Roadha Mihaaru
17 އަހަރުގެ ކީޕަރު: "އަހަރެން މިހިރީ ހަމަބިމުގައި"

17 އަހަރުގެ ކީޕަރު: "އަހަރެން މިހިރީ ހަމަބިމުގައި"

05 އޮކްޓޯބަރ 2016

ފްލޮރެންސް (އޮކްޓޯބަރު 5) - އިޓަލީގެ އެއް ވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންއާ އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި އޭނާގެ ފަރާތުން ބައިވަރު ކަންކަން ދަސްކުރަން ބޭނުންވާ ކަމަށް އިޓަލީ ޓީމުން ޖާގަ ހޯދާފައިވާ އުމުރުން 17 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފްލޮރެންސް (އޮކްޓޯބަރު 5) - އިޓަލީގެ އެއް ވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންއާ އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި އޭނާގެ ފަރާތުން ބައިވަރު ކަންކަން ދަސްކުރަން ބޭނުންވާ ކަމަށް އިޓަލީ ޓީމުން ޖާގަ ހޯދާފައިވާ އުމުރުން 17 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ބުނެފި އެވެ.

"އަހަންނާ ބުފޮންއާ އޮތީ ވަރަށް ހާއްސަ ގުޅުމެއް. ގައުމީ ޓީމުގައި ފުރަތަމަ ހިމެނުނު ދުވަސްކޮޅު އޭނާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. ޓްރެއިނިންގައި ވެސް އޭނާގެ ކޮންމެ ހަރަކާތަކަށް އަހަރެން ސަމާލުކަންދެން. އަހަރެން ބޭނުން އޭނާގެ ފަރާތުން ހުރިހާ ކަމެއް ދަސްކުރަން،" ޑޮންނަރުއްމާ ބުންޏެވެ.

ޑޮންނަރުއްމާ އަކީ އިޓަލީގައި ކުރިއަށް 50 އަހަރު ވެސް އުފެދޭނެ އެންމެ މޮޅު ކީޕަރު ކަމަށް އިޓަލީ ގައުމީ ޓީމުގެ ކީޕަރު ޖިއޮވާނީ ގަލީ ވަނީ ބުނެފަ އެވެ. އަދި އޭނާ އަކީ ބުފޮން އަށް ވުރެ ވެސް މޮޅު ކީޕަރަކަށް ވާނެ ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ބުނެފަ އެވެ.

"އަހަރެންގެ މައިންބަފައިން އަހަންނަށް ދަސްކޮށްދިން ފުރަތަމަ ކަމަކީ ބޮޑާނުވުން. އަހަރެން ބަލަނީ ހަމަބިމުގައި ހުރެ، ވީހާ ވެސް ރަނގަޅަށް މަސައްކަތްކުރަން،" ޑޮންނަރުއްމާ ބުންޏެވެ. "އަހަންނަކީ އާއިލާގެ ބަސްއަހާ މީހެއް. އަހަރެންގެ ބައްޕަ ބުނި އަހަރެން ގާތު ޓެޓޫ ނުޖަހައްޗޭ ކަންފަތް ނުތޮރުފައްޗޭ. އެގޮތުގައި އަހަރެން ހުންނާނީ."

އޭނާ ގަންނަން ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން މިހާރު ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ޑޮންނަރުއްމާ ބުނީ ޓްރާންސްފާ ވާހަކަތަކުން އެއްވެސް އަސަރެއް ނުކުރާ ކަމަށާއި މިވަގުތު ހުރިހާ ވެސް ވިސްނުމަކީ އޭސީ މިލާނާ އެކު ކާމިޔާބު ހޯދުން ކަމަށެވެ.

އިޓަލީގެ އާ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ވަނީ މިދިޔަ މަހު ފްރާންސްދާ ދެކޮޅަށް ކުޅުނު މެޗުގައި ޑޮންނަރުއްމާ އަށް ފުރުސަތު ދީފަ އެވެ. އޭނާ އަކީ އިޓަލީ ގައުމީ ޓީމަށް މިދިޔަ 105 އަހަރުގެ ތެރޭގައި ނެގި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

އިޓަލީ ގައުމީ ޓީމަށް ބުފޮން 1997 ވަނަ އަހަރު ކުޅެން ފެށި ފަހުން އުފަންވި ޑޮންނަރުއްމާ އަކީ ބުފޮންގެ ޖާގަ ކުރިމަގުގައި ފުރާނެ ކަމަށް ބެލެވޭ ކީޕަރެވެ. މިދިޔަ ސީޒަނުގައި އުމުރުން 16 އަހަރުގައި މިލާނުގެ ފުރަތަމަ 11 ގައި ކުޅެން ފެށި ޑޮންނަރުއްމާގެ އަގެއްގެ ގޮތުގައި މިލާނުން ކަނޑައަޅާފައިވަނީ 50 މިލިއަން ޔޫރޯ އެވެ.