Roadha Mihaaru
ދިރާގުން ޓީޗަރުންނަށް ހާއްސަ ޕްލޭންތަކެއް ތައާރަފްކޮށްފި

ދިރާގުން ޓީޗަރުންނަށް ހާއްސަ ޕްލޭންތަކެއް: މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓް

05 އޮކްޓޯބަރ 2016

ޕޯސްޓްޕެއިޑާއި ބްރޯޑްޑްބޭންޑް އިންޓަނެޓް ޕެކޭޖުތަކުގެ މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ޕްލޭންތަކެއް ޓީޗަރުންނަށް ހާއްސަކޮށް ދިރާގުން މިއަދު ތައާރަފްކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ޕޯސްޓްޕެއިޑާއި ބްރޯޑްޑްބޭންޑް އިންޓަނެޓް ޕެކޭޖުތަކުގެ މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ޕްލޭންތަކެއް ޓީޗަރުންނަށް ހާއްސަކޮށް ދިރާގުން މިއަދު ތައާރަފްކޮށްފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ނެރުނީ ދެ ޕްލޭނެކެވެ. އޭގެ ތެރެއިން ފުރަތަމަ ޕްލޭނުގެ ދަށުން، ނަގާ ކޮންމެ ޕޯސްޓްޕެއިޑް ޕެކޭޖަކަށް ފުރަތަމަ ތިން މަސްދުވަހުގެ މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ. ދިރާގުގެ ޕޯސްޓްޕެއިޑް ޕެކޭޖެއް މިހާރު ގެންގުޅޭ ޓީޗަރުން ވެސް އެކަމަށް އެދި ފޯމު ހުށަހެޅުމުން، ތިން މަސްދުވަސް ވަންދެން މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

ދެވަނަ ޕްލޭނަކީ ނަގާ ކޮންމެ ބްރޯޑްބޭންޑް ޕޯސްޓްޕެއިޑެއްގެ މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބުމުގެ އިތުރަށް، މޮބައިލް ވައިފައި (މައިފައި) ޑިވައިސްއެއް ހިލޭ ލިބޭ ޕްލޭނެކެވެ. ދިރާގުގެ ބްރޯޑްބޭންޑް ޕޯސްޓްޕެއިޑް ޕެކޭޖު މިހާރު ގެންގުޅޭ ޓީޗަރުންނަށް ވެސް އެކަމަށް އެދި ފޯމު ހުށަހެޅުމުން، ތިން މަސްދުވަސް ވަންދެން މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

އެއާ އެކު، ދިރާގުން ވަނީ ދެ އިންޓަނެޓް ޕެކޭޖެއް ވެސް ތައާރަފްކޮށްފަ އެވެ. އެއީ މަހަކު 499 ރުފިޔާ އަށް 10 ޖީބީގެ ޑޭޓާ ލިބޭ ޕެކޭޖަކާއި 699 ރުފިޔާގެ މަހު ފީ އަކަށް 20 ޖީބީގެ ޑޭޓާ ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖުތަކުން ވެސް ފުރަތަމަ ތިން މަސްދުވަހުގެ މަހު ފީން 50 ޕަސެންޓް ޑިސްކައުންޓް ލިބޭއިރު، ހިލޭ މައިފައި ޑިވައިސްއެއް ވެސް ލިބެ އެވެ.

މި ޕްލޭންތައް ތައާރަފްކުރުމަށް ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ޓީޗަރުން ކުރާ ބުރަ މަސައްކަތް ދިރާގުން ވަޒަންކުރާ ކަމަށެވެ. ޓީޗަރުންގެ ދުވަހަކީ އެ ފަރާތްތަކުގެ މަސައްކަތް ބަލައިގަންނަން ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓީޗަރުންނަކީ ވަަރަށް މުހިއްމު ދައުރެއް އަދާކުރައްވާ ބައެއް. އެ ބޭފުޅުންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންކޮޅެއް، ކެނޑިނޭޅި މަސައްކަތް ކުރައްވާ މުޅި އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ބިންގަލެއް އަޅައިދިނުމުގެ ގޮތުން،" މިރުޝާން ވިދާޅުވި އެވެ.

އިތުރު ފީއެއް ނުނަގާ މި ޕްލޭންތަކަށް އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހެ އެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ ތައުލީމީ ތަނެއްގައި މަސައްކަތް ކުރާ ޓީޗަަރަކަށް ވެސް މި ޕްލޭންތައް ނެގޭއިރު، ޓީޗަރެއްކަން ޔަގީން ކުރަނީ ފޯމުގައި އެ ތަނެއްގެ ތައްގަނޑު ޖަހައިގެންނެވެ.