Roadha Mihaaru
ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފި

ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފި

02 ފެބުރުއަރީ 2020

ޗައިނާގެ މެއިންލޭންޑުން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ސީދާ އައުން މަނާކޮށް، ދިވެހި ސަރުކާރުން މިއަދު ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ.

ޗައިނާގެ މެއިންލޭންޑުން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ސީދާ އައުން މަނާކޮށް، ދިވެހި ސަރުކާރުން މިއަދު ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އެޑްވައިޒަރީ ނެރުއްވީ މިރޭ ދަންވަރު 12 ން ފެށިގެން އަމަލު ކުރަން ފަށާ ގޮތަށް ކަަމަށެވެ. އަދި އެ ފިޔަވަޅު އެޅުއްވީ، ކޮރޯނާވައިރަހާ ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ވެސް އެންމެ ރައްކާތެރި ފިޔަވަޅަކީ އެއީ ކަމަށް ވާތީ އެ ނިންމެވުން ރައީސް ނިންމެވީ ކަމަށް އަލީ ވިދާޅުވި އެވެ.

ޗައިނާ އިން ފެތުރެން ފެށި ކޮރޯނާވައިރަހާ ގުޅިގެން، ރާއްޖެ-ޗައިނާގެ ސީދާ ފްލައިޓްތައް މިދިޔަ ހަފުތާގައި ވަނީ ހުއްޓާލައިފަ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖެ އިން ޓްރެވެލް އެޑްވައިޒަރީއެއް ނެރުނީ ކޮރޯނާވައިރަހާ ގުޅިގެން ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށެވެ. ޚާއްސަކޮށް އެ ވައިރަސް ޖެހިފައިވާ މީހަކު ޗައިނާ އިން ބޭރުން އެހެން ގައުމަކުން މިއަދު މަރުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އަމީން ވިދާޅުވި އެވެ.

މި ހިސާބަށް އައިއިރު، ރާއްޖެ އަށް ދެން ރައްކާތެރި ވުމުގެ ގޮތުން، ރާއްޖޭގެ ހާލަތަށް ބަލާފައި ދެން އެޅެން އޮތް އެންމެ ފުރަތަމަ ހަރުދަނާ ފިޔަވަޅަކީ އެއީ [ޓްރެވެލް އެޑްވައިޒަރީ] ކަމަށް ވާތީ ސަރުކާރުން އެ ނިންމުން ނިންމީ،" އަމީން

"އެއާ ގުޅިގެން އެ ގައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ މިންގަނޑުތަކާ ދޭތެރޭ އެ ގައުމަކުން ވިސްނައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މި އަޅަނީ. އެހެންވީމާ ރާއްޖެ އަށް ޗައިނާ އިން ސީދާ ދަތުރުކުރާ ފްލައިޓްތައް ހުއްޓާލުމަށް ފަހު ދެން އަޅުގަނޑުމެން އިތުރަށް ބަލަންޖެހޭ ބެލުމުގެ ތެރެއިން ސްކްރީނިން ވެސް ހަރުދަނާ ކުރުމާއި ދެން ހުރި މަސައްކަތްތައް ވެސް ކުރިއަށް އެބަގެންދޭ،" އަމީން ވިދާޅުވި އެވެ.

"މި ހިސާބަށް އައިއިރު، ރާއްޖެ އަށް ދެން ރައްކާތެރި ވުމުގެ ގޮތުން، ރާއްޖޭގެ ހާލަތަށް ބަލާފައި ދެން އެޅެން އޮތް އެންމެ ފުރަތަމަ ހަރުދަނާ ފިޔަވަޅަކީ އެއީ [ޓްރެވެލް އެޑްވައިޒަރީ] ކަމަށް ވާތީ ސަރުކާރުން އެ ނިންމުން ނިންމީ."

ކޮރޯނާވައިރަހާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން މައުލޫމާތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ކަނޑައަޅުއްވާފައިވާ ޚާއްސަ މަންދޫބު ޓޫރިޒަމް މިނިސްޓަރު އަލީ ވިދާޅުވީ، ޗައިނާގެ މެއިންލޭންޑުން ފުރައިގެން އެއްވެސް މީހަކަށް ރާއްޖެ ނާދެވޭ ގޮތަށް ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން ޓްރާންސިޓް ފްލައިޓެއްގައި ވެސް ނާދެވޭނެ ކަމަށެވެ.

