Roadha Mihaaru
ދަރިވަރެއްގެ ބޯ ކޮށާލުމުން މިލިއަން ޑޮލަރުގެ ބަދަލަކަށް

ޓީޗަރު ދަރިވަރެއްގެ ބޯކޮށާލުމުން މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ދައުވާކޮށްފި

18 ސެޕްޓެމްބަރ 2021

އެމެރިކާގެ ސްކޫލެއްގައި ޓީޗަރަކު އަންހެން ދަރިވަރެއްގެ ބޯ ކޮށާލުމާ ގުޅިގެން އެއް މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ކުއްޖާގެ ބައްޕަ ބުރާސްފަތި ދުވަހު ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ސްކޫލެއްގައި ޓީޗަރަކު އަންހެން ދަރިވަރެއްގެ ބޯ ކޮށާލުމާ ގުޅިގެން އެއް މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ކުއްޖާގެ ބައްޕަ ބުރާސްފަތި ދުވަހު ދައުވާކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މިޝިގަންގެ މައުންޓް ޕްލެޒެންޓްގައި ހުންނަ ގެނިއާޑް އިލެމެންޓްރީ ސްކޫލްގައި 7 އަހަރުގެ ޖޫނީ ހޮފްމީޔާގެ ބޯ، ޓީޗަރާއި ސްކޫލްގެ އެހެން ދެ މުވައްޒަފަކުވެގެން ކޮށައިލީ ބެލެނިވެރިއެއްގެ ހުއްދަ ވެސް ނެތި އެވެ. އެ މައްސަލާގައި މިލިއަން ޑޮލަރު ހޯދަން ކުއްޖާގެ ބައްޕަ މިޝިގަންގެ ފެޑެރަލް ކޯޓްގައި ދައުވާކުރި، އިރު އޭނާ ވަނީ ދަރިފުޅު ބޯ ކޮށައިލި މައްސަލާގައި ކުއްޖާ އެ ސްކޫލުން ވަކި ވެސް ކޮށްފަ އެވެ.

ދަރިވަރުގެ ބޯކޮށި މައްސަލަ ސްކޫލްގެ މެނޭޖްމަންޓުން ތަހުގީގުކުރި ނަމަވެސް ޓީޗަރަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ޖޫނީގެ ބައްޕަ ޖިމީ ހޮފްމީޔާ މީޑިއާތަކަށް ބުނީ އެޕްރީލް މަހުގެ ތެރޭގައި ދަރިފުޅު އެއް ދުވަހު ސްކޫލުން ގެއަށް އައި އިރު ހުރީ އިސްތަށިގަނޑުގެ އެއް ފަރާތުން ކުރުކޮށް ކޮށާފައި ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އެއިީ ކްލާސް ކުދިން ބަހުގެ ތެރޭގައި ހެދި ގޮތެއް ކަމެއް ކަމަށް ބުންޏެވެ.

ޖޫނީ.

ޖޫނީ.

"އޭގެ ދެ ދުވަހެއް ފަހުން ދަރިފުޅު ސްކޫލުން އައި އިރު ބޮޮލުގެ އަނެއް ފަރާތް ވެސް އޮތީ ކުރުކޮށް ކޮށާލާފައި. ކިހިނެއްވީ ކަމެއްހޭ އެހީމާ ބުނީ ޓީޗަރު ކޮށާލީއޭ،" އެސޯސިއޭޓް ޕްރެސް އަށް ޖިމީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓީޗަރު ކުއްޖާގެ ބޯކޮށާލީ ނަސްލީ ގޮތުން ފުރައްސާރަކުރުމުގެ ގޮތުންނެވެ. އެހެންވެ ސްކޫލްގެ ތެރޭގައި އެފަދަ ކަންކަން ހިންގައި، ދަރިވަރުންނަށް ނަފްސާނީ ގޮތުން ގަސްތުގައި ގެއްލުން ދިނުމަކީ ސްކޫލް މާހައުލު ވެސް ރައްކާތެރި ނޫން ކަމުގެ ހެއްކެއް ކަމަށް ބުންޏެވެ. އަދި އެ މައްސަލާގައި ސްކޫލުން ޓީޗަރާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނޭޅުމަކީ މުޅި ސްކޫލް އެކަމުގައި ޝާމިލުވުން ކަމަށް ވެސް ބުންޏެވެ.

މިކަމާ ގުޅިގެން ސްކޫލުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.