Roadha Mihaaru
3އަހަރުގެ ކުއްޖަކާ ބެހުނު 76އަހަރުގެ މީހަކު ހައްޔަރު

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި 76 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

22 ޖެނުއަރީ 2020

މެދު ދެކުނު ސަރަހައްދުގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އުމުރުން 76 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެދު ދެކުނު ސަރަހައްދުގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އުމުރުން 76 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިި މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މެންދުރު 1:00 ހާއިރު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކުޑަކުއްޖާގެ މައުލޫމާތު ހާމަވެދާނެތީ އެއީ ކޮން ރަށެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އިޒްމިއާ ވިދާޅުވި ގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކަކީ އެ އިދާރާއިން ސީރިއަސްކޮށް ބަލަމުންދާ ކަންތައްތަކެއް ކަމަށެވެ.

ގއ. ކަނޑުހުޅުދޫގައި މި ފަހުން ދެ އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެ، ކުޑަކުދިންނާ ބެހުމުގެ ކަންތައް ވަނީ ގައުމީ ބޮޑު މައްސަލަ އަކަށް ވެފަ އެވެ. މި ހަފުތާގެ ތެރޭގައި ވެސް ކުޑަކުދިންނާ ބެހުމުގެ ތަފާތު އެކި މައްސަލަތަކުގައި އުމުރުން ދުވަސްވީ މީހުން ހައްޔަރުކޮށްފައި ވެ އެވެ.

ކަނޑުހުޅުދޫގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 80 އަހަރުގެ ފިރިހެނެއް އަދި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 56 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.