"އެހެން ނަމަވެސް ރާއްޖޭގެ ބައެއް ދިވެހިން އެ ތާނގައި އެބަތިބި. ދިވެއްސަކު ވެސް ދެން ރާއްޖެ އަނބުރާ އަންނަން ވެއްޖެ ނަމަ ސްޓްރެއިޓްކޮށް ދާނީ ކަރަންޓީން ފެސިލިޓީ އަށް،" އޭނާ ވިދާޅުވި އެވެ.

"މި ވަގުތު ސޭފްޓީ އަށް ވުރެ މުހިންމު އެއްވެސް ކަމެއް އަޅުގަނޑުމެންގެ ކުރިމައްޗަކު ނެތް. މިއީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި ރާއްޖެ އަށް ޒިޔާރަތް ކުރާ މީހުންނާއި ރާއްޖޭގައި މިވަގުތު ދިރިއުޅެމުންދާ މީހުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއް ދީގެން އެޅުނު ފިޔަވަޅެއް."

އަލީ ވިދާޅުވި ގޮތުގައި ޗައިނާގެ މެއިންލޭންޑުގައި ޓްރާންސިޓް ކުރުމަށް ފަހު، އެކި ގައުމުތަކުން ރާއްޖެ އަށް ޓޫރިސްޓުން ދަތުރުކުރެ އެވެ. އެކަމަކު، ސީދާ ޗައިނާ އިން މައިގަނޑު ގޮތެއްގައި ރާއްޖެ އަންނަމުން ދިޔައީ އެ ގައުމުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ޗާންސެއް މިހާރު ރާއްޖޭގެ ބޯޑަރުން އެތެރެވާކަށް މިރޭ 12 ން ފެށިގެން ނޯންނާނެ އެއްވެސް ނޭޝަނަލިޓީ އަކަށް. މިއީ ވަކި ނޭޝަނަލިޓީ އަށް އޮތް ފިޔަވަޅެއް ނޫން. ދުނިޔޭގެ އެއްވެސް ޕާސްޕޯޓް ހޯލްޑަރަކަށް ޗައިނާގެ މެއިންލޭންޑުން މާދަމާ އިން ފެށިގެން ފުރައިގެން ވައިގެ މަގުން ވިޔަސް ކަނޑުމަގުން ވިޔަސް ރާއްޖެ އަކަށް އެތެރެއެެއް ނުވެވޭނެ،" އަލީ ވިދާޅުވި އެވެ.

ޗައިނާގެ މެއިންލޭންޑުން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތަށް ޓްރެވެލް އެޑްވައިޒަރީއެއް އެންމެ ފަހުން މި އެޅީ ރާއްޖެ އަށް ކިހާވަރެއްގެ ނުރައްކަލެއް އޮވެގެންތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ހާލަތު ބަދަލުވާ ގޮތަށް ބަލައި ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ޓްރެވަލް އެޑްވައިޒަރީއެއް ނެރުމަކީ ވަގުތާއި ހާލަތަށް ބަލާފައި ދިވެހި ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ޗާންސެއް މިހާރު ރާއްޖޭގެ ބޯޑަރުން އެތެރެވާކަށް މިރޭ 12 ން ފެށިގެން ނޯންނާނެ އެއްވެސް ނޭޝަނަލިޓީ އަކަށް. މިއީ ވަކި ނޭޝަނަލިޓީ އަށް އޮތް ފިޔަވަޅެއް ނޫން. ދުނިޔޭގެ އެއްވެސް ޕާސްޕޯޓް ހޯލްޑަރަކަށް ޗައިނާގެ މެއިންލޭންޑުން މާދަމާ އިން ފެށިގެން ފުރައިގެން ވައިގެ މަގުން ވިޔަސް ކަނޑުމަގުން ވިޔަސް ރާއްޖެ އަކަށް އެތެރެއެެއް ނުވެވޭނެ،" އަލީ ވަހީދު

ރާއްޖެ އިން ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެކަހެރި ކޮށްގެން ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ. އުމުރުން 20 އަހަރުގެ ދިވެހި އެ ފިރިހެންމީހާ އަށް ކޮރޯނާވައިރަސް ޖެހިފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް އޭނާގެ ސާމްޕަލްތައް ވަނީ އިންޑިއާ އަށް ފޮނުވައިފަ އެވެ. ރާއްޖެ އިން އެ ޓެސްޓުތައް އަދި ނުހެދޭތީ ސާމްޕަލްތައް ފޮނުވީ އިންޑިއާގެ ޕޫނޭ އަށެވެ.

އެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ދިވެހި ސަރުކާރުން މިހާރު ލަފާކުރަނީ މާދަމާގެ ވަގުތެއްގަ އެވެ.

މިނިސްޓަރު އަމީން ރޭ ވިދާޅުވެފައި ވަނީ އެ ޒުވާނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ.