Roadha Mihaaru
ޖަލުގެ އިސްލާހު ފަށާނީ އަސާސީ ޚިދުމަތްތަކުން: ކޮމިޝަނާ

ޖަލުގެ އިސްލާހު ފައްޓާނީ އަސާސީ ޚިދުމަތްތަކުން: ކޮމިޝަނަރު

22 ޖެނުއަރީ 2020

ޖަލުތައް އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުން ފެށިގެން ކަމަށް އާ ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖަލުތައް އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުން ފެށިގެން ކަމަށް އާ ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިން އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމުގައި ހުންނެވި އަހްމަދު "މިހާރު" އަށް ވިދާޅުވީ އަސާސީ ހައްގުތަކާއި ބޭސްފަރުވާ އާއި ކަސްރަތަށް ގަވާއިދުން ފުރުސަތު ނުލިބުމާއި އާއިލީ ބައްދަލުވުންތައް ފަދަ ގައިދީންގެ ހައްގުތައް ނިގުޅައިގަނެވޭ ކަންކަން އިސްލާހުކުރަން ރިޕޯޓުގައި މުއައްސަސާތަކަށް އަންގާފައިވާ ކަމަށެވެ.

މި ފަހުން ގައިދީންގެ ހިތްހަމަނުޖެހުން ބޮޑުވި އެއް މައްސަލައަކީ ވެސް މި އެ ހައްގުތައް ކަށަވަރު ނުވުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ކުރިމަތިވެފައި ހުރި ދަތިތަކަށް ވެސް އަވަސް ހައްލުތަކެއް ހޯދަން ޖެހެ އެވެ. ޖަލުތަކުގެ ޖާގައާ ނުބައްދަލު މިންވަރަށް ގައިދީން ބަންދުކޮށްފައިވާ އިރު އެކަށީގެންވާ އަދަދަށް މުވައްޒަފުންނެއް ނެތެވެ.

އޭނާ ވިދާޅުވީ މުވައްޒަފުން ތަމްރީންކޮށް ކުރިއެރުން ފަދަ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަހްމަދު މިއަދު ވަނީ ކަރެކްޝަންސްގެ އިސް ވެރިންނާ ބައްދަލުކުރައްވައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ. ވަރަށް އަވަހަށް ޖަލުތަކަށް ވަޑައިގެން ހާލަތު އިތުރަށް އޮޅުންފިލުއްވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

"އޮޑިޓް ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރަން ފަށައި، ދަތިތަކެއް ހުއްޓަސް ނުވާ ސަބަބުތަކާ އެކު ހިއްސާކުރަން ޖެހޭ ފަރާތްތަކަށް ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.

ކުރިން ވެސް ޖަލުތަކުގައި ހުރި މައްސަލަ އެނގިވަޑައިގަންނަވާ އަހްމަދު ވިދާޅުވީ އިސްލާހު ކުރަން ޖެހޭ ކަންކަން ގިނަ ކަމަށެވެ. އެއާ އެކު ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރު މުއްދަތަކުން ކުރެވޭ ކަންކަމާއި ޖަލުގެ ޖާގަ އިތުރުން ފަދަ ދިގު މުއްދަތަކުން ހައްލުވާނެ ކަންކަން ހުރި ކަމަށާއި އެ ކަންކަން ހޯމް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ވަރަށް ބޮޑު އިސްކަމެއް ދޭނަން ކަރެކްޝަންސަށް އިތުބާރު އުފައްދަން،" އަހްމަދު ވިދާޅުވި އެވެ.

ޖަލުތަކުގެ ހާލަތު ބަލަން މި ސަރުކާރުން އުފެއްދި ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި 180 ކަމެއް އިސްލާހު ކުރަން ލަފާދީފައިވެ އެވެ. އެކަމަކު މި ކަންކަން އިސްލާހުނުވުމުގެ ކަންބޮޑުވުމާ އެކު ދާދި ފަހުން ގައިދީން ވަނީ ޖަލުގައި ހަމަނުޖެހުން ހިންގައިފަ އެވެ.

ޖަލު ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަބްދުﷲ މުނާޒް މަގާމުން އިއްޔެ ވަކިކުރި އިރު، ޖަލު އޮޑިޓުގައިވާ ކަންކަން ތަންފީޒުނުވީ، އޭނާގެ އިހުމާލާއި ޒިންމާ އަދާނުކުރުމުގެ ސަބަބުން ކަމަށް ބުނެ ބޮޑެތި ފާޑުކިއުމެއް އަމާޒުވި އެވެ. އެކަމަކު މި ތުހުމަތު އޭނާ ދޮގުކުރެއްވި އެވެ.

މުނާޒް ވިދާޅުވީ އޭނާ ވަކިކުރީ ވެރިކަން ކުރާ ކޯލިޝަންގެ އެތެރެއިންނާއި ބޭރުން ގުޅިގެން ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.

ޖަލުގެ ހާލަތު ރަނގަޅު ކުރުމާއި ޖަލުގައި ހިންގާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާންގެ ވާހަކަތަކާއި މުނާޒް ދައްކަވާ ވާހަކަ ދިމާނުވާ ހާލަތު ވެސް ކުރިމަތިވެފައި ވެ އެވެ. އަދި އެންމެ ފަހުން ޖަލުގައި ގައިދީން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ވެސް މުނާޒް ވާހަކަ ދެއްކެވީ ފުލުހުން ބުނި ވާހަކަތަކާ ފުށުއަރާ ގޮތަށެވެ. އޭގެ ކުރީގެ ހަމަނުޖެހުންތަކުގައި ވެސް މިކަން ކުރިމަތިވެފައިވެ އެވެ.