Roadha Mihaaru
"އެންމެން" ކުރަހަން އުޅުނު މީހާ މަރުވެއްޖެ

ނިއު ޔޯކްގެ "އެންމެން" ކުރަހަން އުޅުނު މީހާ މަރުވެއްޖެ

30 ޖެނުއަރީ 2020

އެމެރިކާގެ ނިއު ޔޯކް ސިޓީގައި ދިރިއުޅޭ "އެންމެން" ގެ ސޫރަ ކުރަހަން އަމާޒު ހިފި މީހާ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ނިއު ޔޯކް ސިޓީގައި ދިރިއުޅޭ "އެންމެން" ގެ ސޫރަ ކުރަހަން އަމާޒު ހިފި މީހާ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އިލަސްޓްރޭޓަރެއްގެ ގޮތުގައި މަޝްހޫރު ޖޭޒަން ޕޯލަން، 37، ހޯމަ ދުވަހު މަރުވެފައިވާކަން އާއިލާ އިން ކަށަވަރުކޮށްދީފައިވާ ކަމަށާއި އޭނާ މަރުވީ ކެންސަރު ބަލީގައި ކަމަށެވެ.

"އިވްރީ ޕާސަން އިން ނިއު ޔޯކް" ގެ ނަމުގައި ފެށި ހަރަކާތަކާ އެކު 2008 އިން ފެށިގެން ޖޭޒަން ދިޔައީ ނިއު ޔޯކުން ފެންނަހާ މީހެއްގެ ސޫރަ ސްކެޗްކުރަމުންނެވެ. މިކަން އޭނާ ކުރާކަށް ވަކި ވަގުތެއް، ވަކި ތަނެއް ނޯވެ އެވެ. އެގޮތުން ރޭލު ސްޓޭޝަންތަކާއި މިއުޒިއަމްތަކާއި މަގުތަކާއި ޕާކްތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުން ފެންނަ މީހުންގެ ސޫރަ، އެއިން މީހަކަށް ރޭކާ ވެސް ނުލައި ޖޭޒަން ދިޔައީ ސްކެޗްކުރަމުންނެވެ. އަދި އެއްޗެހި އޭނާގެ ބްލޮގްގައި ހިމަނަމުން ގޮސްފައިވެ އެވެ.

މިޝިގަން އަށް އުފަން ޖޭޒަން ބުނެފައިވާ ގޮތުގައި އޭނާ އަބަދު ވެސް ކުރަހަނީ، އެ ހުރި ތަނެއްގައި ހުރެގެން ކުރަހާކަން އެއްވެސް މީހަކަށް ނޭނގޭ ގޮތަށެވެ. އެގޮތުން މިހާތަނަށް ވަރަށް ގިނަ މީސްމީހުންގެ ސޫރަ ޖޭޒަން ސްކެޗްކޮށްފައިވާ އިރު، އެންމެ ފަހުގެ މަސައްކަތަކީ "މޭން އެޓް ޓާކޯ ބެލް" ގެ ނަމުގައި ޑިސެމްބަރު 16، 2019 ގައި ކުރެހި ކުރެހުމެވެ.

އޭނާ ކުރަހާފައިވާ ސޫރަތަކުގެ ތެރޭގައި މަޝްހޫރު ބައެއް މީސްމީހުން ވެސް ހިމެނެ އެވެ. އެކަމަކު ގިނައީ ހަމަ ނިއު ޔޯކުން ފެންނަ އާންމު މީހުންނެވެ. އެގޮތުން 2015 އާ ހަމައަށް އޭނާ ސްކެޗްކުރި 30،000 ސޫރައިގެ ތެރެއިން ހޮވާލި ބައެއް ކުރެހުންތަކާ އެކު ފޮތެއް ވެސް ނެރެފައިވެ އެވެ.

މިޝިގަން ޔުނިވަސިޓީން އެންތުރޮލޮޖީ އެންޑް އާޓް އެންޑް ޑިޒައިނިން އުން ޑަބަލް ޑިގްރީ ހާސިލުކޮށްފައިވާ ޖޭޒަންގެ ސްކެޗްތައް އެމެރިކާގެ މަޝްހޫރު ބައެއް ނޫސްތަކާއި މަޖައްލާތަކުގައި ވެސް ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދަ ނިއު ޔޯކާ، ދަ ނިއު ޔޯކް ޓައިމްސް، މެޓްރޮޕޮލިސް މެގަޒިން އަދި ޓިމޮތީ މެކްސްނީވީޒް ކްއާޓަލީ ކޮންސާން ހިމެނެ އެވެ.