Roadha Mihaaru
ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެއިން ފެނިއްޖެ

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނިއްޖެ

31 ޖެނުއަރީ 2020

ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނިއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ކުއްލި ނިއުސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވި ގޮތުގައި، ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން، މާލެ ކައިރީގައި އޮންނަ ފުނަދޫގައި އެކަހެރި ކޮށްގެން ފަރުވާ ދެމުން އަންނަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އަމީން ވިދާޅުވީ، ޗައިނާގެ ޒިއަމެން ސިޓީން ރޭ ރާއްޖެ އައި އެ ޒުވާނާ މިދިޔަ 14 ދުވަހުގެ ތެރޭގައި ދަތުރުކުރި ތަންތަނަށް ބަލައި، ކޮރޯނާވައިރަހަށް ޝައްކުކުރެވޭ މިންގަނޑުތަކަށް ފެތޭ ކަމަށެވެ. އެހެންވެ، ޓެސްޓުތައް ހަދައި، ފުނަދޫގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ބަހައްޓައިގެން ފަރުވާ ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ފިރިހެން މީހާ، ޗައިނާގެ މީޓް މާރުކޭޓަކަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ މީހާ އަށް ޖެހިފައި ވަނީ ކޮރޯނާވައިރަސްކަން ކަށަވަރު ކުރުމަށް ސާމްޕަލް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ތަފްސީލުތައް ލިބުމުން ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކޮރޯނާވައިރަސް ހުރިތޯ ބެލުމުގެ ޓެސްޓް ހެދޭލަށް ރާއްޖޭގައި އަދިއެއް ނެތެވެ. އެހެންވެ، ޓެސްޓްތައް ހަދަން ފޮނުވަން ޖެހެނީ އިންޑިއާގެ ޕޫނޭ އަށެވެ. އަދި އިންޑިއާ އިން 48 ގަޑިއިރުގެ ތެރޭގައި ޓެސްޓުތައް ހެދޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަދި އިތުރަށް ބަލައި މޮނީޓާ ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް:

1- އަލާމާތްތައް ފެނުމުގެ 14 ދުވަސްކުރިން ޗައިނާގެ ވޫހާން އަދި ހުބޭ ޕްރޮވިންސަށް ދަތުރުކުރުން.

2- އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ހުންނަ މީޓް މާކެޓަކަށް ގޮސްފައިވުން.

3- ކޮރޯނާވައިރަސްގެ އަލާމާތްތައް ކަމުގައިވާ ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސުން އަދި ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ހުރުން.

4- ބަލިމީހާއަކީ އެ ބަލި އުޅޭ ސަރަހައްދެއްގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްދޭ ފަރާތަކަށްވުން.

5- އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ބަލި ޖެހިފައިވާކަމަށް ބެލެވޭ މީހަކާ އެކުގައި އުޅެފައިވުން ނުވަތަ އެފަދަ ބަލި މީހުން ތިބޭ ތަނަކަށް ޒިރާރަތް ކޮށްފައިވުން.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެލިއިރު އެ މީހާގެ ގައިގައި ހުމެއް ނެތެވެ. އަދޮ އޭނާ ގެ އަށް ދިއުމަށް ފަހު، ރޯގާ ހުރި ކަމަށް ފާހަގަކުރެވިގެން، ހޮސްޕިޓަލަށް ގޮސް، ޓެސްޓު ކުރިއިރު ވެސް ހުމުގެ އަލާމާތެއް ނެތް ކަމަށް އަމީން ވިދާޅުވި އެވެ. އެ އަށް ފަހު ސްކްރީނިންގެ ތެރޭގައި، އޭނާ ދަތުރުކޮށްފައި ހުރި ތަންތަނުގެ މައުލޫމާތު ހޯދުމުން އެނގުނީ، މިދިޔަ 14 ދުވަސް ތެރޭގައި އެފަދަ މާރުކޭޓަކަށް ގޮސްފައިވާ ކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނުމާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާން

ޝައްކު ކުރެވޭ ގިންތިތަކުގެ ތެރެއިން އެއްވެސް ކަމެއް ފާހަގަކުރެވިފައިވާ ނަމަ އެމީހުން އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓައިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޑަބްލިއުއެޗްއޯ މެދުވެރިކޮށް މި ސާމްޕަލް ފޮނުވުމުގެ މަސައްކަތް ފެށިފައި މި ވަނީ. ސާމްޕަލް ފޮނުވައިގެން ވީހާ ވެސް އަވަހަކަށް އަޅުގަނޑުމެން ނަތީޖާ ހޯދާނަން،" އަމީން ވިދާޅުވި އެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނިފައިވާ ކަން ހެލްތު މިނިސްޓަރު އަމީން އިއުލާން ކުރެއްވުން

މިނިސްޓަރު ވިދާޅުވީ، މި ހާލަތުގައި ވެސް އަމަލު ކުރަމުން އަންނަނީ ޑަބްލިއުއެޗްއޯގެ އިރުޝާދުތަކަށް ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ ޑރ. އަހުމަދު ޒިއާން، މިރޭގެ ނިއުސް ބްރީފިންގައި ވިދާޅުވީ ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މިންގަނޑުތަކަށް ފެތޭތީ އެ ހޮސްޕިޓަލްގެ އެލާޓަށް އެކަން އައިސްގެން، ޑޮކްޓަރުންގެ ޓީމެއް އެކަން ބެލި ކަމަށެވެ. ބެލިއިރު އެ މީހާގެ ގައިގައި އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި ކަމަށާއި ޓެސްޓުތައް ހެދިއިރު އެހެން އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ. ހެދި އެކްސްރޭ ވެސް އައީ ނޯމަލްކޮށް ކަމަށް ވިދާޅުވި އެވެ.

"އޭނާ އަކީ ހަމައެކަނި އަރިދަފުސް ރޯގާ ހުރި މީހެއް. އޭނާގެ ކޮންޑިޝަން ސީރިއަސްއެއް ނޫން. އެހެން ހާލަތެއްގައި ނަމަ އޭނާ އަކީ ހަމަ ގޭގައި ހުރެގެން ފަރުވާ ދެވޭނެ މީހެއް،" ޒިއާން ވިދާޅުވި އެވެ.

ޒިއާން ވިދާޅުވި ގޮތުގައި، އެ މީހާ އެއާޕޯޓުން ގެއަށް ދިޔަ ގޮތަށް ކޮޓަރިން ބޭރަށް ނުކުމެފައެއް ނުވެ އެވެ. އަދި ބޭރުން އެހެން މީހަކާ ކޮންޓެކްޓްވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 170 މީހުން މަރުވެފައިވާއިރު އެ ބައްޔަށް 7،711 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.