މިސްކިތުގައި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި ކަމުގެ ކިތަންމެ ހެއްކެއް ހުއްޓަސް 14 އަހަރުވި އިރު ވެސް ދައުލަތުގެ މުއައްސަސާތަކުން އިންސާފެއް ނުލިބުނެވެ. މުދިމު ހުރީ މިނިވަންކަންމަތީ މުޖުތަމައަށް ދޫވެފަ އެވެ. އެ މައްސަލައިގެ އިންސާފުގެ ހުރިހާ ދޮރެއް މިހާރު ވަނީ ބަންދުވެފަ އެވެ.
10 ފެބުރުއަރީ 2020
މިސްކިތުގައި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި ކަމުގެ ކިތަންމެ ހެއްކެއް ހުއްޓަސް 14 އަހަރުވި އިރު ވެސް ދައުލަތުގެ މުއައްސަސާތަކުން އިންސާފެއް ނުލިބުނެވެ. މުދިމު ހުރީ މިނިވަންކަންމަތީ މުޖުތަމައަށް ދޫވެފަ އެވެ. އެ މައްސަލައިގެ އިންސާފުގެ ހުރިހާ ދޮރެއް މިހާރު ވަނީ ބަންދުވެފަ އެވެ.
ގއ. ކަނޑުހުޅުދޫގައި، ދެ އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރީ، ހަމަ އެގޮތަށް ފިޔަވަޅު ނޭޅި، ނިޒާމުގެ ތެރެއިން ހިމާޔަތް ހޯދައިގެން އުޅުނު އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ކަމަށް ތުހުމަތު ކުރެވެ އެވެ. ދެ މީހުން ހައްޔަރުކޮށްފައި މިހާރު ތިއްބަސް އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ދެ މީހުންގެ މައްޗަށް ވެސް ކުރެ އެވެ.
މި ދެ މައްސަލައިގައި ވެސް ކުޑަކުދިންނަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހިމާޔަތް ހޯދީ، މުއައްސަސާތަކަށް އަތްގަދަކޮށް، ނުފޫޒާއި ބާރުންނެވެ. ކޮންމެވެސް އެއް މުއައްސަސާއަކަށް މައްސަލަ ފޮނުވާ ހިސާބުން އެ މީހުން މައްސަލަތަކުގައި އަތްއަޅައި އިންސާފާ ހަމައަށް ވާސިލްވިޔަކަ ނުދެ އެވެ!
މިދިޔަ 15 އަހަރު ރާއްޖޭގައި ޖިންސީގޯނާގެ ގިނަ މައްސަލަތައް އެނބުރިފައި ވަނީ މި ދެ މައްސަލައިގައި ކަން ހިނގި ގޮތަށެވެ. ޖިންސީގޯނާގެ މައްސަލަތައް ގިނަވެ، އުފެދުނު ކަންބޮޑުވުންތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ހެދި އިންކުއަރީން އެކަން ސާފެވެ.
ޖިންސީ ޝިކާރައަކަށް ވެ އިންސާފުން މަހްރޫމް ވެފައިވާ ކުދިންގެ އަދަދާއި ތުހުމަތު ކުރެވޭ މީހުން މިނިވަންވެ، ނުރައްކަލަކަށް ހުށަހެޅިފައިވާ އެތައް ކުދިން ތިބި ކަން އެ ރިޕޯޓުގައި އޮތީ ފެންނާށެވެ.
ކަމާގުޅުން ހުރި މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި މައުލޫމާތު އާއްމުންނަށް ތިލަކޮށްދިން އެ ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޖިންސީގޯނާގެ 3،135 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، މީގެ ތެރެއިން ތަހުގީގު ނިމި، (ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް، 2008 ގެ ފަހުން ޕީޖީ އޮފީހަށް) ފޮނުވީ 1،220 މައްސަލަ އެވެ. މީގެ ތެރެއިން ކޯޓުތަކާ ހަމައަށް ފޯރާފައި ވަނީ 1،146 މައްސަލަ އެކެވެ. ބާކީ ހުރި ގިނަ މައްސަލަތަކުގައި އިންސާފު ނުލިބި ފެންނަން އޮތީ މުއައްސަސާތަކުގެ އިހުމާލެވެ!
