ އަކަށް ވާއިރު، ކުއްޖާ އަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެކަން ކޮށްފައިވޭތޯ ޔަގީން ކުރަން ބޭނުންވާ ކަމަށް ޖީހާން ވިދާޅުވި އެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަތައް ހިނގާތަނެއް ނުފެނޭ. ޔަގީން ކުރަން ޖެހޭ. [މިފަދަ ކަންކަން ރަނގަޅު ކުރަން] މުޅި ނިޒާމު މަސައްކަތް ކުރަން ޖެހޭ،" ޖީހާން ވިދާޅުވި އެވެ.

ކުޑަކުއްޖާ އަށް ޖިންސީ ގޯނާކޮށްގެން މިއަދު ހައްޔަރުކުރި ކުއްޖާގެ ކާފަ އާއި މުނި ކާފަ ކަނޑުހުޅުދޫ އެހެން ކުދިންނަށް ވެސް އެފަދަ ގޯނާތައް ކުރި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ވެސް ޖީހާން ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ މިހާރު އާ މައްސަލަތަކެއް ނޫން ކަމަށެވެ. އެފަދަ މައްސަލަތައް ރަނގަޅަށް ނުބެލޭތީ ކުޑަކުދިންނަށް ލިބެން ޖެހޭ ރައްކާތެރިކަން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަވަހަށް މަސައްކަތް ކޮށްފި ނަމަ މި ކަހަލަ ކަންކަމުން އިތުރު ކުދިން ސަލާމަތް ކުރެވޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

މެމްބަރު ރޮޒައިނާ އާދަމް ކޮމެޓީގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މެމްބަރު ރޮޒައިނާ އާދަމް ކޮމެޓީގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ހޮޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވި ގޮތުގައި، އެފަދަ ކަންކަން ހުއްޓުވުމަށް ޖެންޑާ މިނިސްޓްރި "އޯވަހޯލް" ކުރަންޖެހެ އެވެ. މަންމަގެ އަނިޔާގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މައްސަލާގައި އިހުމާލުވި މީހުން އަދިވެސް އެ މިނިސްޓްރީގައި އެބަތިބި ކަމަށް ޔޫނުސް ވިދާޅުވި އެވެ.

ކުޑަކުދިން ހައްލައިގެން ނާޖާއިޒު ފައިދާ ހޯދުން އިތުރު ކަމަށާއި މަސްތުވުމަށް ފައިސާ ހޯދުމަށް ވެސް ކުދިންގެ ނާޖާއިޒު ފައިދާ ނަގަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.