Roadha Mihaaru

ހައްޔަރުކުރާނެ ކަމަށް މަމްދާނީ ވިދާޅުވެފައި އޮތަސް ނިއު ޔޯކަށް ދާނަން: ނަތަންޔާހޫ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރާނެ ކަމަށް ނިއު ޔޯކްގެ އިންތިހާބީ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެފައި ވިޔަސް ނިއު ޔޯކް ދަތުރު ކެންސަލް ނުކުރާނެ ކަމަށް ނަތަންޔާހޫ ބުނެފި އެވެ.

"ހައްޔަރުކުރިޔަސް" ނިއު ޔޯކަށް ދާނަން: ނަތަންޔާހޫ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރާނެ ކަމަށް ނިއު ޔޯކްގެ އިންތިހާބީ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެފައި ވިޔަސް ނިއު ޔޯކް ދަތުރު ކެންސަލް ނުކުރާނެ ކަމަށް ނަތަންޔާހޫ ބުނެފި އެވެ.

"އާދެ، އަޅުގަނޑު ނިއު ޔޯކަށް ދާނަން،" ނިއު ޔޯކް ޓައިމްސް އަށް ވާޗުއަލްކޮށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުންޏެވެ.

އެމެރިކާއަށް ކުރާ ދަތުރުގައި މަމްދާނީއާ ބައްދަލުކުރާނަންތޯ ސުވާލުކުރުމުން ނަތަންޔާހޫ ބުނީ "މަމްދާނީގެ ވިސްނުން ބަދަލުކޮށް، އިޒްރޭލު އޮތުމުގެ ހައްގު އޮންނާނެ ކަމަށް ވިދާޅުވެއްޖެ ނަމަ" އެއީ ވާހަކަ ދައްކަން ރަނގަޅު ފެށުމަކަށް ވާނެ ކަމަށެވެ.

ނަތަންޔާހޫ އެހެން ބުނި ނަމަވެސް، ޑިމޮކްރެޓިކް ސޯޝަލިސްޓެއް އަދި ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީ އެތައް ފަހަރަކު ވަނީ އިޒްރޭލަށް ވެސް ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އިޒްރޭލަކީ "ޔަހޫދީ ދައުލަތު" ގެ ގޮތުގައި އޮތުމާ މެދު އޭނާގެ ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވެފައިވަނީ އެއްވެސް ދައުލަތަކީ ވަކި ދީނަކަށް، ނަސްލަކަށް އަދި އެހެން ކަމަކަށް ބަލައިގެން އެ ބަޔަކަށް ހާއްސަ ދައުލަތެއްގެ ގޮތުގައި އޮތުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

އަންނަ މަހު މޭޔަރުކަމާ ހަވާލުވެ ވަޑައިގަންނަވާ މަމްދާނީ ކެމްޕެއިން ތެރޭގައި ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ މޭޔަރުކަމުގައި ނަތަންޔާހޫ ނިއު ޔޯކަށް ވަދެފި ނަމަ، ޣައްޒާގެ ނަސްލު ނައްތާލުމުގެ ޖަރީމާގެ މައްސަލައިގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން މިދިޔަ އަހަރު ނެރެފައިވާ ހައްޔަރު އަމުރު ތަންފީޒުކުރަން ފުލުހުން ފޮނުވާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ކޯޓުގެ އެ ނިންމުމަށް އިޒްރޭލުން ރުޅިވެރިކަމާ އެކު ރައްދު ދީފައި ވާއިރު އެމެރިކާ އާއި ރަޝިޔާ އަކީ އައިސީސީގެ މެންބަރު ގައުމުތަކެއް ނޫނެވެ.

އެމެރިކާގައި އިމިގްރޭޝަންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ފެޑެރަލް ސަރުކާރުން ކަމަށް ވާއިރު ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އައިސީސީގެ އަމުރަށް ފާޑު ވިދާޅުވެ އިޒްރޭލާއި އިޒްރޭލުގެ ވެރިންގެ ދިފާއުގައި ތަކުރާރުކޮށް ވާހަކަ ދައްކައިފަ އެވެ.

ނިއު ޔޯކަކީ އިޒްރޭލުން ބޭރުގައި ޔަހޫދީންގެ އާބާދީ އެންމެ ބޮޑު ތަނަށް ވާއިރު އެއީ ނަތަންޔާހޫ އާންމުކޮށް ބައިވެރިވާ އދ.ގެ އާންމު މަޖިލިސް ވެސް ބާއްވާ ސިޓީ އެވެ.

އެމެރިކާ އާއި އދ. އާ ދެމެދު ވެފައި އޮންނަ އެއްބަސްވުމުގެ ދަށުން، އދ.ގެ ބޭނުންތަކަށް ނިއު ޔޯކަށް ދިއުމަށް ބޭނުންވާ ވިސާ އެމެރިކާއިން ކޮންމެ މީހަކަށް ވެސް ދޭން ޖެހެ އެވެ. އެކަމަކު މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އާންމު މަޖިލީހަށް ވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ވިސާ ދޭން އެމެރިކާއިން ވަނީ އިންކާރުކޮށްފަ އެވެ. -- އޭއެފްޕީ