އެ ރިޕޯޓުގައިވާ ގޮތުން މީގެ ތެރެއިން ކޯޓުތަކުން ޝަރީއަތް ނިންމި 1،085 މައްސަލައިގެ ތެރެއިން ކުށް ސާބިތުވީ 391 މައްސަލައެއްގަ އެވެ. އެއީ ޝަރީއަތް ކުރި މައްސަލަތަކުގެ 36 ޕަސެންޓެވެ. އަނެއް 492 މައްސަލައިގައި ކުށް ސާބިތެއް ނުވެ އެވެ.
މިގޮތުން ވޭތުވެދިޔަ 15 އަހަރު ކޯޓުތަކަށް ހުށަހަޅާފައިވާ ގާތްގަނޑަކަށް 1146 މައްސަލައިގެ ތެރެއިން ކޯޓުތަކުން ޝަރީއަތް ނިންމާފައި ވަނީ 94 އިންސައްތަ މައްސަލައެއްގައި ކަމާއި އެ މައްސަލަތަކުގައ ދައުވާ ލިބޭ ފަރާތްތަކުގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ގާތްގަނޑަކަށް 36 ޕަސެންޓް މީހުންގެ މައްޗަށް ކަމާއި އޭގެތެރެއިން 45 ޕަސެންޓުގެ މީހުންގެ މައްޗަށް ކުށްސާބިތުނުވާތީ މުޖުތަމައުގެ ތެރެއަށް އެ ފަރާތްތައް ދޫވެފައިވާ ކަމާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަން. --ރިޕޯޓް
- ކުޑަކުދިންނަށް ޖިންސީގޯނާކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުން. އެންމެ ގިނަ މައްސަލަ ރިޕޯޓްކުރީ 2013-2015 އަށް. މި މުއްދަތުގައި 740 މައްސަލަ ރިޕޯޓްކުރި.
- މިދިޔަ 15 އަހަރުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 2،209 (70 ޕަސެންޓް) މައްސަލައިގެ ތަހުގީގު ނިންމަން އަހަރަކަށް ވުރެން ގިނަ ދުވަސް ހޭދަވި.
- މައްސަލައެއްގެ ތަހުގީގު ނިންމަން 10 އަހަރު ފުލުހުން ހޭދަކޮށްފައިވޭ.
- ދައުވާކުރަން ފުލުހުން ޕީޖީ އަށް ފޮނުވި މައްސަލަތަކުގެ 18 ޕަސެންޓް ކޯޓަށް ފޮނުވަން އަހަރަކަށް ވުރެން ގިނަ ދުވަސް ހޭދަވި. މައްސަލައެއްގައި އެ އޮފީހުން ހޭދަކުރި އެންމެ ދިގު މުއްދަތަކީ 8 އަހަރު.
- ޕީޖީން ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 350 (30 ޕަސެންޓް) މައްސަލައިގެ ޝަރީއަތް ނިންމަން އަހަރަކަށް ވުރެން ގިނަ ދުވަސް ހޭދަވެ އިންސާފު ވަނީ ލަސްވެފައި.
- ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ޕީޖީ އޮފީހާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޝަންގެ މައުލޫމާތުން އެނގެން އޮތީ ޖިންސީގޯނާގެ ޝިކާރައަކަށް ވީ ކުދިންނަށް އިންސާފު ހޯދައެއް ނުދެވޭ.
- އެކަށީގެންވާ ގޮތެއްގައި ފުލުހުން މައްސަލަތައް ތަހުގީގުކޮށްފައެއް ނުވޭ.
- ކުޑަކުދިންގެ ޖިންސީގޯނާގެ މައްސަލަތަކުގައި ހިމެނޭ ބައެއް މީހުންނަށް ނަސޭހަތްދީ ފުލުހުން މައްސަލަތައް ފައިލްކުރޭ. މިއީ، މުޖުތަމައުގައި ކުދިންނަށް ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެޅޭ ހުރަހެއް އަދި ޖިންސީގޯނާގެ ޝިކާރައަކަށް ކުދިން ހެދުމަށް ދެވޭ ފުރުސަތެއް ކަމަށް ރިޕޯޓުގައި ފާހާގަކޮށްފައިވޭ.
- ކުޑަކުދިންނަށް ޖިންސީގޯނާކުރާ މައްސަލަތައް، މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސްގައިި ކަމާގުޅޭ މުއައްސަސާތަކުން ހިމަނާފައި ނުވޭ. މިކަމުގެ ސަބަބުން މައްސަލަތައް ރަނގަޅަށް މޮނިޓާއެއް ނުކުރެވޭ.
- ކުޑަކުދިންގެ ޖިންސީގޯނާގެ ބައެއް މައްސަލަތަކުގެ ތަހުގީގު ހިނގާ ގޮތް ޖެންޑާ މިނިސްޓްރީން މޮނިޓާއެއް ނުކުރޭ. ފައިލްކުރާ ބައެއް މައްސަލަތައް ފުލުހުން ވެސް އެ މިނިސްޓްރީ އަށް ހުށައެއްނާޅާ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ. --ފޮޓޯ/މަޖިލީސް
އިންކުއަރީ ކުރިއަށް ގެންދަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި މުއައްސަސާތަކުން އަމަލުކުރާނެ އުސޫލު ފޮނުވައިދޭން އެދިފަ އެވެ. އެކަމަކު، ކުޑަކުދިންގެ ޖިންސީގޯނާގެ މައްސަލަތައް ރިޕޯޓްކުރުމުން އެ ކުދިންގެ ހާލަތު އެސެސްކުރުމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ޖެންޑާ މިނިސްޓްރީން އެކަމުގައި އަމަލުކުރާނެ ވަކި ޚާއްސަ އުސޫލެއް ފޮނުވާފައި ނުވާ ކަން ރިޕޯޓުގައި ކަންބޮޑުވުމެއްގެ ގޮތުގައި ލިއެފައިވެ އެވެ. މިނިސްޓްރީން ފޮނުވީ ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ މީހުން އެއް މަރުކަޒުން އަނެއް މަރުކަޒަކަށް ބަދަލުކުރުމުގައި އަމަލަކުރަންވީ ގޮތުގެ އުސޫލެވެ.
ރަށެއްގައި މީހަކު ބައިސްކަލް ދުއްވާފައިދާ އިރު މަގުމަތީގައި ކުޑަ ކުއްޖަކު މަޑުކޮށްލައިގެން. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެހެންކަމުން، ކުޑަކުދިންގެ ޖިންސީގޯނާގެ މައްސަލަތައް ރިޕޯޓްކުރާ ހިސާބުން ޖެންޑާ މިނިސްޓްރީން އަމަލުކުރާ ވަކި ޚާއްސަ އުސޫލުތަކެއް މިހާތަނަށް އެކަށައަޅާފައި ނެތީތޯ ސުވާލު އުފެދެ އެވެ.
މިފަދަ މައްސަލަތައް ބަލަން އެ މިނިސްޓްރީ އަށް ހުރި ގޮންޖެހުންތައް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރަށްރަށުގައި ހުންނަ މިނިސްޓްރީގެ ސެންޓަރުތަކުގައި މުވައްޒަފުންގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކޮށްފައިވެ އެވެ. އެންމެ ބޮޑު ދައްޗަކީ މަދު ކޭސްވޯކަރުންތަކަކާ އެކު މުޅި ރާއްޖޭގެ މައްސަލަތައް ބަލަން ޖެހުމެވެ.
ޖިންސީގޯނާގެ މައްސަލަތަކުގައި ފުލުހުން އަމަލުކުރާ އުސޫލު ވެސް ކޮމިޓީއަކަށް ނުފޮނުވަ އެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފުލުހުންގެ ފަރާތުން އެ އުސޫލު އަދި މައްސަލަތަކުގައި ދިމާވާ ގޮންޖެހުންތައް ނުލިބެ އެވެ.
Offenders | Child Sex Offenders Registry
ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާގައިވާ ގޮތުން މައްސަލައެއް ހަވާލުކުރާތާ 10 ދުވަސް ތެރޭގައި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން ވާނެ އެވެ. އެކަމަކު، މި މުއްދަތު އިންތިހާ އަށް ދިގުލައި ބައެއް މައްސަލަތަކުގައި 10 އަހަރު ވެސް ހޭދަވެފައި އެބަހުއްޓެވެ.
ތަހުގީގުކުރާ އޮފިސަރެއްގެ އަތުގައި އެއްފަހަރާ 20 މައްސަލައަށް ވުރެން އިތުރަށް ހުރެގެން ނުވާނެ ކަމަށް އެ އުސޫލުގައި ކަނޑައަޅާފައި ވެ އެވެ. ނަމަވެސް، އެ އަށް ވުރެން ގިނަ އަދަދަކަށް ބައެއް އޮފިސަރުންނާ މައްސަލަތައް ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
މައްސަލަތަކުގައި އަމަލުކުރަމުން އަންނަ އުސޫލުތަކަކީ މުއައްސަސާތަކުން މުރާޖައާ ކުރާ އުސޫލުތަކަކަށް ވާތީ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް މިހާރު އަމަލުކުރާ އުސޫލެއް ސާފުނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިންކުއަރީ އަށް ފޯރުކޮށްދިން މައުލޫމާތުތަކުގައި ބުނެފައި ވަނީ އިދާރާތައް ގުޅިގެން މައްސަލަތަކުގައި އަމަލުކުރާނެ އުސޫލެއް ނެތުމަކީ ދަތިތަކެއް ކުރިމަތިވަމުންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 48 ވަނަ މާއްދާގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ އިޖުރާއަތާ އެއްގޮތަށް ހެކި ބަސް ނެގުމުގެ އިންތިޒާމް ކޯޓުތަކުގައި ހަމަޖެހިފައި ނެތުމާއި އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތްތައް ކުރިއަށް ނުދިއުމުގެ ސަބަބުން ހެކި ބަސް ނުލިބުން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން މައްސަލަތައް ތަހުގީގު ކުރާއިރު ހުށަހަޅާ މައްސަލައިގެ އިތުރުން އެ މައްސަލައިގައި ވަށައިގެންވާ ކަންކަން ބަލާފައި ނުހުންނާތީ އާއި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްނުދޭތީ ވެސް ޕީޖީ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މުއައްސަސާތަކުގައި އިންސާފު ގާއިމްކޮށްދިނުމުގެ ހުރަހަކަށް ވެފައި ހުރި ކަންކަން ހައްލުކުރާނެ ގޮތްތަކެއް ވެސް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ހުށަހަޅާފައިވެ އެވެ. މި ހައްލުތަކަށް މުއައްސަސާތަކުން މަސައްކަތް ނުކޮށްފި ނަމަ، އެއީ ޖިންސީގޯނާގެ މައްސަލަތަކުގައި ދެން ވެސް ދައުލަތަށް ވެވޭ ބޮޑު އިހުމާލެކެވެ!
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
ކުއްޖާއަށް ނުރައްކާ އޮތް މިންވަރެއް ނޭނގޭ!
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
ޕީޖީ ހުށަހަޅުއްވަނީ އެކީއެކައްޗަކަށް މައްސަލަ ނިންމަން
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
ނުރައްކާ އޮތް އާއިލާތަައް މޮނިޓާކުރަން އަންގަނީ
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
މިހާރު ވެސް އެތިބީ ކުއްޖަކަށް ނަޒަރު ހިންގަހިންގާ!