މާފުށީ ޖަލުގައި ފޯނު ބޭނުންކުރުން ހުއްޓުވުމަށް ހަރުކުރި އެންޓަނާގެ ނަތީޖާ ފެންނަ ކަމަށާއި މިހާރު ޖަލުގެ މޯބައިލް ނެޓްވޯކަކީ މޮނީޓަކުރެވޭ ނެޓްވޯކެއް ކަމަށް ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
22 ނޮވެމްބަރ 2022
މާފުށީ ޖަލުގައި ފޯނު ބޭނުންކުރުން ހުއްޓުވުމަށް ހަރުކުރި އެންޓަނާގެ ނަތީޖާ ފެންނަ ކަމަށާއި މިހާރު ޖަލުގެ މޯބައިލް ނެޓްވޯކަކީ މޮނީޓަކުރެވޭ ނެޓްވޯކެއް ކަމަށް ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
ޕޮލިހާއި ކަރެކްޝަންސް އަދި ހޯމް މިނިސްޓްރީ ގުޅިގެން މިދިޔަ ހަފުތާގައި ބޭއްވި ޕްރެސް ކޮންފަރެންސަށް ފަހު، ޕްރިޒަންސް ކޮމިޝަނަރު "މިހާރު" އަށް ވިދާޅުވީ، މާފުށީ ޖަލުގައި ހަރުކުރި "ހަނީޕޮޓް" އެންޓަނާގެ ސަބަބުން، ޖަލުގައި ކުރާ ފޯނު ކޯލުތައް މޮނީޓަކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ހުއްދަ ދީގެން ބޭނުންކުރާ މޮބައިލް ފޯނުތަކާއި ހުއްދަ ނެތި ގެންގުޅޭ ފޯނުތައް އޭގެ ސަބަބުން ދެނެގަނެވޭ ކަމަށެވެ.
"މިހާރު ދަނީ ކޮންމެ ދުވަހަކު އަންނަ ފޯނު ކޯލުތައް މޮނީޓާކޮށް، ސްކޭމް ކޯލުތައް ކުރާ މީހުން ފާހަގަކޮށް އެ ކޯލްތައް ބްލޮކް ކުރަމުން. އޭގެ އިމްޕެކްޓް ފެންނަން ފަށައިފި،" ކޮމިޝަނަރު ވިދާޅުވި އެވެ.
ޖަލުތަކުގައި ފޯނު ބޭނުންކުރުމާއި ސްކޭމް ކޯލުތައް ކުރުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެކަން ހައްލުކުރަން މާފުށީ ޖަލުގައި ޖޭމަރެއް ވެސް ހަރުކުރި އެވެ. އެކަމަކު، މީހުން ދިރިއުޅޭ ރަށަކަށް ވާތީ އެކަށީގެންވާ ގޮތެއްގައި އެ ބޭނުން ނުކުރެވޭ ކަމަށް ބުނެ އެ ބޭނުންކުރުން ހުއްޓާލީ އެވެ.
އެހެންވެ، ޖަލުގައި ފޯނު ބޭނުންކުރުމުގެ މައްސަލައަށް ކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުންގެ ލަފައާ އެކު ބެހެއްޓީ އެކަމަށް ހާއްސަ އެންޓަނާއެކެވެ. އެކަމަކު އެއިން ލިބޭ މައުލޫމާތަށް ބަލާއިރު ޕްރައިވެސީ މައްސަލަ ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު، މިދިޔަ ހަފުތާގެ ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"މިހާރު އަޅުގަނޑަށް އެއް ކަމެއް ކަށަވަރުކުރެވޭނެ. ޖަލުގެ މޮބައިލް ނެޓްވޯކަކީ މޮނިޓާޑް ނެޓްވޯކެއް. މާނައަކީ، އެ ތަނުގައި ހުއްދަ ދެވިގެން ބޭނުންކުރާ މޮބައިލްތަކަކީ ކޮބާ ކަމާއި ހުއްދަ ނެތި ބޭނުންކުރާ މޮބައިލްތައް އަޅުގަނޑުމެންނަށް އެބަ ދެނެގަނެވޭ. އާއްމުން ދިރިއުޅޭ ތަނެއްގައި ހުންނަ ސަރަހައްދަކަށް ވާތީ އެ ތަނަކީ އާއްމު ރައްޔިތުންގެ ނަމްބަރުތަކާ އެއްޗެހި އަންނާނެ، ޕްރޮސެސްއެއްގެ ތެރެއިން މިކަން ކުރަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ޕްރިޒަން ކޮމިޝަނަރު ވިދާޅުވީ ޖަލުތަކުގައި ފޯނު ބޭނުންކުރާ މައްސަލައަށް އެ އިދާރާއަށް އެކަނި ހައްލެއް ނުގެނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައްސަލަ ހައްލުކުރެވޭނީ ނިޒާމު ތެރޭގައި ދެން ހުރި ހުރިހާ މައްސަލައަކަށް ހައްލު އަންނައިރު. އެއީ ހަމައެކަނި ހޯމް ސެކްޓާއަށް ހައްލުވާނެ ކަމެއް ނޫން. ސާވިސް ޕްރޮވައިޑަރުން، ސިމް ދޫކުރުމުގައި ގެންގުޅުމުގެ އުސޫލުތަކަށް ބަދަލު އަންނަންޖެހޭ. ހަމަ އެގޮތަށް، ޑޭޓާ ޝެއާކުރުމުގެ މައްސަލަތަކަށް ހައްލު އަންނަންޖެހޭ. ގާނޫނުތަކަށް ވެސް އިސްލާހު އަންނަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
މި ހުރިހާ ކަމެއް އިންތިޒާމްވެގެން އައުމުން، ޖަލުގައި ފޯނު ބޭނުންކުރުމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ޖަލަށް ފޯނެއް ވެއްދުމުގެ ފެށޭ އަގު: 10،000ރ.
އިމްރާނާއި ސީޕީ އަހުމަދު ގައިދީންނާ އެކު ރޯދަވީއްލައިފި
ހައި ރިސްކް 17 ގައިދީއަކު ގޭބަންދަށް ބަދަލުކޮށްފި
ޖަލަށް ވައްދަން އުޅުނު ކުޑަކުޑަ ފޯނެއް އަތުލައިގެންފި
ގައިދީންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
ޖަލުގެ އިސްލާހު ފަށާނީ އަސާސީ ޚިދުމަތްތަކުން: ކޮމިޝަނާ
ޖަލުގައި ހިނގި ކަންކަން ހަމައަކަށް އެޅިއްޖެ: މުނާޒް
ޖަލުތަކުގެ އިސްލާހު "ވާނުވާގައި"، ހިތްހަމަނުޖެހުން!
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!