Roadha Mihaaru
ރިޖާލް، ނޭޕާލް ލީގު ދޫކޮށް ރާއްޖޭގެ ދެވަނަ ޑިވިޝަނަށް

ރިޖާލް، ނޭޕާލް ލީގު ދޫކޮށް ރާއްޖޭގެ ދެ ވަނަ ޑިވިޝަނަށް

27 ޖެނުއަރީ 2020

މިހާރު ކުރިއަށްދާ ނޭޕާލް ލީގުގެ އެއް ވަނައިގައި އޮތް މަޗިންދްރާ އެފްސީގެ ފޯވާޑް އަދި ނޭޕާލް ގައުމީ ޓީމަށް ވެސް ކުޅޭ އަބީޝެކް ރިޖާލް އެ ކްލަބުން ރިލީޒް ހޯދައިގެން ރާއްޖޭގެ ދެ ވަނަ ޑިވިޝަނުގެ ޖޭޖޭ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިހާރު ކުރިއަށްދާ ނޭޕާލް ލީގުގެ އެއް ވަނައިގައި އޮތް މަޗިންދްރާ އެފްސީގެ ފޯވާޑް އަދި ނޭޕާލް ގައުމީ ޓީމަށް ވެސް ކުޅޭ އަބީޝެކް ރިޖާލް އެ ކްލަބުން ރިލީޒް ހޯދައިގެން ރާއްޖޭގެ ދެ ވަނަ ޑިވިޝަނުގެ ޖޭޖޭ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

ނޭޕާލް ލީގުގައި މަޗިންދްރާ އިން ނުވަ މެޗު ކުޅެ އެއް ވަނައިގައި އޮތުމުން، ބާކީ އޮތް ފަސް މެޗުގެ ނަތީޖާއާ އެކު އެ ޓީމުން ފުރަތަމަ ފަހަރަށް މި ސީޒަނުގައި ލީގު ކާމިޔާބުކުރާނެ ކަމަށްބެލެވެ އެވެ. އެހެންވެ މަޗިންދްރާއާ އެކު ލީގު ކާމިޔާބުކުރެވެން އޮއްވާ ރިޖާލް އެ ކްލަބް ދޫކޮށް ރާއްޖޭގެ ދެ ވަނަ ޑިވިޝަނަށް އައުމަކީ ހައިރާންކަމެކެވެ.

"ވަރަށް ހައިރާންވޭ އޭނާ އެ ކްލަބް ދޫކޮށްލުމުން،" ނޭޕާލުގެ ނޫސްވެރިޔަކު ބުންޏެވެ.

ފަހަރުގައި ޖޭޖޭ އިން ރިޖާލަށް ބޮޑު މުސާރައެއް ހުށަހެޅުމުން ކްލަބް ބަދަލުކުރީ އެވެ. އަނެއް ސަބަބަކީ މަޗިންދްރާ އިން އިތުރު ފޯވާޑުންތަކެއް ގެނައުމުން، މިވަގުތު އޭނާ އަށް އެކަށީގެންވާ ފުރުސަތު ނުލިބުމެވެ. އެހެންވެ ރާއްޖޭގެ ދެ ވަނަ ޑިވިޝަނުގައި ބާކީ ދެން އޮތް މަހެއްހާ ދުވަހު ކުޅެލައި ފޯމް މަތިކޮށްލަން، ރަނގަޅު އޮފާއެއްގެ ބޭނުން އޭނާ ހިފީ ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ ދެ ވަނަ ޑިވިޝަނުގެ ޓީމުތަކުން ބިދޭސީ ކުޅުންތެރިން ގެނައުމަކީ މިހާރު ވަރަށް އާއްމު ކަމެކެވެ. އެކަމަކު ރިޖާލް އަކީ އެއްވެސް ގައުމެއްގެ ގައުމީ ޓީމެއްގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަނިކޮށް ރާއްޖޭގެ ދެ ވަނަ ޑިވިޝަނުގެ ޓީމަކަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ ކަމަށް ބެލެވެ އެވެ.

ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ ކޯޗުކޮށްދޭ ޖޭޖޭ އަށް މިހާރު ވެސް ނޭޕާލް 23 އަހަރުން ދަށުގެ ޓީމުގެ ގޯލްކީޕަރު އަރްޕަން ކަރްކީލް އާއި ޔޫކްރޭން ޑިފެންޑަރެއް ކަމަށްވާ ޔެފިމްޗުކް އޮލޭ އަންނަނީ ކުޅެމުންނެވެ.

އުމުރުން 19 އަހަރުގެ ރިޖާލް އަކީ ނޭޕާލުގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ގަދަފަދަ އޮސްޓްރޭލިއާ އަތުން ނޭޕާލް 5-0 އިން ބަލިވި މެޗާއި ކުވޭތު އަތުން 1-0 އިން އަދި 7-0 އިން ބަލިވި މެޗުގައި ކުޅެފަ އެވެ. އަދި މިދިޔަ ޖޫން މަހު އެކުވެރިކަމުގެ މެޗެއްގައި ނޭޕާލާއި ޗައިނީސް ޓައިޕޭ އެއްވަރުވި މެޗުގައި އޭނާ ވަނީ ނޭޕާލް ސީނިއާ ގައުމީ ޓީމަށް ފުރަތަމަ ގޯލް ޖަހައިދީފަ އެވެ.

މީގެ އިތުރުން ރިޖާލް ވަނީ ޑިސެމްބަރު މަހު އޮތް ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލަށް ރަން މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ ލީގު ބުރުގައި ބޫޓާން އަތުން 4-0 އިން މޮޅުވި މެޗާއި ރާއްޖެ އަތުން 2-1 އިން މޮޅުވި މެޗުގައި ފައިނަލުގައި ބޫޓާން އަތުން 2-1 އިން މޮޅުވި މެޗުގައި ލަނޑު ޖަހައިފަ އެވެ. އެ ތިން ގޯލާ އެކު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ނޭޕާލުގެ ސުޖަލް ޝްރެސްތާއާ އެކު އޭނާ ހިއްސާކުރި އެވެ.

ދެ ވަނަ ޑިވިޝަނުގައި ޖޭޖޭ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކްލަބް އަތުން 3-1 އިން އަދި ދެ ވަނަ މެޗުން 19 އަހަރުން ދަށުގެ ގައުމީ ޓީމު އަތުން މޮޅުވީ 1-0 އިންނެވެ.

ޖޭޖޭ އާއި ސިފައިން އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ގްރޫޕް އެކެއްގައި ދެން އޮތީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސް އެވެ. ގްރޫޕް ދޭއްގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ކުރީގެ ގަދަބާރު ކްލަބް ވެލެންސިއާ އާއި ކްލަބް ޕީކޭ އާއި ކުޑަހެންވޭރު ޔުނައިޓެޑް އަދި ބީޖީ ސްޕޯޓްސް އެވެ. ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ އުސޫލުން ކުޅޭ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ. ފައިނަލަށް ހޮވޭ ދެ ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.