Roadha Mihaaru
ވިލިނގިލީގައި ކުއްޖަކަށް ވެކްސިން ދޭން ދެކޮޅު ހަދައިފި

ވިލިނގިލީގައި ވެކްސިން ނުދިނުމާއި ސްކޫލަށް ފޮނުވުން ހުއްޓާލި މައްސަލައެއް!

21 ޖެނުއަރީ 2020

ގއ. ވިލިނގިލީގެ އާއިލާއަކުން ވެކްސިން ދޭން އިންކާރުކޮށް، ސްކޫލަށް ފޮނުވުން ހުއްޓާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގއ. ވިލިނގިލީގެ އާއިލާއަކުން ވެކްސިން ދޭން އިންކާރުކޮށް، ސްކޫލަށް ފޮނުވުން ހުއްޓާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ އާއިލާގެ ދެ މަހުގެ ދަރިފުޅަށް ވެކްސިން ދޭން، ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ދާދި ފަހުން މަސައްކަތް ކުރި އެވެ. އެކަމަކު އެ އާއިލާ އިން އެކަމަށް އިންކާރުކޮށް، އެ ކުދިންނަށް ވެކްސިން ދެވޭނެ އެއްވެސް ގޮތެއް ނުދެއްކި ކަމަަށް ވެ އެވެ.

ކުރިން ސްކޫލަށް ފޮނުވަމުން އައި ކުދިންތަކެއްގެ ކިޔެވުން ވަކި ހިސާބަކުން ހުއްޓާލީ ކަމަށް ބައެއް މީހުން ބުންޏެވެ. އާއްމުންނާ ފިކުރު ތަފާތު އެ މީހުން އުޅެނީ ވަކިންނެވެ. މާ ގިނަ މީހުންނާ ވާހަކަ ދައްކައި ގުޅުން ބާއްވައި ނުހަދަ އެވެ.

ވިލިނގިލީ ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ އެ ރަށުގެ އާއިލާއަކުން ވެކްސިން ނުދޭ ކަމަށް ބުނާ އަޑުތަކެއް އެރީ، މިފަހުން ރ. މަޑުއްވަރީގައި ހިނގައިދިޔަ ކަންކަމާ ގުޅިގެންނެވެ. އޭގެ ކުރިން އެ ކަހަލަ މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަަމަށާއި ރަށުގައި އެރި އަޑުތަކާ ގުޅިގެން ބެލި ބެލުމުގައި ސްކޫލަށް ނުފޮނުވާ ވާހަކަ އަކީ މުޅިން ސައްހަ ވާހަކައެއް ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ޔަގީން ކުރެވޭ، އެއީ ދޮގެއް ކަން. އެކަމަކު ވެކްސިން ނުދެއޭ ބުނާ ވާހަކަ އަތޮޅު ހޮސްޕިޓަލާ ގުޅިގެން މި އަންނަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.

"އޭގެ ފަހުން ކަމާބެހޭ މުއައްސަސާތަަކާ އަޅުގަނޑުމެން ހިއްސާ ކުރާނަން."

ރ. މަޑުއްވަރީގެ އާއިލާތަކެއްގެ ތެރޭގައި ހަރުކަށި ފިކުރު ބޮޑުވެ ކުދިންތަކެއް ސްކޫލަށް ނުފޮނުވައި ވެކްސިން ނުދީ ގެންގުޅުނެވެ. އެކަމަށް މި ފަހުން ކަމާބެހޭ އިދާރާތަކުން ވަނީ ހައްލު ހޯދައިފަ އެވެ.

ހަރުކަށި ފިކުރުތަކަށް ތަބާވާ ބައެއް ބެލެނިވެރިންގެ ކުދިން ސްކޫލަކަށް ނުފޮނުވަ އެވެ. ތައުލީމުން މަހްރޫމްކޮށްފައިވާ ކުދިންގެ އަދަދު 250 އަށް ވުރެން މަތި ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ވަނީ ލަފާކޮށްފަ އެވެ. އަދި ވެކްސިން ނުދޭ އަދަދު ވެސް ވެސް ކަންބޮޑުވާ މިންވަރަށް އިތުރު ކަމަށް އެ މުއައްސަސާ އިން ބުނެފައިވެ އެވެ.

ކުޑަކުދިންނަށް ވެކްސިން ނުދޭ މީހުންނާ މެދު ގާނޫނީ ގޮތުން މިވަގުތަށް އެޅެން ހުރި ފިޔަވަޅުތައް ބެލުމަށް ވެސް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ.