Roadha Mihaaru
ސައޫދީން ދޭ ސްކޮލަޝިޕްގެ އަދަދު 300އަށް އިތުރުކުރަނީ

ރާއްޖެއަށް ސައޫދީން ދޭ ސްކޮލަޝިޕްގެ އަދަދު 300އަށް އިތުރުކުރަނީ

04 އޮކްޓޯބަރ 2016

ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން ދެމުން އަންނަ ސްކޮލަޝިޕްގެ އަދަދު 300 އަށް އިތުރު ކުރުމަށް އެ ގައުމުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން ދެމުން އަންނަ ސްކޮލަޝިޕްގެ އަދަދު 300 އަށް އިތުރު ކުރުމަށް އެ ގައުމުން ނިންމައިފި އެވެ.

ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރުމަށް ސައުދީން މިހާރު ވެސް ރާއްޖެ އަށް 100 ސްކޮލަޝިޕް ދެ އެވެ.

ރާއްޖެ އަށް ސައޫދީން ދޭ ސްކޮލަޝިޕްގެ އަދަދު އިތުރުކުރިކަން އިއުލާން ކުރެއްވީ، ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންއާ އެކު، ސައުދީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އަލް އިއްސާއާ ބޭއްވެވި ބައްދަލުވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔާމީން ސައުދީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހްމަދު އަލް-އިއްސާއާ މިއަދު ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ސައުދީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހްމަދު އަލް-އިއްސާއާ މިއަދު ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ރައީސް ޔާމީނާއި ސައޫދީގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ ފަންނީ ދާއިރާތަކުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާ އެކު ސައުދީ އަރަބިއްޔާގެ ތައުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ އަށް ސައޫދީން އިތުރުކޮށްދިން ސްކޮލަޝިޕްގެ ކަންތައްތައް އަވަސް މުސްތަގުބަލެއްގައި ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔާމީން ސައޫދީއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނާއި ސީނިއާ މިނިސްޓަރުންނާ ބައްދަލުކުރައްވާނެ އެވެ. މިއަދު ވެސް ރައީސް ޔާމީން ވަނީ ބައެއް މިނިސްޓަރުންނާ ބައްދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.