Roadha Mihaaru

އެގްރިކަލްޗާގެ ދާއިރާތަކުން ޑިގްރީ އާއި މާސްޓާސްއަށް ކިޔަވަން ސްކޮލާޝިޕްތަކެއް

އެގްރިކަލްޗާގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ޑިގްރީ އާއި މާސްޓާސް އަށް ކިޔަވަން ސްކޮލާޝިޕް ފުރުސަތުތަކަކަށް ހުޅުވާލައިފި އެވެ.

އެގްރިކަލްޗާގެ ދާއިރާތަކުން ކިޔަވަން ސްކޮލާޝިޕްތަކެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

23 ޖެނުއަރީ 2025

އެގްރިކަލްޗާގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ޑިގްރީ އާއި މާސްޓާސް އަށް ކިޔަވަން ސްކޮލާޝިޕް ފުރުސަތުތަކަކަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ވެލްފެއާ އިން ބުނީ އެއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ދަށުން ހުޅުވާލާ ފުރުސަތުތަކެއް ކަމަށެވެ.

ބެޗްލާސް ޑިގްރީ އިން ހުޅުވާލާފައިވާ ފުރުސަތުތައް:

- އެގްރިކަލްޗަރަލް ސައިންސް

- ވެޓެރިނަރީ/ ޒޫލޮޖީ/ އެނިމަލް ސައިންސް

- އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)

- ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗްލާ އޮފް އިކޮނޮމިކްސް

އޮޅު ހިޔާ ކްލިނިކްގައި ޖަނަވާރުން ސާޖަރީ ކުރުމަށް ހާއްސަކޮށް ހަދާފައިވާ ސާޖަރީ ރޫމް: މިނިސްޓްރީން ވަނީ ވެޓެރިނަރީ ދާއިރާއިން ކިޔަވަން ވެސް ފުރުސަތެއް ހުޅުވާލާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޮޅު ހިޔާ ކްލިނިކްގައި ޖަނަވާރުން ސާޖަރީ ކުރުމަށް ހާއްސަކޮށް ހަދާފައިވާ ސާޖަރީ ރޫމް: މިނިސްޓްރީން ވަނީ ވެޓެރިނަރީ ދާއިރާއިން ކިޔަވަން ވެސް ފުރުސަތެއް ހުޅުވާލާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާސްޓާސް ޑިގްރީ އިން ހުޅުވާލާ ފުރުސަތު:

- ޕްރޮޓެކްޝަން / އެންޓޮމޮލޮޖީ / ޕްލާންޓް ޕެތޮލޮޖީ ދާއިރާ އިން އެއް ފުރުސަތު

މިނިސްޓްރީން ބުނި ގޮތުގައި އޭގެ ތެރެއިން މާސްޓާސްއަށް ޝަރުތު ހަމަވާނީ ކޯހުގެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ އެއް ހާސިލުކޮށްފައިވުމާ އެކު ގުޅުން ހުރި ދާއިރާއެއްގައި ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ ނަމަ އެވެ.

އަދި ބެޗްލާސް ޑިގްރީ ގެ ކޯހަށް ކުރިމަތިލާ ނަމަ، އޯ ލެވެލްގެ ފަސް މާއްދާއިން ސީ އިން ފެށިގެން މަތިން އަދި އޭ ލެވެލްގެ ތިން މާއްދާ އިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައި ވާން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކޯސްތަކަށް އެދުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ. މިނިސްޓްރީން ބުނީ އެ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެޕްލިކޭޝަންއާ އެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާ ނަމަ އެޕްލިކޭޝަން ބާތިލުކުރާނެ ކަމަށެވެ.